ފުލުހުންނަށް ޚާއްސަކޮށްގެން ހުޅުމާލޭގައި އަޅާ 350 ފުލެޓް ހިމެނޭ ތިން ބްލޮކުގެ ކޮންކްރީޓްގެ މަސައްކަތް ނިމިއްޖެއެވެ.
މިއީ ފުލުހުންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފުލުހުން ޙިއްސާވާ ގޮތަށް އުފައްދާފައިވާ ވިޔަފާރި ކުންފުނި "ޕޮލްކޯ" އާއި ސަރުކާރުގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ޢިމާރާތް ކުރައްވާ ފްލެޓް ޕްރޮޖެކްޓެވެ. މި ފުލެޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބު ފުލުހުންގެ އެގްޒެކެޓިވް ބޯޑު މެމްބަރުންނާއެކު ހުޅުމާލެއަށް ވަޑައިގެން، ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ވަނީ ބައްލަވާލައްވާފައެވެ. އެތަނުގެ މަސައްކަތް ބައްލަވާލެއްވުމަށްފަހު ފުލުހުންގެ އެގްޒެކެޓިވް ބޯޑު މެމްބަރުންނާއި ޕޮލްކޯގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވަމުން، ސީ.ޕީ އަރީފްވަނީ، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ދެއްވާ އަޙައްމިއްޔަތު އެންމެހައި ފުލުހުން ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ފާހަގަކުރައްވާފައެވެ.
އަދި މި ޕްރޮޖެކްޓްގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދަވާތީ އެކަމާމެދު ވަރަށް ބޮޑަށް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށާއި މިހާރު މަސައްކަތް ކުރިއަށްދާ ގޮތަށް ބަލާނަމަ ކައިރި މުސްތަޤުބަލެއްގައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އެފުލެޓްތަކުގައި ދިރިއުޅެން ފެށޭނެ ކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށް ސީޕީ އަރީފް ވިދާޅުވިއެވެ. މި ޕްރޮޖެކްޓަށް ސަރުކާރުން ވެދެއްވާ ދީލަތި އެހީތެރިކަމާއި އެއްބާރުލުން ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު އަރީފު ފާހަގަކުރެއްވިއެވެ.
މި ފުލެޓްތަކަށް ބޭނުންވާ ފަރުނީޗަރުތަކާއި އެހެންވެސް ސާމާނުތައް ރާއްޖެއިން ބޭރުން ޑިއުޓީ ފްރީކޮށް ގެނެސްދިނުމުގެ އިންތިޒާމުތައް ޕޮލްކޯއިން ވަނީ ހަމަޖައްސާފައެވެ.
ފުލުހުންގެ ވެލްފެއަރގެ ކަންކަން ހަރުދަނާކުރުމުގެ ގޮތުން ފުލުހުން ހިއްސާވާ ގޮތަށް އުފައްދާފައިވާ ވިޔަފާރި ކުންފުނި 'ޕޮލްކޯ" އާއި ސަރުކާރުގެ އެހީތެރިކަމާއެކު ހުޅުމާލޭގައި ޢިމާރާތް ކުރައްވާ ފްލެޓް ޕްރޮޖެކްޓް ބެހިފައިވަނީ 3 ބްލޮކަކަށެވެ. އެއީ 12 ބުރިއަށް ހައްދަވާ ބްލޮކަކާއި، ސާދަ ބުރިއަށް ހައްދަވާ ދެބްލޮކެކެވެ. މި ފްލެޓްތަކުގެ މަސައްކަތް މިހާރު ކުރިއަށް ގޮސްފައިވާ ހިސާބަށް ބަލާއިރު 14 ބުރީގެ ބީ ބްލޮކްގެ ކޮންކްރީޓް ހުރިހައި މަސައްކަތެއް ނިމި 4 ވަނަ ބުރިއާއި ހަމައަށް ރޭނުމުގެ މަސައްކަތްވަނީ ނިމިފައެވެ. އަދި އަނެއް ދެ ބްލޮކުގައިވެސް ކޮންކްރީޓް މަސައްކަތް ވަނީ ފަށާފައެވެ. ކުރިއަށް އޮތް ދެތިން މަސް ދުވަހުގެ ތެރޭގައި އެ އިމާރާތުގެ އޭ ބްލޮކްގެ ފުރަތަމަ ބުރީގެ މަސައްކަތް މުޅިން ނިންމައި އެއިމާރާތުގެ ފުލެޓްތައް ހުންނާނެ ގޮތުގެ ނަމޫނާ ދައްކާލެވޭނެ ކަމަށް މި މަސައްކަތުގެ ކޮންޓްރެކްޓަރާއި ހަވާލާދެއްވާ ފުލުހުންގެ ފަރާތުންް ވިދާޅުވެއެވެ.