ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން މިއަދު ހުޅުމާލޭގައި މާރކެޓް ސަރވޭއެއް ފަށައިފިއެވެ.
މިއީ ހުޅުމާލޭގެ ކުނި ކަލެކްޓްކުރަން ފެށުމުގެ ކުރިން ޢާމުންގެ ޚިޔާލު ހޯދުމަށް ކުރާ ސާރވޭއެއްކަމަށް އެ ކުންފުނިން ބުނެއެވެ. ހުޅުމަލޭގެ ކުނި މެނޭޖްކުރުމާއި ވޭސްޓް ޔާރޑް ބައްޓަންކުރުމުގެ މަސައްކަތް ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝާނާއި ޙަވާލުކުރީ މިދިޔަ އަހަރުގެ ތެރޭގައިއެވެ.
ވެމްކޯއިން މިހާރު އަންނަނީ ހުޅުމާލޭގެ ގޭބިސީތަކުން ކުނި ކަލެކްޓްކޮށް، ވޭސްޓްޔާޑަށް ގެންދަން ކުރަންޖެހޭ މަސައްކަތުގެ ތެރެއިން މާރކެޓް ސާރވޭކުރުމުގެ މަސައްކަތް ކުރަމުންނެވެ.
5 ދުވަހުގެ މިސާރވޭގެ ބޭނުމަކީ ގޭބިސީތަކުން ކުނި ކަލެކްޓް ކުރުމާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުން ކަމަށް އެކުންފުނިން ބުނެއެވެ. އަދި މިކަމަށް އެއްބާރުލުން ދިނުމަށް އެ ކުންފުނިން އެދޭ ކަމަށް ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ފާތިމަތު ޝަމްވީލާ ވިދާޅުވިއެވެ.
"މިސާރވޭގައި އަޅުގަނޑުމެން މި ބޭނުންވާ މަޢުލޫމާތަކީ ތިބޭފުޅުން ބޭނުންވާ ގޮތަށް ކަލެކްޝަން ޚިދުމަތް ބައްޓަން ކުރުމައްޓަކައި ބޭނުންވާ މައުލޫމާތު.. އެއްބާރުލުން އެދެއްވުން އެދެން،" ފާތިމަތު ޝަމްވީލާ ވިދާޅުވިއެވެ.
އެ ކުންފުނިން ބުނީ ކުނި ކަލެކްޓްކުރާ މެތަޑްތައް ކަނޑައަޅަން ހަމަޖެހިފައިވަނީ މި ސާރވޭގެ އަލީގައިކަމަށެވެ. މިކަމާ ގުޅޭގޮތުން އެޗްޑީސީގެ މަލްޓިޕަލް ޑިރެކްޓަރ އިސްމާޢީލް ޝާން ރަޝީދު ވިދާޅުވީ ހުޅުމާލެއަކީ ޕްލޭންކޮށްގެން ތަރައްޤީކުރާ ތަނަކަށްވުމުން، ކުނި މެނޭޖްކުރުމުގެ ހަރުދަނާ އުޞޫލެއް ޤާއިމްކުރުމަށް އެ ކުންފުނިން އިސްކަންދޭ ކަމަށާއި އެހެންކަމުން މިސާރވޭއަށް އެއްބާރުލުން ދިނުން މުހިންމު ކަމަށެވެ.
"އަޅުގަނޑުމެންގެ އެދުމަކީ ހުޅުމާލޭގެ ރައްޔިތުން ކުނީގެ ކަންތައް މެނޭޖްކުރުމުގައި ހުޅުމާލޭގެ މުނިސްޕަލް ކަންތައް ބަލަހައްޓާ އިސްފަރާތެއްގެ ގޮތުން އެޗްޑީސީން މި ކުރާ ކަންތައްތަކާއި ވެމްކޯއިން ހިންގާ ކަންކަމުގައި ވީހާވެސް ބޮޑަކަށް އެއްބާރުލުން ދިނުން" އިސްމާޢީލް ޝާން ރަޝީދު ވިދާޅުވިއެވެ.
ހުޅުމާލޭގެ ވޭސްޓްޔާޑުން ކުނި ބޭރުކުރުމުގެ މަސައްކަތް ވެމްކޯއިން ފެށީ މިދިޔަ އަހަރު ޖޫން މަހުގެ ތެރޭގައެވެ. ހުޅުމާލޭގެ ވޭސްޓް ކަލެކްޝަން ސެންޓަރު ތަރައްޤީކުރުން ވެމްކޯއާ ޙަވާލުކުރީ މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައިއެވެ. ވެމްކޯއިން ހުޅުމާލޭގައި ކުރާ 5 ދުވަހުގެ މި ސާރވޭ ކުރިއަށް ގެންދަނީ ކޮންމެ ދުވަހަކު ހެދުނު އަށަކުން މެންދުރު 1 އަށް ކަމަށް ވެމްކޯއިން ބުނެއެވެ.