ކުޅިވަރު

2 ވަނަ ޑިވިޝަންގެ ޗެންޕިއަންކަން ސީ ލައިފް ހޯދައިފި


ޤައުމީ ވޮލީ ލީގުގެ ދެވަނަ ޑިވިޝަންގެ ޗެންޕިއަންކަން ސީ ލައިފް ސްޕޯޓްސް ކުލަބް ހޯދައިފިއެވެ. ސީ ލައިފް ސްޕޯޓްސް ކުލަބް މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ ވާދަކޮށް ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ. 

މިމެޗުގެ ސެޓްތައް ސީ ލައިފް ސްޕޯޓްސް ކުލަބް ގެންދިޔައީ 25-17، 25-20 އަދި 25-17 ނެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޗެންޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ މަންދީބް ސިންގްއެވެ. މުބާރާތުގެ އެންމެ ހަތް ކުޅުންތެރިންނަކީ މާޒިޔާގެ ލުގްމާން ލަތީފް، އަހުމަދު މުހައްމަދު، މުހައްމަދު އަލީ، ޗެންޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ އަހުމަދު އަލީ، މުހައްމަދު ނިހާދު، އަބްދުﷲ ހަސަން އަދި އިސްމާޢީލް ރަޝީދުއެވެ. 2 ވަނަ ޑިވިޝަން ވޮލީ ބޯޅަ މުބާރާތުގެ 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިއަކީ ކުލަބް ހާފް ލިންކޭޖްގެ އިސްމާޢީލް ނަސީރުއެވެ. އަދި މިމުބާރާތުގެ 21 އަހަރުން ދަށުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ހުސެއިން ރަޒާންއެވެ. 

img:http://s2.psmnews.mv/images/660x400/14850293788331.jpg|2ވަނަ ޑިވިޝަން ޗެންޕިއަން ޝީ ލައިފް ސްޕޯޓްސް ކުލަބް (ފޮޓޯ:ޕީއެސްއެމް)

މިމުބާރާތުގެ ފެއާރ ޕްލޭ ޓީމަކީ ޕްރިޒަން ރެކްރިއޭޝަން ކުލަބެވެ. ދެވަނަ ޑިވިޝަން ވޮލީ ބޯޅަ މުބާރާތުގެ އެންމެ މޮޅު ކޯޗަކަށް ހޮވިފައިވަނީ އަލީ އަޝްރަފްއެވެ. އަދި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޗެންޕިއަން ސީ ލައިފް ސްޕޯޓްސް ކުލަބްގެ މަންދީބް ސިންގްއެވެ. ދެ ވަނަ ޑިވިޝަން ވޮލީ ބޯޅަ މުބާރާތުގެ ތިންވަނަ ޓީމަކީ ސްޕޯޓްސް ކްލަބް ސިޓީއެވެ.