ކުޅިވަރު

ބެޑްމިންޓަންގެ ވައިޑީޕީ ޕްރޮގްރާމް ހުރިހާ އަތޮޅަކަށް


ބެޑްމިންޓަން އެސޯސިއޭޝަނުން މުޅި ރާއްޖޭގައި ވައިޑީޕީ ޕްރޮގްރާމްތައް ފަށަން ނިންމައިފިއެވެ. މިހާރުވެސް ބައެއް އަތޮޅު ތަކުގައާއި މާލޭގައި އަމިއްލަ ފަރާތްތަކުން ދަނީ ވައިޑީޕީ ޕްރޮގްރާމްތައް ހިންގަމުންނެވެ. ބެޑްމިންޓަން އެސޯސިއޭޝަންގެ ޗީފް އޮޕަރޭޓިން އޮފިސަރ މުހައްމަދު ރިޝާން ވިދާޅުވީ ބެޑްމިންޓަން އެސޯސިއޭޝަންގެ މިއަހަރުގެ އެންމެ ބޮޑު އެއް އަމާޒަކީ ވީހާވެސް ގިނަ އަތޮޅެއްގައި އެސޯސިއޭޝަންގެ ބެލުމުގެ ދަށުން ވައިޑީޕީ ޕްރޮގްރާމްތައް ހިންގުންކަމަށެވެ. މިއަންނަ މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ވައިޑީޕީ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވާކަމަށް ރިޝާން ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީއާއެކު މިއަންނަ މަހުގެ ތެރޭގައި މާލެ، ވިލިގިލި އަދި ހުޅުމާލޭގެ ސްކޫލްތަކުގައިވެސް ބެޑްމިންޓަންގެ ވައީޑީޕީ ޕްރޮގްރާމްތައް ފެށުމަށް އެސޯސިއޭޝަނުން ވަނީ ނިންމަވާފައެވެ.

"ކުރިންވެސް އަމިއްލަ ފަރާތަކުން ވައިޑީޕީ ހިންގާ. މިހާރު މިޕްރޮގްރާމްގެ ދަށުން އަޅުގަނޑުމެން މިކުރާކަމަކީ އަމިއްލަ ފަރާތްތަކުން ހިންގާ ވައިޑީޕީތަކަށް ރަސްމީ ހައިސިއްޔަތެއް ދެނީ. ސްކޫލްތަކާ ގުޅިގެން މިޕްރޮގްރާމް ހިންގާއިރު، ސްކޫލްތަކުން ކުދިން ގެނައުމާ، ޝައުގުވެރިކަން ހުންނަ ކުދިން ދެނެގަތުމަށް އެހީވާގޮތަށްވަނީ ހަމަޖެހިފަ. ސްކޫލްތަކުގައިވެސް ވައިޑީޕީ ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ބެޑްމިންޓަން އެސޯސިއޭޝަންގެ ކޯޗުން." ރިޝާން ވިދާޅުވިއެވެ.

img:http://s3.psmnews.mv/images/660x400/14847126336886.jpg|ވައިޑީޕީ ޕްރްގްރާމެއްގެ ތެރެއިން: ފޮޓޯ-އެސޯސިއޭޝަން

ބެޑްމިންޓަން އެސޯސިއޭޝަންގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުހައްމަދު ރިޝާން އިތުރަށް ވިދާޅުވީ މިޕްރޮގްރާމަށް ރަސްމީ ހައިސިއްޔަތެއް ދިނުމުން ސްކޫލްތަކުގެ ކުދިންނަށާއި، ވައިޑީޕީ ޕްރޮގްރާމްތައް ހިންގާ ކޯޗުންނަށް ވަރަށް ގިނަ ފައިދާ ތަކެއް ކުރާނެކަމަށެވެ. ޚާއްސަކޮށް ބެޑްމިންޓަން އޭޝިއަން ކޮންފެޑެރޭޝަން ޤަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބުމާއި، އެޖަމްއިއްޔާގެ އެހީތައް ލިބުން ހިމެނޭކަމަށް ރިޝާން ވިދާޅުވިއެވެ.

"މީގެ ސަބަބުން ކޯޗުންނަށް ވަރަށް ފައިދާ ކުރާނެ. ވައިޑީޕީތަކަށް ރަސްމީ ހައިސިއްޔަތެއް ދިނުމުން، ބީއޭސީ ޤައުމުތައް މެދުވެރިކޮށް އެހީތަށް ހޯދުމަށް ވަރަށް ބޮޑު ފަސޭހައެއް ވެގެންދާނެ. އޭގެތެރޭގައި ވައިޑީޕީ ހިންގުމަށް ބޭނުންވާ ސާމާނު ލިބުންވެސް ހިމެނޭ. ވައިޑީޕީ ކޯޗުންނަށް މުސާރަ ދިނުމާއި، ބެޑްމިންޓަން އޭޝިއަން ޑިވޮލޮޕްމަންޓް ކޮމެޓީން ހިންގާ އެކިއެކި ކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތުވެސް ލިބިގެންދާނެ. އަދި ކޯޗުން ތަމްރީން ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމާއި، ރާއްޖެއިން ބޭރުގެ ކޯޗުން ގެނެސް ރާއްޖޭގެ ވައިޑީޕީ ޕްރޮގްރާމްތަކުގައި ބޭނުން ކުރެވިދާނެ" ރިޝާން ވިދާޅުވިއެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މުހައްމަދު ރިޝާން ވިދާޅުވީ ވައިޑީޕީ ހިންގުމަށް ސްޕޮންސަރުންގެ އެހީތެރިކަން ހޯދުމަށް މިހާރު މަސައްކަތް ކުރަމުންދާކަމަށާއި، ރާއްޖޭގައި މީގެ ކުރިން ވައިޑީޕީ ޕްރޮގްރާމްތައް ނުހިންގާ އަތޮޅުތަކުންވެސް މިހާރު ވައިޑީޕީ ޕްރޮގްރާމްތައް ހިންގުމަށް އެސޯސިއޭޝަނަށް ގުޅަމުންދާކަމެވެ.