މިއަހަރު އިންވިޓޭޝަނަލް ބާސްކެޓް ބޯލް މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.
އަމީންދީދީ އިންވިޓޭޝަނަލް ބާސްކެޓް ބޯޅަ މުބާރާތް މިއަހަރުގެ ނޮވެމްބަރ މަހަށް ބާސްކެޓްބޯލް އެސޯސިއޭޝަންގެ ކަލަންޑަރުގައިވަނީ ތާވަލްކޮށްފައެވެ. މިއަހަރުގެ ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ކަލަންޑަރާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސް މަމްދޫހު ވިދާޅުވީ މިއަހަރުގެ ނޮވެމްބަރ މަހަށް ތާވަލްކޮށްފައިވާ އަމީންދީދީ އިންވިޓޭޝަން މުބާރާތުގެ ނަން ބަދަލުވުން އެކަށީގެންވާކަމަށެވެ. އަމީންދީދީގެ ނަމުގެ ބަދަލުގައި މުބާރާތުގައި ބޭނުން ކުރާނެ ނަމެއް އަދި މިހާތަނަށް ނިންމާފައިނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިދިޔަ އަހަރުގެ ކަލަންޑަރުގައިވެސް މިމުބާރާތް ހިމަނާފައި ވީނަމަވެސް، އެމުބާރާތް ބޭއްވިފައެއްނުވެއެވެ. މަމްދޫހު ވިދާޅުވީ މިއަހަރު އިންވިޓޭޝަނަލް މުބާރާތް ބޭއްވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ. އަދި މިމުބާރާތުގައި ވާދަކުރުމަށް ދައުވަތު ދޭނީ މިސަރަހައްދުގެ ޓީމްތަކަށްކަމަށް މަމްދޫހު ވިދާޅުވިއެވެ. މުބާރާތް ކުރިއަށް ގެންދިއުމަށް ބޭނުންވަނީ މިސަރަހައްދުގެ ހަތަރު ގައުމާ އެކުކަމަށާއި، ނަމަވެސް މުބާރާތުގެ އެންމެ ފަހުގެ ނިންމުންތަށް ނިންމާނީ އެކްސްކޯއިންކަމަށްވެސް ބާސްކެޓް ބޯލް އެސޯސިއޭޝަންގެ ރައީސްކަމަށް ދާދިފަހުން އިންތިޚާބުވި މަމްދޫހު ވިދާޅުވިއެވެ.
އިންވިޓޭޝަނަލް މުބާރާތުގެ އިިތުރުން މިއަހަރު ބާސްކެޓްގެ ސީޒަން ފެށުމުގެ ގޮތުން ސީޒަން އޯޕަނިން މެޗެއްވެސްވަނީ ކަލަންޑަރުގައި ހިމަނާފައެވެ. މަމްދޫހު ވިދާޅުވީ ސީޒަން އޯޕަނިން މެޗްގައި ކުޅޭނެ ދެ ޓީމް އަދި ނުނިންމާކަމަށާ ނަމަވެސް އެންމެ އަވަހަށް ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްކޯ ބައްދަލުވުމެއްގައި މިކަންތައްތައް ފައިނަލް ކުރާނެކަމަށެވެ.