ނެޝަނަލް ޔޫރޯ ރީނަލް އެންޑް ފާޓިލިޓީ ސެންޓަރުގެ ޚިދުމަތް ދެއްވަން ފެއްޓެވިތާ އެއްމަސްދުވަސް ވެފައިވާއިރު، އެސެންޓަރުން އެންމެ ފަހުން ދެއްވަން ފެއްޓެވި ޚިދުމަތަކީ އުފަންވަނިވި ޞިއްޙަތުގެ ޚިދުމަތެވެ. އެގޮތުން އާދީއްތަ ދުވަހުން ފެށިގެން ކަމާގުޅޭ ޚާއްޞަ ޑޮކްޓަރުންނަށް ދެއްކުމުގެ ޚިދުމަތް އެސެންޓަރުން ދަނީ ފޯރުކޮށްދެއްވަމުންނެވެ.
އިންޑިއާގެ ނަން މަޝްހޫރު އެން.ޔޫ ހޮސްޕިޓަލުގެ ފަންނީ ބޭފުޅުންނާއި އައި.ޖީ.އެމް.އެޗްގެ ގައިނީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންގެ ޓީމެއް ގުޅިވަޑައިގެން މިޚިދުމަތް ދެއްވަމުންދާއިރު މިއަދުގެ ނިޔަލަށް 45 މީހުންނަށް ޚިދުމަތް ދެއްވާފައިވާކަމަށް އައި.ޖީ.އެމް.އެޗުން ވިދާޅުވެއެވެ. މި ޓީމުގައި އިސްކޮށް ޙަރަކާތްތެރިވ އެން.ޔޫ ހޮސްޕިޓަލުގެ ޚާއްޞަ ޑޮކްޓަރު އަޝްވިނީ އެސް ވިދާޅުވީ މިހާތަނަށް އޭނާ ބެއްލެއްވި މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ އިން-ވިޓްރީ ފާޓިލައިޒޭޝަން، އައި.ވީ.އެފް ހަދަން ޖެހޭ މީހުންކަމަށެވެ.
އައި.ވީ.އެފް، ނުވަތަ ދިވެހިންނަށް ފަރިތަ ނަމުންނަމަ ޓެސްޓް ޓިއުބް ބޭބީ އުފަންކުރުމުގެ މިޚިދުމަތަކީ ރާއްޖޭގައި މިހާރު ނެތް ޚިދްމަތެކެވެ.
ޑރ. އަޝްވިނީ ވިދާޅުވީ ނެޝަނަލް ޔޫރޯ-ރީނަލް އެންޑް ފާޓިލިޓި ސެންޓަރުގައި އައި.ވީ.އެފް ހެދުމުގެ ޚިދުމަތް މުސްތަޤްބަލްގައި ދޭނޭކަމަށެވެ. މިކަމަށް ބޭނުންވާ ސްޓްރަކްޗަރާއި އާލާތްތައް ހޯދިދާނޭކަމަށާއި، އެހެންނަމަވެސް އެމްބްރޮޔޯލޮޖިސްޓެއް ހޯދުމަކީ މިހާރު އެޓީމަށް ކުރިމަތިވެފައި އޮތް ގޮންޖެހުމެއް ކަމަށެވެ. އެހެންކަމުން މިވަގުތު، އައި.ވީ އެފް ހަދަން ދާންޖެހެނީ ރާއްޖެއިން ބޭރަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ޑޮކްޓަރަށް ދެއްކުމާއި އަދި ޕްރޮސީޖަރ ހެދުމުގެ ކުރިން ހޯދަން ޖެހޭ ބައެއް ފަރުވާތައް ސެންޓަރުން ލިބޭތީ، އިންޑިއާގެ އެން.ޔޫ ހޮސްޕިޓަލަށް އައި.ވީ.އެފް ހައްދަން ދާ މީހުންނަށް ފަރުވާ ހޯދުމަށް އިންޑިއާގައި މަޑުކުރަން ޖެހޭ ދުވަސް މަދުވާނޭކަމަށް ޑރ.އަޝްވިނީ ވިދާޅުވިއެވެ.
ނެޝަނަލް ޔޫރޯ-ރީނަލް ފާޓިލިޓީ ސެންޓަރުން، އުފަންވަނިވި ޞިއްހަތުގެ ފަރުވާ މިހާތަނަށް ހޯދި ގިނަ މީހުންގެ ތެރޭގައި ދަރިމައިވުމުގެ މައްސަލަ އައިލީ ގޮތުން ވާރުތަވެފައިވާ މީހުންނާއި އުމުރާއި ނުގުޅޭ މިންވަރަށް ފަލަވުމުގެ މައްސަލަ ފާހަގަކުރެވިފައިވާކަމަށް ޑޮކްޓަރުންގެ ޓީމުން ވިދާޅުވިއެވެ. މިމައްސަމަ ވާރުތަ ވާ މީހުން މާނބަޑުވުމުގެ ފުރުޞަތު ބޮޑު ދުވަސްވަރު ދަރުމައިވުމަށް މަސައްކަތް ކުރުމާއި ދުރާލާ ފަރުވާ ހޯދުމާއި އަދި ފަލަ މީހުންވެސް ދުޅަހެޔޮ ހަށިގަނޑަކަށް ބޭނުންވާގޮތައް ކެއުމާއި ދިރިއުޅުމުގެ އެހެން އާދަކާދަތައް އަށަގަންނަވާ، ކަސްރަތު ކުރުމަށް ޑޮކްޓަރުން އިލްތިމާސް ކުރައްވައެވެ.