ކުޅިވަރު

މިއަދު މެޗްގައި އެޑްވާންޓޭޖް އޮތީ ނޭޕާލަށް - ނޭޕާލް ކޯޗް


ސެންޓްރަލް ޒޯން ވޮލީ މުބާރާތުގެ ފުރަތަމަ މެޗަށް މިއަދު ނިކުންނައިރު ރާއްޖެއަށް ވުރެއް ބޮޑަށް ކުޅޭ ކޯޓުގެ ފައިދާ ނޭޕާލަށް ނެގިދާނެކަމަށް ނޭޕާލްގެ ކޯޗް ޖަގްދީޝް ބަޓް ބުނެފިއެވެ. 

މެޗްގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ޖަގްދީޝް ބުނީ މާލޭގައި ބޮޑު ކޯޓެއް ނެތުމުގެ އުނދަގޫ ރާއްޖެއަށް ކުރިމަތިވާނެކަމަށެވެ. ނަމަވެސް ނޭޕާލް އަމިއްލަ ގައުމްގައިވެސް މެޗްތަށް ކުޅެނީ ބޮޑެތި ކޯޓްގައި ކަމަށްވުމުން، ބަންގްލަދޭޝްގެ ކޯޓްތަކަށް ހޭނުމަށް ރާއްޖެއަށް ވުރެއް ނޭޕާލަށް ފަސޭހަވެގެންދާނެކަމަށް ޖަގްދީޝް ބުންޏެވެ. ނޭޕާލް މިއަދުގެ މެޗަށް ނިކުންނާނީ ރާއްޖެއަކީ ވަރުގަދަ ޓީމްއެއްކަން ދެކިގެންކަމަށާ މާހައުލުގެ ފައިދާނަގާ ރާއްޖެ ބަލިކުރެވިދާނެކަމަށް ނޭޕާލްގެ ކޯޗް ޖަގްދީޝް ބަޓް ބުންޏެވެ. 

ކޯޗުބުނީ މިފަހަރުގެ މުބާރާތަށް މާރަނގަޅަށް ތައްޔާރު ނުވެވޭކަމަށާ، އަދި މުބަރާތަށް އައުމުގެ ކުރިން އިންޓަރނޭޝަނަލް މެޗެއްވެސް ކުޅެވިފައިނުވާކަމަށެވެ.



"ފިޒިކަލީ އަދި ޓެކްނިކަލީ ގޮތުން ރާއްޖެއާ ނޭޕާލްއަކީ ވަރަށް ހަމަހަމަ ދެޤައުމު. އަހަރެމެން ފަރިތަކުރުންތަށްވެސް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް މަދުން. އަދި ރާއްޖެއަކީ ވަރަށް ތަޖުރިބާ ގިނަ ކުޅުންތެރިންގެ މައްޗަށް އެކުލެވޭ ޓީމެއް. މިއަހަރު އެކަނިވެސް ރާއްޖެއިންވަނީ އިންޓަރނޭޝަނަލް ގިނަ މެޗްތަކެއް ކުޅެފަ. ނަމަވެސް ނޭޕާލް މިއަހަރު އެއްވެސް އިންޓަރނޭޝަނަލް މެޗްއެއް ކުޅެފައެއް ނުވޭ." ނޭޕާލް ކޯޗް ޖަގްދީޝް ބުންޏެވެ.



އެންމެ ފަހުގެ ސެންޓަރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެވަނީ ނޭޕާލް ސީދާ ތިން ސެޓުން ބަލިކޮށްފައެވެ. 

ރާއްޖޭގެ އެންމެ ތަޖްރިބާކާރު އެއް ކުޅުންތެރިޔާ އަހުމަދު އަބްދުލް ކަރީމްބުނީ އެއްވެސް ޓީމެއް ފަސޭހަކޮށް ނުލާނެކަމަށާ ކޮންމެ ޓީމަކާ ދެކޮޅަށް ނިކުންނާނީވެސް ފައިނަލް މެޗެއް ގޮތަށް ދެކިގެންކަމަށެވެ.

ރާއްޖެއާ ނޭޕާލް ވާދަކުރާ މެޗް ފަށާނީ މިއަދު ހަވީރު ފަހެއް ޖަހާއިރުއެވެ.