ޚަބަރު

ޢުމްރާއަށް ނުފުރިތިބި މީހުންގެ ތެރެއިން 199މީހަކު މިއަދު ފުރައިފި


މިއަހަރުގެ ސްކޫލް ބަނަދާ ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރަން ސަޢޫދީ ޢަރަބިއްޔާއަށް ދާން ފައިސާ ދެއްކުމަށްފަހު، އެކި ކަންކަން ހަމަނުޖެހިގެން ޢުމްރާއަށް ނުފުރި މައްސަލަ ދިމާވީ ދެ ޖަމަޢާތަކަށެވެ. އެއީ ޒަމްޒަމް އަދި އަސްކޮއި ޢުމްރާ ގުރޫޕަށެވެ. މި ދެ ގުރޫޕުގައިވެސް މައްސަލަ ދިމާވެގެން ނުފުރި ތިބީ ބައެއް މީހުންނަށެވެ. މި ދެޖަމަޢާތުގެ މީހުން ފިޔަވައި އެހެން ޖަމަޢާތަކަށް އެއްވެސް މައްސަލައެއް ދިމާނުވެ، ޢުމްރާވެރިން ފުރާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

ޢުމްރާއަށް ނުފުރިފައި ތިބި މީހުން ޢުމްރާއަށް ގެންދިއުމުގެ ހުރިހާ އިންތިޒާމުތަކެއް ސަރުކާރުން ހަމަޖައްސަވާ ދެއްވާފައިވަނީ ޤައުމީ އެއަރލައިން މޯލްޑިވިއަނުންނެވެ. އެގޮތުން މިއަދު ޢުމްރާއަށް ފުރި 199 މީހުންނަކީ އަސްކޮއި ޢުމްރާ ޤުރޫޕް އަދި ޒަމްޒަމް ޢުމްރާ ޤުރޫޕްގެ ފަރާތުން ޢުމްރާއަށް ދިއުމަށް ހަމަޖެހިފައިވާ މީހުންނެވެ.

ވިސާ ހަމަނުޖެހިގެން ޢުމްރާއަށް ނުދެވެ ތިބިކަމަށް ބައެއް ފަރާތްތަކުން ބުނިނަމަވެސް، އެކަން އިސްލާމިކް މިނިސްޓްރީން ދޮގުކުރައްވައެވެ. ޢުމްރާއަށް ފުރި މީހުންނަށް ބައްދަލުކުރެއްވުމަށް އެއާރޕޯޓަށް ވަޑައިގެން މަޢުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒިޔާދު ވިދާޅުވީ، ޢުމްރާށް ދާން ހަމަޖެހިފައި ތިބި ހުރިހާ ދިވެހިންނަވެސް ވިސާ ހަމަޖެހިފައިވާ ކަމަށާއި އެހެންނަމަވެސް ވިސާ ދޫކުރުން ލަސްވެގެން ދިޔައީ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލަޔަކާ ގުޅިގެން ކަމަށެވެ. މިނިސްޓަރ ވިދާޅުވީ، މިކަން މިހާ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ މޯލްޑިވިއަންގެ ވަރަށް ބޮޑު އެހީތެރިކަމާއެކުގައި ކަމަށެވެ. އަދި މިކަން މި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

'' މިކަން ކާމިޔާބުވީ ދިވެހި ސަރުކާރުން ރައީސް ޔާމިން އެމަނިކުފާނު ދިވެހި ރައްޔިތުންގެ ކަންކަން ގާތުން ބައްލަވާ ކަމުގެވަރަށް ބޮޑު ހެއްކެއް ހާމަވެގެންމިދަނީ. އެމަނިކުފާނުގެ އެހީތެރިކަމާއި އިރުޝާދުގެ އެކުގައި މިއަދު މޯލްޑިވިއަންގެ ވަރަށް ބޮޑު މަސައްކަތާއެކު 199 މީހުން ފުރުވާލެވުނީ. ބާކީ ތިބި މީހުން މާދާމެ އެކި ގަޑިތަކުގައި ފުރުމަވަނީ ހަމަޖެހިފައި.'' މިނިސްޓަރ ވިދާޅުވިއެވެ. 

ޢުމްރާއަށް ދާން ވިސާ ނެގުމަށް ސަޢޫދީ ސަރުކާރުން ހަމަޖައްސާފައި އޮންނަނީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން، އަޔާޓާ ގެ ލައިސަންސް އޮންނަ ކުންފުނި މެދުވެރިކޮށެވެ. އެ ލައިސަންސް ރާއްޖޭގައި އޮންނަނީ ރާއްޖޭގެ ޤައުމީ އެއަރލައިން މޯލްޑިވިއަން އަދި ސީޕްރިޔާ ކުންފުނީގައެވެ. ރާއްޖެއިން މިއަހަރު ޢުމްރާއަށް ދިޔަ ފަރާތްތަކުގެ ވިސާގެ ކަންކަން ހަމަޖައްސެވީ މޯލްޑިވިއަން މެދުވެރިކޮށެވެ.

އައިލެންޑް އޭވިއޭޝަން ސަރވިސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުލް ހާރިސް ވިދާޅުވީ، ވިސާ ދޫކުރުމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން ބައެއް ފަރާތްތަކަށް ނުފުރޭ ގޮތް ދިމާވުމުން އެކަން ޙައްލުކުރެއްވުމަށް އެކުންފުނިން ކުރަންޖެހޭ ކަންކަންކުރަމުން ގެންދާކަމަށެވެ.

''ވިސާ އިޝޫ ކުރެވުނުއިރު ބައެއް އެއާލައިންތަކުން ބައެއް ބޭފުޅުންނަށް ފްލައިޓް ނުނެގުމުގެ ސަބަބުން، ޤައުމީ އެއާލައިންގެ ހައިސިއްޔަތުން ދެކުނީ ފަރުދީ ޒިންމާއެއް މިކަމުގައި އޮތް ކަމަށް. އެހެންވީމަ ސަރުކާރުން އެންގެވުމާއެކު ވަގުތުން މިކަމަށް އިމީޑިއޭޓް އެކްޝަން ގެނެސް ހުރިހާ ދިވެހި ޢުމްރާ ވެރިންނަށް ފަސޭހަކަމާއެކު ގެންދިއުމަށް. ސަރުކާރުގެ ފަރާތުން މިކަމަށް އެސައިންކުރި އިސްލާމިކް މިނިސްޓަރ އެސައިންކޮށް ހުކުރު ދުވަހުން ފެށިގެން މަސައްކަތްކޮށްގެން މިކަން ކާމިޔާބުވީ" ހާރިސް ވިދާޅުވިއެވެ. 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައާ އަމިއްލަ ބައެއް ޖަމާޢަތްތަކުގެ ޙަވާލުގައި އެއްހާހަށްވުރެ ގިނަ ދިވެހިން ޢުމްރާއަށް ގޮސްފައިވެއެވެ. ޙައްޖު ކޯޕަރޭޝަން ގެ ޙަވާލުގައި ޢުމްރާއަށް ދާ 30 މީހުންވެސް މިއަދު ވަނީ ފުރާފައެވެ. ރާއްޖެއިން ޢުމްރާއަށް ދިޔަ މީހުން އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހު ކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.