ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމާއި، މާފަންނު އޯޑިއޯން ފިހާރަ ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ މަސައްކަތް ނުފެށި ލަސްވަމުންދާނަމަ، އެގްރީމަންޓްގައިވާ ގޮތަށް ފިޔަވަޅު އަޅުއްވާނެކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އޯޑިއޯން އަދި ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި ލަގްޒަރީ ފެންވަރުގެ 120 ފްލެޓު އެޅުމުގެ ޢަމަލީ މަސައްކަތް މިދިޔަ މޭމަހު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޓާޓާ ކުންފުނީގެ ފަރާތުން ރާއްޖޭގައި ޙަރަކާތްތެރިވާ އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޑެޓުން މީގެކުރިން ވަނީ ބުނެފައެވެ. ނަމަވެސް މިއަދާ ހަމައަށްވެސް މިފްލެޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައެއް ނުވެއެވެ. ނާދީ އަދި އޯޑިއޯން ބިމުގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ މަސައްކަތް އެކުންފުނިން ފަށަންޖެހޭ މުއްދަތުގެ ތެރޭގައި ފެށުމަށްޓަކައި އެ މިނިސްޓްރީން އެކުންފުންޏާ ގުޅިވަޑައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނުފަށާނަމަ، ދިވެހި ސަރުކާރާއި އެކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށާއި، އެ އެގްރިމަންޓް ސަރުކާރުން ތަންފީޒު ކުރައްވާނެ ކަމަށްވެސް މިނިސްޓަރ މުޢިއްޒު ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14619136695219.jpg|ޓާޓާއިން އަރަބިއްޔާ ކޮށީގައި ހަދާފައިވާ ފްލެޓް - ފައިލް ފޮޓޯ: ޕީއެސްއެމް
މާލޭގެ 4 ބިމެއްގައި ފްލެޓް އެޅުމަށް އިންޑިޔާގެ ޓާޓާ ކުންފުންޏާ ސަރުކާރުން ޙަވާލުކުރައްވާފައިވާއިރު، ކުރީގެ ޢަރަބިއްޔާ ސްކޫލް ހުރި ބިމާއި، ގާކޮށީގައި އަޅާފައިވާ 288 ފްލެޓްގެ މަސައްކަތް ނިންމައި، އެ ދެތަން މިހާރު ވަނީ ސަރުކާރާ ޙަވާލުކޮށްފައެވެ. ކުރީގެ ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ބިމުގައި އަޅާ ފްލެޓްތަކުގެ ތެރެއިން، އޯޑިއޯން ހުންނަ ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ ވަނީ 45 ފްލެޓެވެ. އަދި ނާދީހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވަނީ 75 ފްލެޓެވެ. މިފްލެޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާއިރު، މިތަން ޑިޒައިން ކުރެވިފައިވަނީ އެންމެ ޒަމާނީ ފެންވަރަށެވެ. އަދި މިއީ ލަގްޒަރީ ޚިދުމަތްތައް ލިބޭނޭހެން ތަރައްޤީކުރާ ތަނެއްކަމަށް އެޕެކްސް ރިއަލިޓީ ޕްރައިވެޓް ލިމިޑެޓުން މީގެ ކުރިން ބުނެފައިވެއެވެ.