ޚަބަރު

ގުދަންތަކުގެ ސަލާމަތީ ކަންކަން އެމްއެންޑީއެފްއިން ބަލަން ފަށަނީ


މާލޭގައި ހުރި ގުދަންތަކުގެ ސަލާމަތީ ކަންކަން ހުރީ ޤާނޫނުތަކާއި ޤަވައިދުތަކާއި އެއްގޮތަށްތޯ ބެއްލުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް ފަޔަރ ޑިޕާޓްމަންޓްއިން ވިދާޅުވެއްޖެއެވެ.

މއ. ކަފިދޫގޭގައި ހުރި ބްރަދަހުޑް ޕްރައިވެޓް ލިމިޓެޑްގެ ގުދަނުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ވޮރަންޓް އޮފިސަރ އަޙްމަދު ނަޝީދު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ފަހަކަށް އައިސް އަލިފާނުގެ ބޮޑެތި ހާދިސާތައް ހިނގަމުން އަންނަނީ ގުދަންތަކުގައި ކަމަށެވެ. އެހެންކަމުން ގުދަންތަކުގައި އަލިފާން ރޯވެއްޖެނަމަ ނިއްވާލެވޭނެ ފަދަ ނިޒާމެއް ގާއިމުކޮށްފައިވޭތޯ ބައްލަވަމުން ގެންދަވާކަމަށް އަޙްމަދު ނަޝީދު ވިދާޅުވިއެވެ.

މއ. ކަފިދޫގޭގައި ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު އިއްޔެ ނިއްވާލެވުނީ އަލިފާން ރޯވިތާ ގަޑިއެއްހާއިރު ފަހުންނެވެ. އަދި އިތުރަށް އަލިފާން ރޯވިޔަ ނުދިނުމަށްޓަކައި އެމްއެންޑީއެފްގެ ފަޔަރމަނުން އަންނަނީ އަދިވެސް އެސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ.