ޚަބަރު

އެއްވެސް މެޗެއް ފަސޭހަ ނުވާނެ، ޓީސީ ނުކުންނާނީ އެކަން ދަނެގެން: އާތިފް


  • ޓީސީން މިއަދު ހަވީރު ދިއްދޫއާ ދެކޮޅަށް ނުކުންނާނެ

  • އަމިއްލަ ފަސްގަނޑުގައި ދިއްދޫ އަދި ބަލިވެފައި ނުވޭ

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިވަގުތު ހިމެނޭ 10 ޓީމަކީ ވެސް ވަރަށް ވަރުގަދަ 10 ޓީމު ކަމަށާއި އެއްވެސް މެޗަކީ ފަސޭހަ މެޗެއްގެ ގޮތުގައި ޓީސީ ސްޕޯޓްސް ކުލަބުން ނުދެކޭނެކަމަށް އެ ކުލަބުގެ ކޯޗު މުހައްމަދު އާތިފް (އާތީ) ބުނެފިއެވެ.

ލީގުގައި މިއަދު ހަވީރު ދިއްދޫގައި ދިއްދޫ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތިފް ބުނީ، ލީގުގައި ކުޅޭ އެއްވެސް މެޗަކީ، އެއްވެސް ޓީމަކަށް ފަސޭހަ މެޗަކަށް ވާނެކަމަށް ގަބޫލު ނުކުރާ ކަމަށާއި ލީގުގައި ކުޅޭ ހުރިހާ މެޗަކީ ވެސް ވަރަށް ވާދަވެރި މެޗުތަކެއް ކަމަށެވެ.

އެހެންކަމުން ޓީސީން ނުކުންނާނީ ދިއްދޫއާ ދެކޮޅަށް ކުޅޭ މެޗަކީ ވެސް ވާދަވެރި މެޗެއްގެ ގޮތުގައި ދެކި، އަދި ދިއްދޫ އަކީ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން ކަމަށް ކޯޗު އާތިފް ބުންޏެވެ.

އާތިފް އިތުރަށް ބުނީ، އަވޭގައި ރަށުން ބޭރުގައި ޓީމު ކޭމްޕުކޮށްގެން މެޗުތަކެއް ކުޅެން ލިބޭ ފުރުސަތަކީ ޓީމުގެ ކުޅުންތެރިންގެ މެދުގައި އޮންނަ ގުޅުން ވަރަށް ބޮޑަށް ބަދަހިވާނެ ކަމެއްކަމަށެވެ. އެހެންކަމުން މިއީ ޓީމަށް އޭގެއިން ނުހަނު ފައިދާހުރި ކަމެއްގެ ގޮތުގައި ދެކޭކަމަށް ވެސް އޭނާ ބުންޏެވެ.

ލީގުގައި މިއަދު ހަވީރު 15:45 ގައި ދިއްދޫ އަދި ޓީސީ ބައްދަލުކުރާއިރު، ޓީސީން ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅެއް ހޯދިފައިވަނީ އެންމެ މެޗަކުންނެވެ. ދެން ކުޅުނު ތިން މެޗުން ވެސް ވީ ބައްޔެވެ.

ޓީސީ މޮޅުވެފައި ވަނީ ރަށުން ބޭރުގައި، ގދ. ގައްދޫގައި ގައްދޫ ރެކްރިއޭޝަން ކުލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. މިއީ މި ސީޒަނުގެ ލީގުގައި ޓީސީން ކުޅޭ އަވޭ ދެވަނަ މެޗެވެ.