ޚަބަރު

ވަކި ޤައުމެއްގެ ރައްޔިތުންނަށް ގަނެވޭނީ އީގަލް ހިލްސް ޕްރޮޕަޓީގެ %25


  • ދިވެހިންނަށް އެއްވެސް ލިމިޓެއް ނޯންނާނެ

  • އިސްރާއީލުގެ ރައްޔިތުންނަށް ޕްރޮޕަޓީ ގަންނަން ފުރުސަތެއް ނޯންނާނެ

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީކުރާ ޕްރޮޕަޓީތަކުގެ ތެރެއިން ވަކި ޤައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ %25 ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، 'ދަ ޕަލްސް' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

'ދަ ޕަލްސް' ޕްރޮގްރާމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަށް ވަނީ، އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްޤީކުރާ ޕްރޮޕަޓީ ގަންނަ ބޭރުގެ ފަރާތަކަށް ދިވެހި ރައްޔިތުކަން ލިބިދާނެތޯ ސުވާލު ކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިވެހި ރައްޔިތުކަން ލިބޭނެގޮތް ރާއްޖޭގެ ޤާނޫނުތަކުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އީގަލް ހިލްސްއިން ތަރައްޤީ ކުރާ ޕްރޮޕަޓީތައް ގަންނަ މީހުންނަކީ، ވަކި އެއް ޤައުމެއްގެ ބަޔަކަށްވެސް ނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިތަނުން އެއް ޤައުމެއްގެ ރައްޔިތުންނަށް އެންމެ ގިނަވެގެން ގަނެވޭނީ %25 ކަމަށެވެ. ރިއަލް އެސްޓޭޓާއި ގުޅޭ ޤާނޫނެއް ވަރަށް އަވަހަށް ތައާރަފް ކުރައްވާނެ ކަމަށާއި، އެ ޤާނޫނުގައި މިކަންކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައި ހުންނާނެކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރިއަލް އެސްޓޭޓާއި ބެހޭ ޤާނޫނެއް ތައާރަފްކުރުން އަދި މިއޮތީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި. ވަކި އެއް ޤައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުން އިނގޭތޯ ވަކި އިންސައްތައަކަށް އަޅުގަނޑުމެން ލިމިޓުކުރާނަން. އަޅުގަނޑުމެން ކަނޑައަޅާފައި މިއޮތީ، އެއްވެސް ގައުމެއްގެ ރައްޔިތުން އެންމެ ގިނަވެގެން %25 އަށޭ ތިބެވޭނީ އިނގޭތޯ. އެއަށްވުރެ ގިނައިން ވަކި ޤައުމެއްގެ ރައްޔިތުންނަށް ނުތިބެވޭނެ. އަދި އަމުދުން އިޒްރޭލުގެ ރައްޔިތުންނަކަށް ނުތިބެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އިޒްރޭލްގެ ރައްޔިތުންނަށް މި މަޝްރޫޢުގެ ތެރެއިން އަދި ކުރިއަށް އޮތްތަނުގައި އެހެން އެއްވެސް މަޝްރޫޢަކުންވެސް ރާއްޖޭގައި އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކާ ކުއްޔަށް ހޯދައި މިފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. ޤާނޫނުގެ ތެރެއިން އެކަންކަން ބަންދު ކުރާނެކަމަށް ވިދާޅުވިއެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ތަރައްޤީ ކުރާ ޕްރޮޕަޓީތައް ގަތުމަށް އެހެން ޤައުމުތަކަށް ލިމިޓު ކަނޑައެޅިނަމަވެސް މިތަނުން ޕްރޮޕަޓީ ގަތުމަށް ދިވެހިންނަށް އެއްވެސް ލިމިޓެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހިން ބޭނުންނަމަ މިތަނުގެ ހުރިހާ ޕްރޮޕަޓީއެއް ގަތުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.