ޚަބަރު

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް އިސްލާހެއް


  • ޖީއެސްޓީ ދައްކަމުން ނުދާނަމަ އެޅޭނެ ފިޔަވަޅުތައް ހަރުދަނާކުރުމަށް ހިމަނާފައިވޭ

  • ޤާނޫނަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ފާސްވެ ތަސްދީޤުކޮށް ގެޒެޓްކުރާ ހިސާބުން

ޖީއެސްޓީ ނުދައްކާ ފަރާތްތަކަށް ފިޔަވަޅު އެޅުން ހަރުދަނާކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ކޮލަމާފުށި ދާއިރާގެ މެންބަރު އިބްރާހީމްދީދީއެވެ.

ބިލު ހުށަހެޅުއްވި މެމްބަރު އިބްރާހީމްދީދީ ވިދާޅުވީ ބިލުގެ މަޤްސަދަކީ ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުވައިދޭ އިންބައުންޑް ޓުއަރިޒަމް ޕްރޮޑަކްޓާއި، އެ ޕްރޮޑަކްޓްތައް ފޯރުވައިދޭ ޚިދުމަތްތަކުން ނަގަމުން އައި ޓެކްސް ނެގުން ހުއްޓާލުންކަމަށެވެ. އެފަދައިން ޓެކްސް ނަގަން ފަށާފައިވަނީ 1 އޮކްޓޫބަރ 2026ގައެވެ.

މީގެއިތުރުން ޖީއެސްޓީ ދައްކަމުން ނުދާ ފަރާތްތަކާމެދު މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަކީވެސް މި ބިލުގެ މަޤްސަދެއްކަމަށް ބަޔާންކޮށްފައިވެއެވެ.

އެއްވެސް ފަރާތަކުން ޓެކްސް އާ ގުޅޭ މަންފާއެއް ލިބިފައިވުން، ނުވަތަ އެ ފަރާތަކުން ކޮށްފައިވާ މުއާމަލާތުގެ ސަބްސްޓެންސަށް ބަލާއިރު އެކަން ކުރީ ޓެކުހުގެ މަންފާއެއް ހޯދަން މަގުފަހިކުރުމަށް ކަމަށް ބެލެވޭ ހާލަތުގައި އެއީ ޓެކްސް ދެއްކުމުން އެއްކިބާވުމުގެ މުޢާމަލަތެއްކަމަށް ބެލެވޭނެކަމަށް ބިލުގައި ބުނެފައިވެއެވެ.

ޖީއެސްޓީ ދެއްކުމުން އެއް ފަރާތްވާން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ އެ މުއާމަލާތަކީ ޓެކުހުގެ ބޭނުމަށް ބަލައިގަނެވިދާނެ މުޢާމަލާތެއް ނޫންކަމަށް ކަނޑައެޅުމުގެ އިޚްތިޔާރު ކޮމިޝަނަރ ޖެނެރަލަށް ވަނީ ލިބިދީފައެވެ. ބިލުގައި ޓެކުހާ ގުޅޭ މަންފާގެ ގޮތުގައި ބަލާނެ ހާލަތުތަކަކީ ކޮބައިކަން ތަފްސީލުކޮށްދީފައިވެއެވެ. އޭގެ ތެރޭގައި ޖީއެސްޓީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުޑަވުމާއި، ޖީއެސްޓީ ދައްކަންޖެހޭ ތާރީޚު ލަސްވުން ފަދަ ކަންކަން ހިމެނެއެވެ.

ބިލުގައި ބުނެފައިވާ ގޮތުގައި އެ ޤާނޫނަށް ޢަމަލުކުރަން ފަށާނީ، ޤާނޫނު ފާސްވެ، ތަސްދީޤުކޮށް، ގެޒެޓްކުރާ ހިސާބުންނެވެ.

ބިލުގައި ހިމަނާފައިވާ އަންދާޒާތަކަށް ބަލާއިރު، ބިލު ތަންފީޒުކުރުމާއެކު އިންބައުންޑް ޓުއަރިޒަމްއިން ކުރިން ލިބޭނެކަމަށް ލަފާކުރި އާމްދަނީ ދަޢުލަތަށް ނުލިބޭނެކަން ފާހަގަކޮށްފައިވެއެވެ. ކުރިން އަންދާޒާކޮށްފައިވާ ގޮތުން، އޮފް ޝޯ ބުކިން ޕްލެޓްފޯމާއި، ފޮރިން ޓުއަރ އޮޕަރޭޓަރުންގެ އަތުން ނަގާ ޖީއެސްޓީއާއެކު 1608.5 މިލިޔަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެކަމަށް ބެލެވުނެވެ.