ޚަބަރު

ޗައިނާގެ ހިލޭ އެހީގެ ދަށުން 880 ސޯލާ މަގުބައްތި ހަދިޔާކޮށްފި


  • މިބައްތިތަކާއި ހަވާލުވުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ވަޒީރު މުއްޠަލިބު

  • ހަކަތައިގެ %33 އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ދަނީ މަސައްކަތްކުރަމުން

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް 880 ސޯލާ މަގުބައްތި ހަދިޔާކޮށްފިއެވެ. މި މަގުބައްތިތައް ހަދިޔާކުރުމަށް ވަނީ ޚާއްސަ ހަފްލާއެއް ބާއްވާފައެވެ.

ޗައިނާ ސަރުކާރުން ހަދިޔާކުރި މަގުބައްތިތަކާ ހަވާލުވުމަށް ބޭއްވި ހަލްފާގައި މިކަމާ ގުޅޭ ރަސްމީ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާއެވެ.

މި މަގުބައްތިތަކަކީ ދިވެހިރާއްޖެ އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް ކުރިއަށްގެންދާ "ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫޢުގެ ދަށުން ހަދިޔާކުރި މަގުބައްތިތަކެކެވެ. މިއީ، ދިވެހިރާއްޖޭގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި ސޯލާ މަގުބައްތިތަކެކެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ ވިދާޅުވީ، މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޗައިނާގެ ރައީސްއާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖެއަށް މަގުބައްތި ހަދިޔާކުރުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ޗައިނާއަކީ، އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭ ގާތް ގައުމެއްކަން ފާހަގަކުރެއްވިއެވެ.

މި މަޝްރޫއިން ހަދިޔާކުރާ މަގުބައްތިތަކާއިއެކު ދިވެހިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ. މީގެކުރިން ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ސޯލާ މަގުބައްތިތައް 3 ރަށެއްގައި ހަރުކޮށްފައިވާއިރު، މިފަހަރު ހަދިޔާކުރާ މަގުބައްތިތަކާއިއެކު އިތުރު ރަށްރަށުގައި މަގުބައްތިތައް ހަރުކުރެވި އިއާދަކުރަނިވި ހަކަތައަށް ރާއްޖެ ބަދަލުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކާމިޔާބީ ލިބޭނެކަން ސަފީރު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގެ އަމާޒަކީ 2028ވަނަ އަހަރަށްދާއިރު، ރާއްޖެއިން ބޭނުންކުރާ ހަކަތައިގެ %33 އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމެވެ. މި އަމާޒަށް ވާސިލުވުމަށް ސަރުކާރުން ދަނީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. އަދި ރާއްޖޭގައި އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު 116 މެގަވޮޓަށް އިތުރުވެފައިވާކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.