ޚަބަރު

އަމީނީ މަގު ސެގްމަންޓް 3: ތާރުއަޅާތީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް


  • ސުނާމީ ބިނާއިން ފެށިގެން ސޯޝަލް ސެންޓަރާ ހަމައަށް ބަންދުވާނެ

  • ތާރު އަޅާ ނިމުމުން މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރާނެ

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ތައްޔާރުވެއްޖެއެވެ. އެމްޓީސީސީއިން ވިދާޅުވީ، ސެގްމަންޓް3 މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އެމް.ސީ-30 ޕްރައިމް ކޯޓު އެޅުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލާފައިވާ ކަމަށެވެ. މިއީ، ތާރު އެޅުމުގެ ކުރިން އަޅާ ކެމިކަލް ކޯޓިންއެކެވެ. އެމްޓީސީސީއިން މިހާރު ތައްޔާރުވަމުންދަނީ މި ސެގްމަންޓުގައި ތާޅު އެޅުމުގެ މަސައްކަތް ފެށުމަށެވެ.

އެމްޓީސީސީއިން ވިދާޅުވީ، އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް 3ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް ތާވަލު ކޮށްފައިވާ ކަމަށެވެ. ތާރު އަޅާ ނިމުމުން، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީއިން ވަނީ ވިދާޅުވެފައެވެ.

އަމީނީ މަގު ސެގްމަންޓް 3ގެ މަސައްކަތް ފަށާފައިވަނީ، މިމަހުގެ 4ވަނަ ދުވަހުއެވެ. އެމަގުގައި ހަލާކުވެފައިވާ ސަރަޙައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން 3 ވަނަ ސެގްމަންޓުގައި ހިމެނެނީ، ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.


ސެގްމަންޓް 3 ގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ އޮކްޓޫބަރު 19 ވަނަ ދުވަހުގެ ރޭ 00:00 އިން ފެށިގެން، ސުނާމީ ބިނާއިން ސޯޝަލް ސެންޓަރާ ހަމައަށް އާންމު ދަތުރުފަތުރަށް ބަންދު ކުރެވޭނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި މި ސަރަހައްދުގައި ޕާކުކޮށްފައިވާ އުޅަނދުތައް، މި ވަގުތުގެ ކުރިން އެ ސަރަހައްދުން ނެގުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީން ވިދާޅުވީ، ސެގްމަންޓު 3ގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު އަލުން އޭބީސީއާއި، ތާރު އެޅުމާއި އަދި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.


އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދު މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ކުރިއަށް ގެންގޮސްފައިވަނީ، ދެ ސެގްމަންޓެއްގެ މަސައްކަތެވެ. އެއީ، ސެގްމަންޓް 1ގެ ގޮތުގައި ހިމެނޭ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ސެގްމަންޓް 2ގެ ގޮތުގައި ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރު އަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަރާމާތުގެ މަސައްކަތް ނިންމާ މިހާރު ވަނީ، އާއްމުންނަށް މަގު ހުޅުވާލާފައެވެ.

ސެގްމަންޓު 3ގެ މަސައްކަތަށްފަހު ސެގްމަންޓް 4ގެ މަސައްކަތްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާއި ހަމައަށް ހިމެނޭ ސަރަޙައްދެވެ.