މާލޭގައި ގާއިމްކުރުމުގެ މަސައްކަތްކުރަމުންދާ އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް މާލަސްތަކެއް ނުވެ، ވަރަށް އަވަހަށް ނިންމާލެވޭނެކަމަށް ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
"އަހާ ފޯރަމުގައި" ބައިވެރިވި ޤައުމީ ހޭންޑްބޯޅަ ޓީމުގެ ކުޅުންތެރިއެއްކަމުގައިވާ އަޙްމަދު ސައިފް ނައީމް ވަނީ، ޤައުމީ ޓީމު ހިމެނޭހެން ހޭންޑްބޯޅަ ކުޅުންތެރިން ތަމްރީނުތައް ވެސް އަދި މުބާރާތްތައް ވެސް ކުރިއަށް ގެންދަންޖެހެނީ އެހެން ކުޅިވަރުތަކަށް ޙާއްސަކުރެވިފައިވާ ދަނޑުތަކުގައިކަން ފާހަގަކޮށް، އެކަމުގެ ކަންބޮޑުވުން ވަޒީރާ ހިއްސާކޮށްފައެވެ. އަދި އެކަމުގެ ސަބަބުން އެކަށީގެންވާ ވަގުތު ތަމްރީނުތަކަށް ނުލިބޭ ކަމަށާއި، މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭ ފޭސް 2 ގައި ހޭންޑްބޯޅަ ކޯޓުތަކެއް އަޅައިދެވިދާނެތޯ ސައިފް ވަނީ ވަޒީރާ ސުވާލުކޮށްފައެވެ.
މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ވަނީ، މީގެ ދެ އަހަރުކުރިން އެތުލީޓްސް ފޯރަމުގައި ވެސް، މިފަދަ ސުވާލެއް ކުރިމަތިކުރެވުނުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެފަހަރުގެ ސުވާލަކަށްވީ، މާލޭގެ ހޭންޑްބޯޅަ ކޯޓު އިންޑޯ ކޯޓަކަށް ބަދަލުކުރެވޭނީ ކޮން އިރަކުންތޯކަމަށާއި، މިހާރު، އިންޑޯ ކޯޓުގެ މަސައްކަތް ކުރިއަށް ދަމުންދާކަމަށް އަދި މާ ލަސްތަކެއް ނުވެ އެކޯޓުގެ މަސައްކަތް ނިމޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
" އިންޑޯއަކަށް ބަދަލުކުރީމާ ވަރަށް ބައިވަރު އެޑްވާންޓޭޖް އަޅުގަނޑުމެންނަށް އެބަލިބޭ. އަޅުގަނޑުމެން ޕްލޭންކުރީ މިދިޔަ އަހަރު އެ މަސައްކަތް ނިންމާލަން. ނަމަވެސް ދިމާވި ބައެއް މައްސަލަތަކާހެދި ލަސްވެގެންދިޔައީ. އެކަމަކު އިރާދަކުރެއްވިޔާ މިހާރު އެތާނގެ ފްރޭމްވޯކް އެއްކޮށް އެނިމެނީ. އެތަނުގެ ސާފޭސްއަށް ބޭނުންވާ ޕޭމަންޓުވެސް ހަދައި ނިންމައިފިން. އެހެންވީމަ އުއްމީދުކުރަނީ އެތަން ވަރަށް އަވަހަށް ނިމިގެންދާނެކަމަށް". ވަޒީރު ރާފިއު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އިންޑޯ ހޭންޑްބޯޅަ ކޯޓުގެ މަސައްކަތް ނިމުމުން، ކޯޓު ލިބުމުގައި ދިމާވާ މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. މީގެއިތުރުން، ސަރުކާރުން މާލެ ސަރަހައްދުގައި ގާއިމްކުރަން ނިންމާފައިވާ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް ތަކާއިއެކު ވެސް، ހޭންޑްބޯޅަ ހިމެނޭހެން ގިނަ ކުޅިވަރުތަކަކަށް ދަނޑު ނުވަތަ ޕިޗު ލިބުމުގައި ދިމާވާ މައްސަލަތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި ތަންތަނަކީ ހޭންޑްބޯޅަ ވެސް ކުޅެވޭ ވަރަށް، ސްޓޭންޑާޑް ސައިޒަށް އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ފަރުމާކުރެވިގެންދާނެ ތަންތަން". ވަޒީރު ރާފިއު ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 27 އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ކުރަން ސަރުކާރުން ނިންމާފައިވާއިރު، ރާއްޖޭގައި މިހާރު އޮތް ހަމައެކަނި އިންޑޯ ކޯޓަކީ، މާލެ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓެވެ. އެކަން ބަދަލުކޮށް މާލެ ސަރަހައްދުގައި އިތުރު އިންޑޯ ކޯޓުތައް އެޅުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލެ ފޭސް ދޭއްގައި، އަދި ވިލިމާލޭގައި ވެސް އިންޑޯ ކޯޓު އަޅަން ސަރުކާރުން ވަނީ ނިންމާފައެވެ.
މާލޭގައި ގާއިމްކުރަމުންދާ ހޭންޑްބޯޅައިގެ އިންޑޯ ކޯޓުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް، މި މަހުގެ ކުރީކޮޅު ވަޒީރު ވަނީ އެ މަސައްކަތްކުރަމުންދާތަނަށް ވަޑައިގެންފައެވެ.
މި މަޝްރޫޢުގެ ދަށުން މާލޭ ހޭންޑްބޯޅަ ކޯޓު ހިޔާކޮށް، ލައިޓިންގ ސިސްޓަމް ހަރުކުރުމުގެ އިތުރުން، ގިނަ އަދަދެއްގެ ބަޔަކަށް އެއްފަހަރާ މެޗުތައް ބަލަން ތިބެވޭނެ އިންތިޒާމުތައްވެސް ހަމަޖެހިގެންދާނެއެވެ.