ޚަބަރު

ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމަށް ދިރާސާ ފަށައިފި


  • 500މީޓަރު އަޑިން ފެން ނަގައިގެން ތަޙުލީލުކޮށްފައިވޭ

  • ސާފު ފެނަކަށްވުމުން، ކުރަންޖެހޭ ހޭދަ ކުޑަވާނެ

މާލެ ސަރަޙައްދުގެ ކަނޑު އަޑީގައި ފެން އުފައްދާ ނިޒާމެއް ޤާއިމުކުރުމުގެ ޢަމަލީ ދިރާސާގެ މަސައްކަތް އެމްޑަބްލިއުއެސްސީއިން ފަށައިފިއެވެ. މިއީ ރާއްޖޭގައި މިގޮތަށް ކުރިއަށްގެންދާ ފުރަތަމަ މަޝްރޫޢެވެ.

މިހާރު ކުރަމުންދަނީ މި މަސައްކަތް ރާއްޖޭގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވޭނެތޯ ބެލުމަށް، ސައިޓުގައި ކުރިއަށްގެންދާ ޢަމަލީ ދިރާސާތަކާއި ފެން ތަޙުލީލުކުރުމުގެ މަސައްކަތްތަކެވެ.

ރާއްޖޭގައި މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ޝައުގުވެރިކަން ފާޅުކޮށްފައިވަނީ ނޯވޭގެ ފްލޯޝަން ކުންފުނިންނެވެ.

މިހާރު ކުރިއަށްދާ ފީސިބިލިޓީ ސްޓަޑީގެ ބައެއްގެ ގޮތުން "ފްލޯޝަން"ގެ ޓެކްނިކަލް ޓީމުން ވަނީ، ކަނޑުގެ 500 މީޓަރުގެ އަޑިން ފެން ސާމްޕަލް ނަގާފައެވެ. ފުރަތަމަ މަރުހަލާގެ ތަޙުލީލުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ކަނޑުގެ އަޑިން ނަގާފައިވާ ފެނަކީ، އާދަޔާ ޚިލާފަށް ސާފު ފެނެއްކަން ދެނެގަނެވިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ވިދާޅުވެއެވެ. އަދި ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވޭ ގޮތެއްގެ މަތިން މިއީ ފެން އުފެއްދުމަށް ބޭނުންކުރެވޭނެ އެންމެ މަތީ ފެންވަރުގެ ޤުދުރަތީ ފެނުގެ މަންސަތަކުގެ ތެރޭގައި ހިމެނޭނެ ފެނެކެވެ.

ފްލޯޝަންގެ އީޖާދީ ޓެކްނޮލޮޖީއަކީ ކަނޑުގެ ތަބީޢީ ހައިޑްރޯސްޓެޓިކް ޕްރެޝަރު ބޭނުންކޮށްގެން ރިވާސް އޮސްމޯސިސް ނިޒާމަކަށް ކުރިއަށްދާ ގޮތަށް ފަރުމާކޮށްފައިވާ ޓެކްނޮލޮޖީއެކެވެ. މީގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު %40 އާއި %50 އާ ދެމެދުގެ މިންވަރަކަށް ދަށްކުރެވި، ކެމިކަލް ބޭނުންކުރަންޖެހޭ މިންވަރު ކުޑަކުރެވި، ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ނުހަނު ބޮޑަށް ކުޑަކުރެވޭނެކަމަށް ފްލޯޝަން ކުންފުނިން ވަނީ ބުނެފައެވެ.

މި ދިރާސާއިން ލިބޭ ނަތީޖާތަކުގެ އަލީގައި މިއީ ޓެކްނިކަލް ގޮތުންނާއި ވިޔަފާރީގެ ގޮތުން އެކަށީގެންވާ ޓެކްނޮލޮޖީއެއްތޯ އެމްޑަބްލިޔުއެސްސީއިން ވަޒަން ކުރާނެއެވެ.

މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވިއްޖެނަމަ ދިވެހިރާއްޖެއަށް އުފެއްދުންތެރި، ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ފެނުގެ ޢުމްރާނީ ވަޞީލަތްތަކެއް ފޯރުކޮށްދިނުމަށް އެމްޑަބްލިޔުއެސްސީއިން ގެންގުޅޭ ތަޞައްވުރަށް އެޅޭ މުހިންމު ފިޔަވަޅަކަށްވާނެކަމަށް އެ ކުންފުނިން ވިދާޅުވެއެވެ.

އަދި މިކަން ވެގެންދާނީ، 2040 ވަނަ އަހަރަށް ތަރައްޤީވެފައިވާ ދިވެހިރާއްޖޭއެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރަށް އެއްބާރުލުން ދިނުމުގެ ގޮތުންވެސް ކުރެވޭނެ މުހިންމު މަސައްކަތަކަށް ވާނެކަމަށް އެމްޑަބްލިޔުއެސްސީއިން ވިދާޅުވިއެވެ.

މިހާތަނަށް ކުރި ދިރާސާތަކުން މި ޕްލާންޓު ޤާއިމުކުރުމަށް އެންމެ އެކަށޭނަ ސަރަޙައްދެއްގެ ގޮތުގައި ދެނެގަނެވިފައިވަނީ، ގިރާވަރުފަޅާ ދިމާލު ބޭރު ކަނޑެވެ.