މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލުން މިދިޔަ ސެޕްޓެންބަރުމަހު އެކަނިވެސް 178،197 ފްރައިޓް ޓަނުގެ މުދާ ކްލިއާ ކޮށްފައިވާކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ. ކްލިއާ ކުރި މުދަލުގެ ތެރޭގައި ގިނައީ ބިހާއި ފިޔާއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޑެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ މަހު ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި މުދާ އުފުލާ ބޯޓުފަހަރުން ވެސް ކޮންޓެރިނަރ ވަނީ ކްލިއާ ކޮށްފައެވެ. އެގޮތުން 5،673 ކޮންޓެއިނަރު އުފުލާ ބޯޓުފަހަރާއި، 1،667 އާންމު މުދާ އުފުލާ ބޯޓުފަހަރުން ގެނައި 'ކޮންސައިންމަންޓްސް' ނުވަތަ ވިއްކުމުން ފައިސާ ދައްކާ ގޮތަށް ބަހައްޓާ މުދާ ހިމެނެއެވެ.
މާލޭ ވިޔަފާރި ބަނދަރަށް މިދިޔަ މަހު އައި ބޯޓުފަހަރުގެ އަދަދަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 14 ބޯޓާއި، އާންމު މުދާ އުފުލާ 26 ބޯޓު އައިސްފައިވެއެވެ. ފުރި އުޅަނދުތަކަށް ބަލާއިރު ކޮންޓެއިނަރ އުފުލާ 3 ބޯޓާއި، އާންމު މުދާ އުފުލާ 6 ބޯޓު މާލޭ ވިޔަފާރި ބަނދަރުން ފުރާފައިވެއެވެ.
ކޮންޓެއިނަރުގެ ތަފާސްހިސާބަށް ބަލާއިރު އަންލޯޑެޑް ޓީއީޔޫގެ އަދަދަކީ، 7،139 އެވެ. އަދި ލޯޑެޑް ޓީއީޔޫގެ އަދަދަކީ، 7،386 އެވެ. ތްރޫޕުޓް ޓީއީޔޫއަކީ 14،525 ކަމަށް އެމްޕީއެލްގެ ތަފާސްހިސާބުތަކުން ދައްކައެވެ.
* ބިސް: 77،595 ކޭސް
* ފިޔާ: 41،122 ބަސްތާ
* ކަރާ: 39،582 ކޭސް
* އަލުވި: 23،610 ބަސްތާ
* ޓޮމާޓޯ: 17،102 ކޭސް
ރާއްޖޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ، ހަލުވި ކަމާއިއެކު ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ، އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރު ރަސްމީކޮށް ހުޅުވައި، ޚިދުމަތްދިނުމެވެ. މިއާއިއެކު އެމްޕީއެލްގެ އޮޕަރޭޝަންތައް އިތުރަށް އަވަސްވެ، ހަރުދަނާ ވެގެންދާނެއެވެ.