ޚަބަރު

"ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރުމަކީ ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެއް"


  • ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެ

  • ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ޤައުމުތަކާ އޮންނަ ގުޅުން ދަނީ އިތުރަށް ހަރުދަނާ ވަމުން

އިންޑިއާގެ މަރުކަޒީ ބޭންކުން ދޫކޮށްފައިވާ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަކީ ދެ ޤައުމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ހެއްކެއް ކަމަށް ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިންޑިއާއިން އިތުރުކޮށްފައިވާކަން އެ ޤައުމުން ހާމަކުރުމާ ގުޅިގެން ޝުކުރު އަދާކުރައްވައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ކުރެއްވި ޕޯސްޓުގައި ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާއިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއަށް ދޫކުރި 30 ބިލިޔަން ރުފީސްގެ ކަރަންސީީ ސްވޮޕްގެ މުއްދަތު އިތުރުކޮށްދެއްވިކަމަށްޓަކައި އެ ޤައުމުގެ ސަރުކާރަށާއި ޚާރިޖީ ވަޒީރު ޑރ. އެސް ޖަޔަޝަންކަރަށް ޝުކުރު އަދާކުރައްވާފައެވެ.



ވަޒީރު ވިދާޅުވީ އިންޑިއާގެ މި ނިންމުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ހެއްކެއް ކަމަށާއި މި ގުޅުމަކީ އެއް ޤައުމު އަނެއް ޤައުމަށް ކުރާ އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އަދި އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ރާއްޖޭން މަސައްކަތް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖެއިން ބައިނަލްއަޤުވާމީ މައިދާނުގައި ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަމުން އަންނަކަންވެސް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ އިޤްތިޞާދާއި ދިވެހިންގެ ކުރިއެރުމަށް ކުރައްވަމުންދާ މަސައްކަތްތަކަށް ވަޒީރު ވަނީ ތަޢުރީފު ކުރައްވާފައެވެ.