ވަޠަނީ ޚިދުމަތުގެ އަސާސީ ތަމްރީންގެ 4 ވަނަ ބެޗްގެ ދަރިވަރުން، ތަމްރީންތަކަށް ފުރައިފިއެވެ. މިއީ ހަރުދަނާ ޒުވާން ޒީލެއް ބިނާކުރުމުގެ މަޤުޞާދުގައި ފަށާފައިވާ ޕްރޮގްރަމެކެވެ.
މި ބެޗުގައި 351 ދަރިވަރުން ހިމޭނޭއިރު، އެއީ 287 ފިރިހެން އަދި 64 އަންހެން ދަރިވަރުންނެވެ. މީގެތެރޭގައި 16 އަހަރާ 28 އަހަރާ ދެމެދުގެ ޒުވާނުން ހިމެނެއެވެ.
ޅ. މާފިލާފުށީގައި ޤާއިމުކޮށްފައިވާ އެމްއެންޑީއެފް ކޮމްޕޮސިޓް ޓްރޭނިންގ ސެންޓަރުގައި 14 ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީނު ބެޗުގައި، ރާއްޖޭގެ 20 އޮތޮޅުން 126 ރަށަކަށް ނިސްބަތްވާ 287 ފިރިހެން އަދި 64 އަންހެން ދަރިވަރުން ވަނީ ބައިވެރި ވެފައެވެ.
ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގއަކީ ދިވެހި ވަޠަނީ ޚިދުމަތާ އަލަށް ގުޅޭ މެންބަރުންނަށް އަމާޒުކޮށްގެން ހިންގާ ތަމްރީނެކެވެ.
މި ތަމްރީނުގައި، ދިވެހި ޤައުމިއްޔަތާއި، ޒިންމާދާރު ރައްޔިތުކަމާއި، ދީނީ ތަރުބިއްޔަތާއި، އަޚްލާޤާއި ސުލޫކު، ލީޑަރޝިޕް، އަދި ހަށިހެޔޮކަމުގެ އިތުރުން ދިރިއުޅުމުގެ މައިދާނުގައި ބޭނުންވާނެ ތަފާތު ދާއިރާތަކުން ތަމްރީނު ދެވޭނެއެވެ.
މި ތަމްރީނުގެ އެންމެ ބޮޑު އެއް އަމާޒަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ޢަޤީދާ ވަރުގަދަ، ރޫޙާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔޮ، ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ، ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ، ސަރުކާރުގެ ޒުވާނުން ބިނާކުރުމާ ގުޅޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.
މި ޕްރޮގްރާމްގެ ތަމްރީނުތައް ފުރިހަމަކުރާ ކޮންމެ ދަރިވަރަކަށް ނޭޝަނަލް ސަރވިސް އިނީޝަލް ޓްރޭނިންގ ފުރިހަމަކުރިކަމުގެ ސެޓްފިކެޓް ލިބޭނެއެވެ. އަދި ސިވިކް އެޑިއުކޭޝަން އެންޑް ލީޑަޝިޕް، ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ، ބޭސިކް ފަސްޓް އެއިޑް އަދި ޕިއަރ އެޑިއުކޭޝަން ޓްރޭނިންގ ސެޓްފިކެޓް، އެ ބައިތައް ފުރިހަމަކުރާ ދަރިވަރުންނަސް ލިބޭނެއެވެ. މި ތަމްރީންތައް 14 ހަފްތާގެ މުއްދަތަށް ކުރިއަށްދާނެއެވެ.
މިހާތަނަށް ވަޠަނީ ޚިދުމަތުގެ އަސާސީ ޓްރެއިނިންގެ 3 ބެޗް ނިމިފަވާއިރު، އޭގެތެރޭގައި 1028 ޒުވާނުން ހިމެނެއެވެ.