ޚަބަރު

ހުރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނާ ދެކޮޅަށް 60 ޤައުމަކުން ޤަރާރެއް


ދުނިޔޭގެ ކަނޑުއޮޅިތަކުން ދަތުރުކުރާ އުޅަނދުފަހަރުން ފީ ނެގުމާ ދެކޮޅަށް 60 އަށްވުރެ ގިނަ ޤައުމުން ބައިވެރިވެ، ޤަރާރެއް އެކުލަވާލައިފިއެވެ. މި ޤަރާރަކީ މުހިންމު ކަނޑުގެ މަގުތަކުން ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމަށް އީރާނުން ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް އެޅި ފިޔަވަޅެއް ކަމަށް ބެލެވޭ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ވިދާޅުވިއެވެ. މި ޤަރާރު އެކުލަވައިލުމުގައި އިސްކޮށް ހަރަކާތްތެރިވެފައި ވަނީ ހުޅަނގުގެ ބާރުތަކެވެ. ވިލާތުގެ އިއްތިޙާދުން (އީޔޫ) އިސްނަގައިގެން އެކުލަވައިލި މި ޤަރާރަށް އެ އިއްތިޙާދުގެ ޤައުމުތަކުގެ އިތުރުން އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ ފަދަ 33 ޤައުމަކުން ވަނީ ތާޢީދުކޮށްފައިވެއެވެ.

އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ވިދާޅުވީ، ބައިނަލްއަޤުވާމީ ދަތުރުފަތުރުގެ މަގުތަކަކީ މާލީ މަންފާ ހޯދުމަށް ނުވަތަ ސިޔާސީ ބޭނުންތަކަށް ބޭނުންކުރާ ވަސީލަތްތަކަކަށް ހަދަން ފުރުޞަތު ދީގެން ނުވާނެ ކަމުގައެވެ. "ބައިނަލްއަޤުވާމީ ދަތުރުފަތުރުތައް އޮންނަން ވާނީ އެންމެނަށް ހުޅުވިފައި، ހަމައެކަނި ފައިސާ ދެއްކޭ މީހުންނަކަށް ނޫން،" އޭނާ ވިދާޅުވިއެވެ. އަދި، ބައިނަލްއަޤުވާމީ ކަނޑުއޮޅިތަކުން ޤާނޫނީ ގޮތުން ދަތުރުކުރުމަށް ހުރަސްއެޅޭ ގޮތަށް ޣައިރުޤާނޫނީ ފީތައް ނެގުމާއި، ތަފާތުކުރުންތައް ގެންގުޅުމާމެދު މި ޤަރާރުގައި ވަނީ ހަރުކަށި އިބާރާތުން އިންޒާރު ދީފައެވެ.

މި ޤަރާރު އައިސްފައިވަނީ އީރާނާއި ޢުމާން ދެމެދު އޮންނަ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓުރޯލު އީރާނުން ހޯދައި، އެ ސަރަޙައްދުން ދަތުރުކުރާ އުޅަނދުތަކުގެ ޙަރަކާތްތަކަށް ހުރަސްއަޅަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން އިސްތިރާޖީ ގޮތުން މުހިންމު މި ކަނޑުއޮޅި ބަންދުކޮށްފައި ވަނީ އެމެރިކާއާއި ޔަހޫދީން ގުޅިގެން އެ ޤައުމާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައަށް ރައްދުދިނުމުގެ ގޮތުންނެވެ. ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި ބޭރުކުރާ މި ކަނޑުއޮޅިއަށް ބުރޫއެރުމުގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމަށާއި މުދާ އުފުލުމުގެ ޚަރަދުތަކަށް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ.

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ (އައިއާރްޖީސީ) އިސް މުޝީރަކު ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށާއި އެ ތަން އޮތީ އީރާނުގެ ސިފައިންގެ ފުރިހަމަ ކޮންޓުރޯލުގެ ދަށުގައި ކަމުގައެވެ. އީރާނުގެ ޝަރުޢީ ޝަރުޠުތައް ފުރިހަމަވަންދެން އެ ޙާލަތު ދެމިއޮންނާނެ ކަމުގައި ވެސް އައިއާރްޖީސީން ބުނެއެވެ. މީގެ އިތުރުން އީރާނުގެ ހުއްދަނެތި އެ ކަނޑުއޮޅީގައި ޤާއިމުކޮށްފައިވާ މަގުތައް ވަރަށް އަވަހަށް ބަންދުކުރާނެ ކަމުގައި ވެސް އައިއާރްޖީސީގެ އޮފިޝަލް ވިދާޅުވިއެވެ.

އީރާނުގެ ޤައުމީ ސަލާމަތާ ބެހޭ އިސް މުޝީރު މުޙުސިން ރިޒާއީ ވިދާޅުވީ، ކަނޑުއޮޅި އަލުން ހުޅުވުމަށް ހުށަހެޅި ޝަރުޠުތަކަށް އެމެރިކާއިން ދިން ޖަވާބު ފުރިހަމަނޫން ކަމުގައެވެ. މި ޝަރުޠުތަކުގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމާއި، ކަނޑުގެ ޙިޞާރު އުވައިލުން ހިމެނެއެވެ. މީގެ އިތުރުން، ހިފަހައްޓާފައިވާ އީރާނުގެ މުދާތައް ދޫކޮށްލުމަކީ ވެސް މުހިންމު ޝަރުޠެކެވެ. މި ކަނޑުއޮޅި އަލުން ހުޅުވުމަށް ޑިޕްލޮމެޓިކް މަސައްކަތްތައް ކުރަމުންދިޔަ ނަމަވެސް، އީރާނާއި އެމެރިކާއާ ދެމެދުގައި އަދިވެސް ވަނީ ބޮޑެތި ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.