ފަލަސްޠީނުގައި އަންނަ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު، 2027 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 އަށް ފަސްކޮށްފައިވާކަން ރައީސް މަޙްމޫދު ޢައްބާސް ރަސްމީކޮށް އިޢުލާން ކުރައްވައިފިއެވެ.
މިދިޔަ ހޮނިހިރު ދުވަހު ނެރުއްވި ރިޔާސީ ޤަރާރެއްގައި އޭނާ ފާހަގަކުރެއްވީ، މި ނިންމެވުން ނިންމަން ޖެހުނު މައިގަނޑު ސަބަބުތަކަކީ ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާއި، ފަލަސްޠީނުގެ ބިންތަކުގައި މިވަގުތު އޮތް ނުރައްކާތެރި ސަލާމަތީ ޙާލަތު ކަމުގައެވެ.
ފަލަސްޠީނުގެ ރަސްމީ ނިއުސް އެޖެންސީ 'ވަފާ' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރައީސް ޢައްބާސްގެ ޤަރާރުގައި ވަނީ، މިނިވަން، އިންސާފުވެރި އަދި އެންމެން ބައިވެރިވާ ފަދަ އިންތިޚާބެއް ބޭއްވުމަށް ބޭނުންވާ ސިޔާސީ އަދި ސަލާމަތީ ގޮތުން ރައްކާތެރި މާޙައުލެއް ޤާއިމުވެފައި ނެތްކަން ފާހަގަކުރައްވައިފައެވެ.
މިގޮތުން، އިރުމަތީ ޤުދުސް ހިމެނޭހެން ހުޅަނގު އައްސޭރީގައި ޔަހޫދީ ދައުލަތުގެ އިސްތިޢުމާރީ ބާރުތަކުން ދެމުންދާ ޙަމަލާތަކާއި، ޣައިރުޤާނޫނީ ވަޒަންވެރިންގެ އަނިޔާވެރިކަމާއި، ބިންތައް ފޭރިގަތުމާއި، ދަތުރުފަތުރަށް އަޅާފައިވާ ހުރަސްތަކުގެ އިތުރުން ފަލަސްޠީނުގެ ޓެކްސް ފައިސާ ޔަހޫދީން ހިފެހެއްޓުމަކީ އަންނަ މަހު އިންތިޚާބު ބޭއްވުމަށް ހުރަސް އެޅުނު މުހިންމު ސަބަބުތަކެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން، އިންތިޚާބީ ކޮމިޝަނުގެ އޮފިޝަލުންނަށާއި ބައިނަލްއަޤްވާމީ އޮބްޒާވަރުންނަށް ޣައްޒާއަށާއި އިރުމަތީ ޤުދުސަށް ވަނުމުގެ ޙުއްދަ ޔަހޫދީން ދީފައިނުވާކަން ވެސް ފާހަގަކުރެއްވިއެވެ. 1967 ގައި ޔަހޫދީން ޣައިރުޤާނޫނީ ގޮތުގައި ހިފާފައިވާ އިރުމަތީ ޤުދުސްގެ ރައްޔިތުންނާއި، ހުޅަނގު އައްސޭރި އަދި ޣައްޒާގެ ހުރިހާ ރައްޔިތުންނަށް ފުރިހަމައަށް ވޯޓުލުމުގެ ޙައްޤު ލިބެންޖެހޭނެ ކަމަށް އެ ޤަރާރުގައި ބާރުއަޅުއްވާފައިވެއެވެ.
ހަމައެއާއެކު، ޣައްޒާގައި ހިނގަމުންދާ ނުރައްކާތެރި އިންސާނީ ކާރިސާއާއި، ޔަހޫދީންގެ ނިރުބަވެރި ލަޝްކަރުތައް އެއްކޮށް ފައިބާފައި ނުވުމާއި، އަލުން ޢިމާރާތްކުރުމުގެ މަސައްކަތްތައް ހުއްޓިފައިވުމުގެ އިތުރުން ސަލާމަތީ އިންތިޒާމުތައް ފުރިހަމަކުރެވިފައި ނުވާކަން ވެސް ފާހަގަކުރައްވާފައިވެއެވެ. މި ނިންމެވުމަކީ ފަލަސްޠީނުގެ އެކި ޖަމާޢަތްތަކާއެކު މަޝްވަރާކޮށް، ޤައުމީ އެއްބައިވަންތަކަން ޤާއިމުކުރުމުގެ މަޤްޞަދުގައި ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވެފައިވެއެވެ.
ފަލަސްޠީނުގެ އިސް އޮފިޝަލުން ރޮއިޓަރސް ނޫހަށް މަޢުލޫމާތު ދެއްވި ގޮތުގައި، ޢައްބާސްގެ ފަތަޙަ ޖަމާޢަތާއި ޙަމާސް ޖަމާޢަތުގެ އިސް ވެރިން މިދިޔަ ބުދަ ދުވަހު ޤާހިރާގައި ބޭއްވި ބައްދަލުވުމެއްގައި ވަނީ އިންތިޚާބު ފަސްކުރުމަށް އެއްބަސްވެފައެވެ.
ފަލަސްޠީނުގައި 2005 ވަނަ އަހަރަށް ފަހު ރިޔާސީ އިންތިޚާބެއް އަދި 2006 ވަނަ އަހަރަށް ފަހު ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބެއް ބާއްވާފައެއް ނުވެއެވެ. އޭގެ ފަހުން ޣައްޒާގެ އިދާރީ ކޮންޓްރޯލް ޙަމާސުން ނެގިއިރު، 2009 ގައި ރިޔާސީ ދައުރު ހަމަވި ފަހުން ރައީސް ޢައްބާސް ވެރިކަން ކުރައްވަމުން ގެންދަވަނީ ރިޔާސީ ޤަރާރުތަކުގެ ދަށުންނެވެ. ނަމަވެސް، މިދިޔަ އޭޕްރީލް މަހު ހުޅަނގު އައްސޭރި އާއި، ޣައްޒާގައި ކައުންސިލް އިންތިޚާބު ބާއްވާފައިވެއެވެ.
ޕަލެސްޓީނިއަން ސެންޓަރ ފޮރ ޕޮލިސީ އެންޑް ސަރވޭ ރިސާޗްގެ ސަރވޭތަކުން ދައްކާގޮތުގައި، ދިގުދެމިގެން ގޮސްފައިވާ ސިޔާސީ ބައިބައިވުންތަކުގެ ސަބަބުން ޙަމާސް އަދި ފަތަޙަ ޖަމާޢަތަށް ރައްޔިތުންގެ މެދުގައި އޮތް ތާޢީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އިންތިޚާބު ފަސްކުރިކަން މި އިޢުލާންކުރެވުނީ، ނޮވެމްބަރު މަހު އިންތިޚާބު ބާއްވާނެ ކަމަށް ސެޕްޓެމްބަރު 24 ގައި އދގެ އާންމު މަޖިލީހުގައި ޢައްބާސް ވިދާޅުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ. އަދި ސެޕްޓެމްބަރު 2025 ގައި ފަރަންސޭސިވިލާތުން ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމާ ގުޅޭގޮތުން، އިންތިޚާބު ބާއްވާނެ ކަމަށް ފަރަންސޭސިވިލާތުގެ ރައީސް އެމަނުއެލް މެކްރޮން އަދި ސަޢުދީ ޢަރަބިއްޔާގެ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާނަށް ޢައްބާސް ވަނީ ލިޔުމުން ވަޢުދުވެވަޑައިގެންފައެވެ.
މިކަމާ ގުޅިގެން ފަރަންސޭސިވިލާތުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އިންތިޚާބު ބޭއްވުމަކީ ޑިމޮކްރަސީގެ ހަމަތަކަށް ކޮންމެހެން މުހިންމު ކަމެއް ކަމަށާއި، އެކަން މޮނިޓަރ ކުރުމަށް ވިލާތުގެ އިއްތިޙާދު، އީޔޫގެ އޮބްޒާވަރުން ފޮނުވުމަށް ތައްޔާރަށް އޮތް ކަމަށެވެ.