މިދިޔަ ހަފުތާ ދުވަހު ސްކޭމްގެ 41 މައްސަލަ ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ އިދާރާއިން ހާމަކުރައްވައިފިއެވެ.
މިދިޔަ ސެޕްޓެންބަރު މަހުގެ 27 އިން އޮކްޓޫބަރު 3ގެ ނިޔަލަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކާއި، ސްކޭމް އާއި ގުޅުން ހުރި އިތުރު ބައެއް ތަފާސްހިސާބުތައް ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި މުއްދަތުގައި ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ އަދަދު 386،611.68 ރުފިޔާއަށް އަރައެވެ. މި މުއްދަތުގައި އަނބުރާ ހޯދުނު ފައިސާގެ ޢަދަދު 381،503 ރުފިޔާ އަށް އަރައެވެ.
ސްކޭމްގެ ޢަމަލު ހިންގުމަށް ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި، އޮންލައިން މެސެޖިން އެޕްތައް، އައިބޭ، ޓިކްޓޮކް، ފޯނުކޯލު، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓް ޕްލޭސް ހިމެނެއެވެ.
ސްކޭމްގެ ބާވަތްތަކަށް ބަލާއިރު ފައިސާ މާރުކުރުމުގެ 16 މައްސަލަ، އީކޮމާސްގެ 14 މައްސަލަ، އިންވެސްޓްމެންތްގެ 5 މައްސަލަ އަދި އެހެނިހެން ބާވަތްތަކުގެ 1 މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވެއެވެ.
ސްކޭމްގެ މައްސަލަތަކުގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގައި ރާއްޖެއިން ހޯދާފައިވަނީ މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ނިސްބަތުގައި ފާހަގަކޮށްލެވޭ ކުރިއެރުމެއްކަމަށް ފުލުހުން ފާހަގަކުރައްވައެވެ. ސްކޭމްގެ މައްސަލަތައް މަދުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރައްވައެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ބަދަލުވެފައިވާކަމަށް އެންޓިސްކޭމް ސެންޓަރުން މައުލޫމާތުދެއްްވައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް، އޭއައި ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވާން ޖެހޭކަމަށާ އޭއައި އަކީ ސްކޭމަރުން ބޭނުންކުރަންފަށާފައިވާ ވަސީލަތެއްކަން ފާހަގަކުރެވިފައިވާކަމަށް އެންޓި ސްކޭމް ސެންޓަރުން މައުލޫމާތުދެއްވައެވެ.
އަދި ސްކޭމްތަކުން ރައްކާތެރިވެތިބުމަށް ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ފިތާނުލުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށްވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ 125 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.