މިހާރު ކުރިއަށްދާ ފުޓުބޯޅައިގެ ބައިނަލްއަޤްވާމީ ބްރޭކުގައި ކުޅޭ ދެވަނަ މެޗުގައި ކިރްގިސްތާނާ ދެކޮޅަށް ކުޅޭއިރު އެންމެ ބޮޑު އިސްކަމެއްދޭނީ ރޭވުންތެރި، ރީތި ފުޓުބޯޅައެއް ކުޅުމަށް ކަމަށް ޤައުމީ ޓީމުގެ ހެޑް ކޯޗު އިސްޓަވާން އުރުބާނީ ބުނެފިއެވެ.
ބްރޭކުގައި ކުޅުނު ފުރަތަމަ މެޗުގައި މިމަހުގެ 24ގައި ޗައިނާ އަތުން ރާއްޖެ ބަލިވީ 0-3ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ޗައިނާއިން ޖެހި ތިން ލަނޑުވެސް ޖަހާފައި ވަނީ ދެވަނަ ހާފުގައެވެ. މުޅި މެޗުގައި ވެސް، ހާއްސަ ގޮތެއްގައި ފުރަތަމަ ހާފުގައި ރާއްޖޭގެ ޑިފެންސްލައިނުން ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކާފައެވެ.
އެ މެޗުގައި ރާއްޖެއަށް ދިމާވި އެންމެ ބޮޑު މައްސަލައަކަށްވީ، ޑިފެންޑު ކުރުމަށްފަހު ދެން ބޯޅަ ލިބުމުން އެ ލިބޭ ފުރުސަތުތަކުގެ ބޭނުން ނުހިފުމެވެ. ނުވަތަ ރާއްޖެ ޓީމަށް ބޯޅަ ލިބޭތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޗައިނާއިން އަލުން ބޯޅަ ރިކަވަރ ކުރުމެވެ.
ބްރޭކުގައި ކުޅޭ ދެވަނަ މެޗުގައި ކިރްގިސްޠާނާ ދެކޮޅަށް މާދަމާ ރާއްޖެއިން ނުކުންނައިރު، މިއަދު ބޭއްވި ފަރިތަކުރުންތަކަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަމުން ކޯޗު އުރުބާނީ ބުނީ، މާދަމާ މެޗުގެ ނަތީޖާއާ ގުޅޭގޮތުން ވާހަކަދެއްކުމަށްވުރެ ބޮޑަށް ބޭނުންވަނީ ދިވެހި ޓީމުން މި މެޗުގައި އިސްކަންދޭނެ ކަންތައްތަކާ ގުޅޭގޮތުން ނުވަތަ ޓީމު ކުޅޭނެ ގޮތާ ގުޅޭގޮތުން ކަމަށެވެ.
އެގޮތުން މެޗުގައި ދިވެހި ޓީމުން، "ޓްރާންސިޝަން" ވަގުތު ތަކުގައި ނުވަތަ ޑިފެންސް ކުރުމަށްފަހު ބޯޅަ ލިބޭ ވަގުތުތަކުގެ ބޭނުން ކުރީ މެޗަށްވުރެ ރަނގަޅަށް ހިފައި، ރޭވުންތެރިކަމާއިއެކު މޮޅު، ރީތި ފުޓުބޯޅައެއް ކުޅެން އިސްކަންދޭނެކަމަށް ކޯޗު ބުންޏެވެ.
"މެޗުގެ ނަތީޖާއާ މެދު ކުރެވޭ އުއްމީދުތަކުގެ ވާހަކައަށްވުރެ ބޮޑަށް މެޗުގައި ރާއްޖެ ޓީމުން ހާސިލްކުރަން ބޭނުންވާ ކަންތައްތަކުގެ ވާހަކަ ދައްކަމާ. އުއްމީދުކުރަނީ ރޭވުންތެރިކަމާއެކު މެޗުގައި ކުޅެވޭނެކަމަށް. ޓްރާންސިޝަން ވަގުތުތަކުގައި ކުރީ މެޗަށްވުރެ ރަނގަޅަށް މަސައްކަތްކުރަންޖެހޭ. ރީތި ފުޓުބޯޅައެއް ކުޅެން ބޭނުންވަނީ. ބޯޅަ ލިބޭއިރަށް ކުރިއަށް ޖަހައިގެން ނޫނީ ހާސްވެގެން ކުޅުމަށްވުރެ، ހަމަޖެހިލައިގެން ޕާސްތަކެއްކޮށް، ރީތި ކުޅުމެއް ކުޅެން އިސްކަންދޭނީ". ކޯޗު އުރުބާނީ ބުންޏެވެ.
މެޗުގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ކިރްގިސްޠާން ޓީމަކީ ހުރިހާ ގޮތަކުން ބަލާއިރު ވެސް މިހާރު ރާއްޖެއަށްވުރެ ފުޓުބޯޅައިގައި ކުރީގައި އޮތް ގައުމެއްކަން ކޯޗު ފާހަގަކުރިއެވެ. ޙާއްސަގޮތެއްގައި ޤައުމީ ޓީމުގެ ފަރިތަކުރުންތައް ބޭއްވި ކިރްގިސްޠާނުގެ ދަނޑުގެ ފެންވަރަށް ބަލާލުމުން ވެސް ހައިރާންވި ކަމަށާއި، އެ ޤައުމުގައި ފުޓުބޯޅައަށް އިސްކަންދޭ މިންވަރު އެނގިގެންދިޔަކަން ކޯޗު ފާހަގަކުރިއެވެ. މިއީ އެ ޤައުމުގެ ފުޓުބޯޅަ ކުރިއަރުވައި، ފުޓުބޯޅައިގެ އުޖާލާ ޖީލެއް ބިނާކުރަން އެ ޤައުމުން ކުރަމުންދާ މުހިންމު މަސައްކަތެއްކަން ކޯޗު ފާހަގަކުރިއެވެ.
ކޯޗު އިތުރަށް ބުނީ، ކިރްގިސްޠާން ޓީމަކީ އެގްރެސިވް، ފިޒިކަލް ގޭމެއް ކުޅޭ ޓީމެއްކަމަށާއި ރާއްޖެ ޓީމުން ނުކުންނާނީ އެކަން ދަނެގެން ކަމަށެވެ. އަދި ޗައިނާ މެޗުގައި، އެ ޤައުމުން ދަނޑުގެ ދެ އަރިމަތި ބޭނުންކޮށްގެން ކުރިއަށް ޖެހި ނުވަތަ ވިންގަށް ކުޅޭ ކުޅުންތެރިން މެދުވެރިވެގެން ރަނގަޅު ފުރުސަތުތަކެއް ތަވަސްކޮށް، ތިން ލަނޑު ޖެހިކަން ފާހަގަކޮށް ކޯޗު އިތުރަށް ބުނީ، ކިރްގިސްޠާނަކީ ބޮޑަށް މެދުތެރެއިން އެޓޭކުކުރާ ޤައުމެއް ކަމަށެވެ. އެހެންކަމުން ރާއްޖެއިން އެކަމަށް ޙާއްސަ ސަމާލުކަމެއް ދޭނެކަން ކޯޗު ފާހަގަކުރިއެވެ.
ކިރްގިސްޠާނުގައި އެ ޤައުމާ ދެކޮޅަށް މާދަމާ ރާއްޖެއިން ނުކުންނައިރު، މީގެކުރިން ހަތަރު ފަހަރެއްގެ މަތިން ރާއްޖެއާއި ކިރްގިސްޠާން ކުރިމަތިލާފައިވެއެވެ. އޭގެތެރެއިން ފުރަތަމަ ދެމެޗުން ރާއްޖެ އަތުން ކިރްގިސްޠާން މޮޅުވިއިރު އެފަހުން 2011 ވަނަ އަހަރާއި 2014 ވަނަ އަހަރު ކުޅުނު މެޗުން ރާއްޖެވީ މޮޅެވެ.
ފީފާ ރޭންކިންގަށް ބަލާލާއިރު ކިރްގިސްޠާނަކީ 106ވަނައިގައި އޮތް ގައުމެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ ރޭންކިންގެ 19 ވަނައެވެ.