މިހާރު ކުރިއަށްދާ ފުޓުބޯޅައިގެ ބައިނަލްއަޤްވާމީ ބްރޭކުގައި ރާއްޖޭގެ ސީނިއަރ ޤައުމީ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޗައިނާއާ ދެކޮޅަށް، ދިވެހި ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާއިއެކު ބޮޑު އުއްމީދެއް ލިބުނުކަމަށް ޓީމުގެ މެނޭޖަރު އަޙްމަދު އައްބާސް ބުނެފިއެވެ.
ޗައިނާއާ ދެކޮޅަށް މިމަހުގެ 24ވަނަ ދުވަހު އެ ޤައުމުގައި ކުޅެ ރާއްޖެ ބަލިވީ 0-3ގެ ނަތީޖާއަކުންނެވެ. މުޅި މެޗުގައި ވެސް ރާއްޖޭގެ ޓީމުގެ ފަރާތުން ޑިފެންސިވް ގޭމެއް ކުޅުނުއިރު، މެޗުގެ ފުރަތަމަ ހާފުގައި ޗައިނާއަށް ރާއްޖޭގެ ގޯލަށް ބޯޅަ ވައްދާލެވޭގޮތެއް ނުވިއެވެ.
ދުނިޔޭގެ ފުޓުބޯޅަ ރޭންކިންގެ 91ވަނައިގައި އޮތް ޗައިނާއާ ދެކޮޅަށް ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދިވެހި ޓީމުގެ ޑިފެންޑަރުންގެ ފަރާތުން ފެނިގެންދިޔައީ ރޭވުންތެރި، މޮޅު ކުޅުމެއްކަމަން ގިނަބަޔަކު ގަބޫލުކުރެއެވެ.
މި މެޗަށްފަހު، ކިރްގިސްތާނުގައި އެ ޤައުމާއި ދެކޮޅަށް އަދި އެއަށްފަހު ލުބުނާނާ ދެކޮޅަށް ކުޅުމަށް ރާއްޖެ ޓީމު މިހާރު ކިރްގިސްތާނަށް ގޮސްފައިވާއިރު، ދަނޑުގައި ޓީމުގެ ފުރަތަމަ ފަރިތަކުރުން މިއަދު ވަނީ ބާއްވާފައެވެ.
މި ފަރިތަކުރުންތަކަށްފަހު ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އައްބާސް ބުނީ، ޗައިނާ މެޗުން ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނުނު ކަންކަމަށް ބަލައި، އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެވުނު ކަމަށާއި، އެމެޗުގެ ކުޅުމަށް ބަލައި، ކުރިއަށް ހުރި މެޗުތަކުގައި އެއަށްވުރެ ރަނގަޅު ޕާފޯމަންސެއް ދެއްކޭނެކަމުގެ އުއްމީދު ބޮޑުކަމަށެވެ.
އައްބާސް އިތުރަށް ބުނީ، ޗައިނާ މެޗަށްފަހު ޓީމުގެ އެއްވެސް ކުޅުންތެރިއެއްގެ ފަރާތުން އަނިޔާގެ މައްސަލައެއް ފާހަގަނުކުރެވުނު ނަމަވެސް، ކިރްގިސްތާނުގެ ފިންޏަށް ހޭނެން ކޮންމެވެސް ވަރަކަށް ކުޅުންތެރިންނަށް އުނދަގޫ ކަމަށެވެ. އެހެންނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އެކަމަށްވެސް ހޭނި، މެޗަށް ތައްޔާރުވާނެކަމަށް އައްބާސް ބުންޏެވެ.
ޗައިނާ ފަދަ ވަޞީލަތުގެ ގޮތުން ވެސް އަދި ފުޓުބޯޅައިގައި ހުރި ފުރުސަތުތަކަށް ބެލިކަމުގައިވީ ނަމަވެސް ރާއްޖެއަށްވުރެ އެތައް ދަރަޖައެއް ކުރީގައި އޮތް ޓީމަކާ ދެކޮޅަށް ރާއްޖެއިން ކުޅެ މޮޅު ކުޅުމެއް ދެއްކިއިރު ކުރިއަށް އޮތް ދެމެޗުގައި ވެސް ރާއްޖެ ބައްދަލަކުރާނީ ރާއްޖެއަށްވުރެ ވަރުގަދަ ދެ ޓީމާއެވެ.
އެގޮތުން މި މަހުގެ 28 ވަނަ ދުވަހު ރާއްޖެއިން ކިރްގިސްތާނާ ދެކޮޅަށް ނުކުންނައިރު ކިރްގިސްތާނަކީ ފީފާ ރޭންކިންއަށް ބަލާއިރު 106ވަނައިގައި އޮތް ގައުމެވެ. އެއީ އޭޝިއާ ސަރަހައްދަށް ބަލާނަމަ ރޭންކިންގެ 19 ވަނައެވެ.
އެއަށްފަހު ރާއްޖެއިން ނުކުންނާނީ ލުބުނާނާ ދެކޮޅަށެވެ. ރޭންކިންއަށް ބަލާއިރު ލުބުނާން އޮތީ 107ވަނައިގައެވެ. އޭޝިއާ ސަރަހައްދުގެ ރޭންކިންގައި ލުބުނާނަކީ 20ވަނައެވެ.