ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ 3 މަރުކަޒު ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މި މަސައްކަތަކީ ގެވެށީ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ރައްކާތެރިކަންދީ، އެމީހުން އާއްމު ދިރިއުޅުމަށް ދިއުމަށް ބޭނުންވާ އެންމެހާ އެހީތެރިކަން ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ޤާއިމުކުރާ މަރުކަޒުތަކެކެވެ.
ދިވެހިރާއްޖޭގެ އަޑުގެ "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން ސިއްޙަތާއި އާއިލާއާއި އިޖުތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ އަލީ ވިދާޅުވި، ރާއްޖޭގެ 3 ސަރަޙައްދުގައި މަރުކަޒުތައް ޤާއިމުކުރުމަށް ނިންމާފައިވާކަމަށެވެ.
މީގެތެރެއިން އައްޑޫ ސިޓީގައި ހަދާ މަރުކަޒުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދުމަށް މިއަހަރު އިޢުލާނުކޮށްފައިވެއެވެ. އެ މަސައްކަތް ގެންދަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީގެ އެހީގައި ހިންގާ ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވް ޕްރޮޖެކްޓުގެ ދަށުންނެވެ.
ދެން އެހީތެރިކަން ފޯރުކޮށްދޭ ސެންޓަރު ތަރައްޤީކުރަނީ ހުޅުމާލެ އަދި އުތުރުން ރ. އުނގޫފާރުގައެވެ.
"އެމީހުނަށް ބޭނުންވާ އެހީއާއި ރައްކާތެރިކަމާއި މާލީ އެހީވެސް ދޭނެ. އަދި ދަރިން ތިބިނަމަ، އެ ކުދިންގެ ސްކޫލްގެ ކަންކަން ހަމަޖެއްސުމާއި ދިރިއުޅުމުގެ އެންމެހާ ކަންކަމަށް މަގުފަހިކޮށްދޭނެ." ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން އެމީހުންގެ ނަފްސާނީ ޙާލަތުން އަރައިގަތުމަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި ބޭނުންވާ އެހީތެރިކަންވެސް އެ ސެންޓަރުތަކުގައި ހަމަޖައްސާނެއެވެ.
މިދިޔަ އަހަރު ގެވެށި އަނިޔާގެ 1193 މައްސަލަ ހުށައަޅާފައިވެއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި 236 މައްސަލަ ރިޕޯޓްކުރިއެވެ. އެންމެ ގިނަ މައްސަލަ ހުށަހަޅާނީ މާލެ ސަރަޙައްދުންނެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަކީ ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ތަހައްމަލް ކުރާ ބަޔަކަށްވާއިރު، އެފަދަ މީހުންގެ މައްސަލަތައް ބަލައި ނިންމެންދެން އަދި އޭގެ ފަހުންވެސް އެމީހުން އުޅެމުންގެންދަނީ ރައްކާތެރި މާހައުލެއްގައިކަން ކަށަވަރުކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. އަދި އެކަށިގެންވާ އަވަސް މިނެއްގައި އެފަރާތްތަކަށް އިންސާފު ހޯދާދިނުމަށް ލިބެންޖެހޭ ޤާނޫނީ ލަފައާއި އެހީތެރިކަން ލިބިދިނުމަކީ މުހިންމު ކަމެކެވެ.