ތައިލެންޑުގެ ވެރިރަށް ބެންގކޮކަށް މެދުކެނޑުމެއްނެތި ދެ ދުވަހު ބޯކޮށް ވާރޭވެހި، ފެންބޮޑުވުމާ ގުޅިގެން ކާރިސާގެ ޙާލަތު އިޢުލާނުކޮށްފިއެވެ. ބެންކޮކް މެޓްރޮޕޮލިޓަން އެޑްމިނިސްޓްރޭޝަނުން ވަނީ ސެޕްޓެންބަރު 26 ވަނަ ދުވަހު 50 އިދާރީ ދާއިރާއަކީ ކާރިސާގެ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅާއިފައެވެ. މި ޙާލަތާ ގުޅިގެން ކަމާބެހޭ އިދާރާތަކަށް ޚާއްޞަ ބާރުތަކެއް ދީފައިވާއިރު، ބޮޑުވަޒީރު އަނޫޓީން ޗާންވީރަކޫން ވަނީ އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނަށް ކުރައްވަމުން ގެންދެވި ދަތުރުފުޅު ކުރުކޮށްލައްވައި އެނބުރި ވަޑައިގަންނަވާނެ ކަން އިޢުލާނު ކުރައްވާފައެވެ.
ސެޕްޓެންބަރު 24 ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ގާތްގަނޑަކަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާތީ، ގޭގައި މަޑުކުރުމަށް ރައްޔިތުންނަށް ގަވަރުނަރު ޗާދްޗާތު ސިއްތީޕާން ވަނީ އިލްތިމާސްކުރައްވާފައެވެ. ހުރިހާ ކެނަލްތަކެއް (ކޯރުތަކެއް) ފުރިފައިވާ ކަމަށާއި ފެން ހިންދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި، ޙާލަތު އެންމެ ގޯސްވެފައިވަނީ އިރުމަތީ ސަރަހައްދުތަކުގައި ކަން ފާހަގަކުރައްވައި، ޞިއްޙީ އާލާތްތަކަށް ބަރޯސާވާ ބަލިމީހުން ވަގުތީ ގޮތުން ހަސްފަތާލަށް ބަދަލުވުމަށް ވެސް ގަވަރުނަރު އެދިވަޑައިގެންނެވިއެވެ.
މަގުތަކުގައި ފެންބޮޑުވެ، ގޭބިސީތަކަށާއި ވިޔަފާރިތަކަށް ފެން ވަދެފައިވާއިރު، ބައެއް ހިސާބުތަކުގައި ކަކުލާ ހަމައަށް ފެންގަނޑު ބޮޑުވެފައިވެއެވެ. ފެންބޮޑުވުމުން ރައްކާތެރިވުމަށް އޮން ނުޓް ސަރަހައްދުގެ ރައްޔިތުން ވެލިބަސްތާ ޖަހަމުންދާއިރު، އިދާރާތަކުން ވަނީ އެއް މިލިޔަން ވެލިބަސްތާ ތައްޔާރުކޮށް، މަދަރުސާތަކުގައި ވަގުތީ ހިޔާތައް ހުޅުވާފައެވެ. ސިޓީގެ ޕަންޕު ސްޓޭޝަންތަކުން ސިކުންތަކު 1،200 ކިއުބިކް މީޓަރުގެ ފެން ބޭރުކުރަމުން އަންނައިރު، އިތުރަށް ވާރޭ ނުވެހިއްޖެނަމަ ހަ ގަޑިއިރު ތެރޭގައި ޙާލަތު ރަނގަޅުވާނެ ކަމަށް އިދާރާތަކުން ބުންޏެވެ.
ސެޕްޓެންބަރު 1 އިން 25 އަށް ބެންގކޮކަށް 487 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު، މިއީ އާދަޔާޚިލާފަށް އިތުރު ޢަދަދެއް ކަމުގައި އެ ޤައުމުގެ މޫސުމާބެހޭ އިދާރާއިން ބުންޏެވެ. އަދި، ސެޕްޓެންބަރު 27 ވަނަ ދުވަހާ ހަމައަށް ވިއްސާރަވެ، ފެންބޮޑުވުމާއި ކޯރުތައް ފުރިބަންޑުންވުމުގެ ނުރައްކާ އޮތް ކަމުގައި އެ ޤައުމުގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ އިންޒާރުދީފައެވެ. ދުނިޔެ ހޫނުވުމުގެ ސަބަބުން މި ފަދަ ނުރައްކާތެރި މޫސުމީ ހާދިސާތައް ކުރިއަށް އޮތް ތަނުގައި އިތުރުވެ، ވަރުގަދަވާނެ ކަމުގައި ސައިންސްވެރިން ލަފާކުރެއެވެ.