މޮޅު ޝޫޓަރަކަށްވުމުގެ ފުރުސަތު ދިވެހި ކޮންމެ ޒުވާނަކަށްވެސް ހަމަހަމަކަމާއެކު އޮންނާނެކަމަށާ، އަމާޒަކީ ޤައުމީ ޕެރަ ޓީމެއް ތަރައްޤީކުރުންކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްކޯ މެމްބަރު އިސްމާއީލް ޝަފީޤް ވިދާޅުވެއްޖެއެވެ.
ފުރަތަމަ ފަހަރަށް ޕެރަލިމްޕިކް ކެޓަގަރީ ހިމަނާ ޤައުމީ ޝޫޓިން މުބާރާތަށް ހުޅުވާލާފައިވާއިރު، މުބާރާތާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޝަފީޤް ވިދާޅުވީ ޝޫޓިން އެސޯސިއޭޝަނުގެ އަމާޒަކީ މި ކުޅިވަރު ކުޅުމުގެ ފުރުސަތު ހަމަހަމަކަމާއެކު ކޮންމެ އެތުލީޓަކަށްވެސް ހޯދައިދިނުންކަމަށެވެ. އެއަމާޒަށް ވާސިލްވުމަށް އެޅުނު ފުރަތަމަ ފިޔަވަޅަކީ ޕެރަ އެތުލީޓުންނަށް ވާދަކުރެވޭނެހެން ޤައުމީ ޝޫޓިން މުބާރާތް ކުރިއަށް ގެންދިއުންކަމަށެވެ.
"ޝޫޓިންއިން ހުރިހާ ބޭފުޅުންނަށް ހަމަހަމަކަމާއެކު ފުރުސަތުދީގެން ކުރިއަށްގެންދާ ގޮތަށް ރާވާފަމިވަނީ. 12 އަހަރުންމަތީގެ ކޮންމެ ޒުވާނަކަށްވެސް ފުރުސަތު އެބައޮތް" ޝަފީޤް ވިދާޅުވިއެވެ.
ޝޫޓިން ކުޅިވަރަކީ ރާއްޖޭގެ އެތުލީޓުންގެ ހުނަރުވެރިކަން ފާހަގަވަމުންދާ ކުޅިވަރަކަށްވާއިރު، އެސޯސިއޭޝަނުގެ އަމާޒަކީ މުސްތަޤުބަލުގައި ޤައުމު ތަމްސީލުކުރާނެ ހުނަރުވެރި ޕެރަ ޓީމެއް ތަރައްޤީކުރުންކަމަށް ޝަފީޤް ހާމަކުރެއްވިއެވެ. އޮލިމްޕިކް ކުޅިވަރުތަކުގެ ތެރޭގައި ހިމެނޭ ޝޫޓިންއިން ތަރައްޤީ ކުރެވޭ ސްކޮޑަކީ ބައިނަލްއަޤްވާމީ މައިދާނުގައި ޤައުމަށް ރީތި ނަން ހޯދައިދޭނެ ސްކޮޑަކަށްވާނެކަމަށް ޤަބޫލުކުރައްވާކަމަށް ޝަފީޤް ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު އުންމީދެއް އެބައޮތް ޕެރަ ކެޓަގަރީއިންވެސް ރަނގަޅު ޓީމެއް ނެގޭނެކަމުގެ. ރާއްޖޭގެ އެތުލީޓުންނަކީ ވަރަށް ހުނަރުވެރި އެތުލީޓުންތަކެއް. އެހެންވީމަ ޕެރައިންވެސް އިންޓަނޭޝަނަލް ފެންވަރަށް މުބާރާތްތަކުގައި ވާދަކުރެވޭނެކަމުގެ ވަރަށް ބޮޑު ޔަޤީންކަމެއް އެބައޮތް" ޝަފީޤް ވިދާޅުވިއެވެ.
ނެޝަނަލް ޝޫޓިން ސްޕޯޓް އެސޯސިއޭޝަން ޗެމްޕިއަންޝިޕް 2026 ގައި ބައިވެރިވުމުގެ ފުރުސަތު ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އާންމުކޮށް ހުޅުވާލާފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަމަހުގެ 10 ވަނަ ދުވަހުގެ 23:59 އެކެވެ.
މުބާރާތުގައި އަލަށް ބައިވެރިވާ ފަރާތްތަކަށް މުބާރާތުގެ ކުރިން ތަމްރީނުތައް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން އަންނަމަހުގެ 05 ވަނަ ދުވަހުން ފެށިގެން މާލޭ ޝޫޓިން ރޭންޖާއި ހުޅުމާލޭ ޝޫޓިން ރޭންޖުގައި މުބާރާތަށް ތައްޔާރުކުރުމަށް ޓްރޭނިންތައް ފަށާނެކަން ޝަފީގް ފާހަގަކުރެއްވިއެވެ.
މުބާރާތް ކުރިއަށްދާނީ ޕްރޮފެޝަނަލް ކެޓަގަރީ، ޖޫނިއާ ކެޓަގަރީ، ޔޫތު ކެޓަގަރީ، ޕެރަލިމްޕިކް ކެޓަގަރީ އަދި އެމެޗުއަރ ކެޓަގަރީ ހިމަނައިގެންނެވެ. އެއާ ރައިފަލް އަދި އެއާ ޕިސްޓަލް ހިމެނޭހެން މުބާރާތް ކުރިއަށްދާއިރު، ކޮންމެ އުމުރުފުރާއަކުން އަންހެން، ފިރިހެން އަދި މިކްސްޑް ޓީމްގެ އިތުރުން އަންހެން އަދި ފިރިހެން ޓީމް އިވެންޓްތައް ކުރިއަށްދާނެއެވެ.
މިފަދަ މުބާރާތެއް އާންމުންނަށް ހުޅުވާލައިގެން ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ރާއްޖޭގައި ޝޫޓިން ކުޅިވަރު ކުރިއަރުވާ ޒުވާން އެތުލީޓުން ތަމްރީނުކޮށް ކުރިއެރުވުމެވެ. އަދި އޮލިމްޕިކްގައި ހިމެނޭ މި ކުޅިވަރުން އެތުލީޓުން އުފައްދާ ޤައުމީ ފެންވަރުގައްޔާއި ބައިނަލްއަޤްވާމީ ފެންވަރުގައި ވާދަކުރެވޭނެ ފުރުސަތުތައް ހޯދައިދީ ޤައުމަށް ރީތި ނަމާއި ފަޚުރު ހޯދައިދޭނެ ޝަރަފުވެރި ޤައުމީ ޝޫޓިން ޓީމެއް ބިނާކުރުންކަމަށް ޝޫޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ވަނީ ބުނެފައެވެ.