ގްރީންބިލްޑިންގް ކޮންސެޕްޓް ހިމެނުމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އާކިޓެކްޗަރ ކޯސް އެސެސްކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމު ކުރި މި ބައްދަލުވުމުގައި ސަރުކާރު އަދި އަމިއްލަ ފަރާތަށް ހިމެނޭގޮތަށް 20 ބޭފުޅުން ބައިވެރިވެއެވެ. މިބައްދަލުވުމަކީ މިނިސްޓްރީއޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ކުރިއަށްގެންދާ ސްޓްރެންތެނިންގ ލޯކާބަންއެނަރޖީ އައިލެންޑް ސްޓްރެޓެޖީސް މަޝްރޫޢުގެ އެހީގައި ކުރިއަށްގެންދާ ބައްދަލުވުމެކެވެ.
ޤައުމީ ޔުނިވަރސިޓީގައި އާރކިޓެކްޗަރގެ ޑިގްރީ އަދި މާސްޓަރސް ޕްރޮގްރާމް ހެދުމަށް ބޭނުންވާ މައުލޫމާތާއި، ޕްރޮގްރާމް ފަރުމާކުރުމަށް ބޭނުންވާ މައުލުމާތު މި ބައްދަލުވުމުގެ ތެރެއިން އެއްކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި ބައްދަލުވުމުގައި ތިމާވެއްޓާ ރައްޓެހިގޮތަށް ހަކަތަ މަދުން ބޭނުންކުރާނެ ގޮތްތަކަށް ޢިމާރާތްތައް ފަރުމާކުރުމާއި، އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ބައްދަލުވުމަށް ފަންޑު ކޮށްދެއްވާފައިވަނީ ގުލޯބަލް އެންވަޔަރމަންޓް ފެސިލިޓީ ޖީއީއެފުންނެވެ.
މި ބައްދަލުވުން ތައާރަފްކޮށްދެއްވަމުން އެންވަޔަރމަންޓް މިނިސްޓްރީގެ ޕަރމަނަންޓް ސެކެރެޓަރީ އަޖްވަދު މުސްތަފާ ވިދާޅުވީ ސަރުކާރުން 2018 ވަނަ އަހަރު އަންނަންވާއިރަށް މީހުން ދިރިއުޅޭ ތަންތަނުގައި 30 އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ. ނަމަވެސް ތިމާވެއްތާ ރައްޓެހިގޮތަށް ހަކަތަ މަދުން ބޭނުން ކުރަންޖެހޭގޮތަށް ގެތައް ފަރުމާކުރުމުގެ އޮނިގަނޑެއް ރަސްމީކޮސް ހެދިފައިނުވާކަމަށާއި، އެފަދަ އޮނިގަނޑެއް ހެދުމަށް ބޭނުންވާ މައުލޫމާތު މި ބައްދަލުވުމުން ލިބިގެންދާނެކަމަށެވެ.
މި ބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަދައްކަވަމުން ޤައުމީ ޔުނިވަރސިޓީގެ އެސޯސިއޭޓް ލެކްޗަރަރ އިބްރާހިމް ނަދީމް ވިދާޅުވީ ތިމާވެއްޓާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ކުރިޔަށްގެންދާ މި ބައްދަލުވުމަކީ އާރކިޓެކްޗަރގެ ޑިގްރީ އަދި މާސްޓަރސް ޕްރޮގްރާމް ޑިވަލަޕްކުރުމަށް ބޭނުންވާ ފަންނީ މައުލޫމާތު ހޯދުމަށް ކުރިޔަށްގެންދާ ބައްދަލުވުމެއްކަމަށެވެ.
މި ބައްދަލުވުމަށްފަހު ލިބޭ މައުލޫމާތު އެއްކުރުމަށްފަހު ކަމާ ބެހޭ ކޮންސަލްޓަންޓެއް އައްޔަންކޮށް އާރކިޓެކްޗަރގެ ޑިގްރީ އަދި މާސްޓަރސް ޕްރޮގްރާމްގެ މަސައްކަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ ޔުނިވަރސިޓީން ވިދާޅުވެއެވެ.