"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީ" ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ފެނިވަޑައިގަންނަވާ ކަމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.
ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އާދިއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ސިއްޙީ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހަށް މަޝްވަރާކުރެއްވުމަށް ފަހުގައެވެ. މިއީ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދަންޖެހޭ ކަމަކަށްވާތީ، އެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީ" އަކީ 5 އެޕްރީލު 2010ގައި ދިވެހިރާއްޖެއިން ތަޞްދީޤުކޮށްފައިވާ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް މުޢާހަދާއިން ޚާއްޞަ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ރައްކާތެރިކޮށްދޭ ޙައްޤުތަކާ ގުޅޭ ކަންކަން، އިތުރަށް ހަރުދަނާކޮށް، އެ މުޢާހަދާ ފުރިހަމައަށް ތަންފީޒުކުރުމުގައި ބައިނަލްއަގުވާމީ ފެންވަރުގައި މެންބަރު ޤައުމުތައް ޒިންމާދާރުކުރެވޭނެ ނިޒާމެއް އެކަށައެޅުމުގެ މަގުސަދުގައި އެކުލަވާލާފައިވާ ޕްރޮޓޮކޯލެކެވެ.
އޮޕްޝަނަލް ޕްރޮޓޮކޯލްގައި، ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޕަރސަންސް ވިތު ޑިސްއެބިލިޓީސް މުޢާހަދާ ތަންފީޛުކުރުން ހަރުދަނާކުރުމަށް މުހިންމު 2 ނިޒާމެއް ކަނޑައަޅާފައިވެއެވެ. މި ޕްރޮޓޮކޯލްގެ ފުރަތަމަ ނިޒާމަކީ ވަކިވަކި ފަރުދުން ނުވަތަ ބައެއްގެ ޙައްޤެއް ގެއްލިއްޖެ ނުވަތަ ނިގުޅައިގަނެވިއްޖެ ޙާލަތެއްގައި، އެޤައުމަކުން ދާޚިލީގޮތުން ލިބިދޭ ފަރުވާތަކުގެ އިޖުރާޢަތުތަކާއި ޤާނޫނީ މަރުޙަލާތައް ފުރިހަމަކޮށް ނިމިފައިވާނަމަ، އެކަމާގުޅޭ ޝަކުވާ، އިންޑިވިޖުއަލް ކޮމިއުނިކޭޝަންސް އދ. ގެ ކޮމިޓީއަށް ހުށަހެޅުމާގުޅޭ ނިޒާމެކެވެ.
މި ޕްރޮޓޮކޯލްގެ ދެވަނަ ނިޒާމަކީ އިންކުއަރީ ނިޒާމެކެވެ. މި ނިޒާމުގެ ދަށުން، މެންބަރު ޤައުމެއް މި މުޢާހަދާގައި ބަޔާންކުރާ ޙައްޤަކަށް ނިޒާމީ ސިފައެއްގައި އަދި ބޮޑު މިންވަރަކަށް އަރައިގެންފައިވާ ކަމަށް އިތުބާރުހުރި ގޮތެއްގައި ތުހުމަތު ކުރެވިއްޖެނަމަ، އެ ތުހުމަތަކާ ގުޅިގެން އިންކުއަރީއެއް ހިންގުމުގެ ބާރު އދ. ގެ ކޮމިޓީއަށް ލިބިދެއެވެ.
މި ޕްރޮޓޮކޯލަކީ މި މުޢާހަދާ ތަޞްދީޤުކޮށްފައިވާ ޤައުމުތަކުން އެބައެއްގެ އަމިއްލަ އިޙުތިޔާރުގައި ބައިވެރިވާ ޕްރޮޓޮކޯލެކެވެ. ދިވެހިރާއްޖެއިން 5 އެޕްރީލު 2010ގައި މި މުޢާހަދާ ތަޞްދީޤުކުރިނަމަވެސް، ދިވެހިރާއްޖެއިން އޮޕްޝަނަލް ޕްރޮޓޮކޯލްގައި ބައިވެރިވެފައެއް ނުވެއެވެ. އިންސާނީ ޙައްޤުތަކާ ގުޅޭ ބައިނަލްއަގުވާމީ އެކި ނިޒާމުތަކުގެ ދަށުން ދިވެހިރާއްޖެ ރިވިއު ކުރުމުގެ ތެރޭގައި، މި އޮޕްޝަނަލް ޕްރޮޓޮކޯލް ވީ އެންމެ އަވަހަކަށް ތަޞްދީޤުކުރުމަށް މީގެ ކުރިން ވަނީ ގިނަ ރިކޮމެންޑޭޝަންތަކެއް ލިބިފައެވެ.