ޚަބަރު

އަމީނީމަގު މަރަމާތުކުރުން: ދެވަނަ ތާރު ފަށަލަ އަޅަން ފަށައިފި


  • ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ހޮނިހިރު ދުވަހު

  • މި މަސައްކަތް ހަފުތާއެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު މަސައްކަތް ފަށާފައިވާ ފުރަތަމަ ސެގްމަންޓުގައި ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީންނެވެ. އެ ކުންފުނިން ވިދާޅުވެފައިވާ ގޮތުގައި އަމީނީ މަގު މަރާމާތު ކުރާއިރު ތާރު އަޅާނީ ދެފަށަލައަކަށެވެ.

އެމްޓީސީސީން އަމީނީ މަގުގެ މަރާމާތު ކުރަން ފަށާފައިވާ ސަރަހައްދުގެ ފުރަތަމަ ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ފެށީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިއަދު ދެވަނަ ތާރުގެ ދެވަނަ ފަށަލަ އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

އެ ކުންފުނިން ވިދާޅުވެފައިވާ ގޮތުގައި ތާރު އެޅުމުގެ މަސައްކަތް ހަފުތާއެއްގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. އެގޮތުން، ތާރުގެ ދެވަނަ ފަށަލަ އެޅުމަށްފަހު މި ހަފުތާގެ ތެރޭގައި މަގުގެ ނިޝާންތައް ކުރެހުންފަދަ އެންމެ ފަހުގެ މަސައްކަތްތައް ތާވަލުކޮށްފައިވާ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

ތާރުއަޅައިގެން ތަރައްޤީކޮށްފައި އޮތް އަމީނީ މަގުގެ ތާރުފަށަލަ ހަލާކުވުމާއި ގުޅިގެން އެ ސަރަހައްދު މަރާމާތުކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ ޖޫން މަހުގެތެރޭގައެވެ. މަގުގެ މަސައްކަތް އެކި ސެގްމަންޓްތަކަށް ބަހާލައިގެން ކުރަމުންދާއިރު ސެގްމަންޓް 1 ގައި ހިމެނެނީ އިއްޒުއްދީން މަގުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލުކައިރީ އޮންނަ ޕާކާ ހަމައަށް ތާރުއެޅުމުގެ މަސައްކަތެވެ.

މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމުމަށްފަހު ދެވަނަ ސެގްމަންޓުގައި ހިމެނޭ ޢިއްޒުއްދީން މަގުން ފެށިގެން ޣިޔާސުއްދީން ސްކޫލާ ހަމައަށް މަގުގައި ތާރުއެޅުމުގެ މަސައްކަތް ފެށުމަށްވަނީ ނިންމާފައެވެ. މިމަސައްކަތް އަންނަ ނޮވެންބަރު މަހަށް ނިންމުމަށްވަނީ ތާވަލުކޮށްފައެވެ.

އަމީނީ މަގުގެ ހަލާކުވެފައި އޮތް ސަރަޙައްދު އަވަހަށް ހަލާކުވެފައިވަނީ ތާރު އެޅުމަށްފަހު، ތާރުގަނޑު ރަނގަޅަށް ނުހިކެނީސް އުޅަނދުތަކަށް މަގު ހުޅުވާލުމުންކަމަށް ކަމުގެ ފަންނީ ބޭފުޅުން ފާހަގަކުރައްވައެވެ. ޚާއްސަކޮށް އެ ސަރަޙައްދަކީ ބަސްދަތުރުކުރާ ސަރަޙައްދަކަށް ވުމުން ތާރުގަނޑު ހަލާކުވުމުގެ ފުރުޞަތު އޮވެއެވެ. މީގެއިތުރުން ރާއްޖޭގެ ހޫނުމިން މައްޗަށް ދާދުވަސްވަރު އޭގެ އަސަރުވެސް ތާރުގަނޑަށް ކުރާކަން ފާހަގަކުރެވެއެވެ.