ޚަބަރު

ސިޓީ ވިމެން މޮޅުވެ 5 ޕޮއިންޓުގެ ލީޑެއްގައި


  • ސިޓީ ވިމެންއިން ލިވަޕޫލް ވިމެންގެ މައްޗަށް ކުރިހޯދީ 4-2 އިން

ވިމެންސް ސުޕަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ ވިމެން އާއި ލިވަޕޫލް ވިމެން ބައްދަލުކުރި މެޗު ސިޓީއިން ކާމިޔާބު ކޮށް 5 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.

ސިޓީގެ ޖޯއި ސްޓޭޑިއަމްގައި ކުޅުނު މިމެޗު އެޓީމުން ކާމިޔާބު ކޮށްފައިވަނީ 4-2 ނަތީޖާއިންނެވެ. މި މެޗުގައި ގިނަ ހަމަލާ އުފައްދާފައިވަނީ ސިޓީއިންނެވެ.

މެޗުގެ 13 ވަނަ މިނެޓުގައި ސިޓީއިން ވަނީ މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ލޯރެން ހެމްޕެވެ. ނަމަވެސް މިލަނޑު ޖެހިތާ 6 މިނެޓް ފަހުން ލިވަޕޫލުން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އެލީސް ބަރގްސްޓްރޮމެވެ. އަދި މެޗުގެ 28 ވަނަ މިނެޓުގައި ވިވިއެން އެންޑެމަން ޖަހައިދިން ލަނޑުން ލިވަޕޫލުން މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މިމެޗުގައި ސިޓިއިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ 2 ވަނަ މިނެޓުގައި ހަދީޖާ ޝޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ޑަބްލިއުއެސްއެލްގައި ސިޓީގެ މައްޗަށް ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ލިވަޕޫލުން މިމެޗުގެ ދެވަނަ ހާފު ފެށީ ވަރަށް ވަރުގަދަކޮށެވެ. ނަމަވެސް ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި މިމެޗު އެއްވަރުވާނެކަމަށް ބެލެވުނެވެ.

މިމެޗުގައި ސިޓީއަށް ލީޑު ލިބުނީ މެޗުގެ 90 ވަނަ މިނެޓުގައި ލިވަޕޫލްގެ ގްރޭސް ފިޝް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި ހެމްޕް ވަނީ އިތުރު ވަގުތުގެ 5 ވަނަ މިނެޓްގައި ސިޓީގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކޮށްދީ އެޓީމަށް އޮތް ޕްރެޝަރު ކުޑަކޮށްދީފައެވެ.

މިކާމިޔާބީ އާއެކު ސިޓީ ވިމެން މިހާރު އުޅެނީ ކުޅުނު 3 މެޗުން ލިބިފައިވާ 9 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. ދެވަނައިގައި އޮތް ޗެލްސީ ވިމެން އަށް ލިބެނީ 2 މެޗުން 4 ޕޮއިންޓެވެ. އަދި ލިވަޕޫލް އޮތީ 3 މެޗުން ލިބުނު 4 ޕޮއިންޓާއެކު ތާވަލްގެ ތިން ވަނައިގައެވެ. ނަމަވެސް މިހަފްތާގައި ކުޅޭ އެހެން މެޗުތަކާއެކު ސިޓީ އާއި ގާތަށް ބައެއް ޓީމުތައް ޖެހުމުގެ ފުރުސަތު އެބައޮތެވެ.