ޚަބަރު

"އޭޓީއެމްގައި ކުރެވޭ މަސައްކަތުން، ހައި ސީޒަނުގައި ފައިދާވާނެ"


  • އެއާލައިންތަކުގެ ދަތުރުތައް އިތުރުކުރަކީ ލިބޭނެ ކުރިއެރުން

  • މެދުއިރުމަތީގެ ގިނަ އެއާލައިންތަކަކުން ރާއްޖެއަށް ދަތުރުތައް ބާއްވާ

  • ފެއާގެތެރެއިން 2 އެއާލައިންއަކާއެކު އެއްބަސްވުމުތަކުގައި ސޮއިކޮށްފައިވޭ

އޭޓީއެމްގައި ކުރެވޭ މަސައްކަތުން އެއާލައިންތަކުން މިއަހަރުގެ ހައި ސީޒަނުގައި މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުވެގެންދާނެކަމުގެ އުއްމީދު ބޮޑުކަމަށް
ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނިޔާޒް ވިދާޅުވެއްޖެއެވެ.

އަރަބިއަން ޓްރެވެލް މާކެޓުގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.ޢަބްދުﷲ ނިޔާޒް ވިދާޅުވީ، ވައިގެ ދަތުރުފަތުރުން ގުޅާލެވިފައި އޮތުމަކީ ފަތުރުވެރިކަމުގެ ސިނާޢަތަށް މުހިންމު ކަމެއްކަމަށެވެ.

މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން މާރިޗު 1 އިން ފެށިގެން ވައިގެ ދަތުރުފަތުރަށް ވަރަށް ބޮޑަށް އަސަރުކުރަމުންދާކަން ޑރ.ނިޔާްޒް ފާހަގަކުރެއްވިއެވެ. އެގޮތުން ގަލްފުން ރާއްޖެ ކުރާ ދަތުރުތައް މަދުކުރިކަން ޑރ. ނިޔާޒް ވިދާޅުވިއެވެ.

ޑރ.ނިޔާޒް ވިދާޅުވީ، އަހަރުގެ ކުރީކޮޅު ދުވާލަކު 20ސައްކަ ފްލައިޓު ރާއްޖެ ދަތުރުކުރަމުންދިޔަކަމަށެވެ. އެހެންނަމަވެސް މިހާރު ދަތުރުކުރަނީ ދުވާލަކަށް 15ވަރަކަށް ފްލައިޓުކަމަށާއި، ސަރުކާރުން މިިހާރު މިކުރާ މަސައްކަތުން ހައި ސީޒަނަށް އިތުރު ފްލައިޓުތަކުން ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ވިދާޅުވިއެވެ.

"އެއާ ކަނެކްޓިވިޓީއަކީ ވަރަށް މުހިންމު ކަމެއް. މެދިއިރުމަތީގެ ހަނގުރާމައާއި ގުޅިގެން މާޗް 1އިން ފެށިގެން ކަނެކްޓިވިޓީއަށް ވަރަށް ބޮޑަށް އަސަރުކުރަމުންދަނީ. މީގަ ގަލްފުން އަންނަ ގިނަ މަތިންދާބޯޓުތައް، އެމިރޭޓްސް އިއްތިހާދު އެއާވޭސް ފްލައި ދުބާއީ އެއާ އަރަބިއާ ވަރަށް ގިނަ ފްލައިޓްތައް ކެންސަލްވެސް ކުރި. ދުވާލަކު 20ސައްކަ ފްލައިޓު އަންނަމުންދިޔައީ ޖަނަވަރީ ފެބުރުވަރީގައި. އެހެންނަމަވެސް މިހާރު 15 ވަރަކަށް ފްލައިޓު އެބައާދޭ. އަޅުގަނޑުމެންގެ އުއްމީދަކީ މިކުރާ މަސައްކަތުން އަނެއްކާވެސް ހައި ސީޒަނަށް ކުރިމަތިލާއިރު އިތުރު ފްލައިޓުތައް އައުން". ޑރ.ނިޔާޒް ވިދާޅުވިއެވެ.

ޑރ.ނިޔާޒް ވިދާޅުވީ، މިއަހަރުގެ ހައި ސީޒަނާ ކުރިމަތިލާއިރު އިތުރު 7 އެއާލައިނަކުން ރާއްޖެއަށްކުރާ ދަތުރުތައް ފެށުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

"ސަރުކާރުން ވަރަށް ބޮޑު މަސައްކަތެއް އެބަކުރައްވާ އިތުރު 7 އެއާލައިން މި ސީޒަންގެ ތެރޭގައި އެބައާދޭ. އަޅުގަނޑުމެން ގަބޫލުކުރަނީ މިދިޔަ އަހަރުގެ އަދަދަށް މިއަހަރުވެސް ކާމިޔާބުކުރެވޭނެކަމަށް". ޑރ.ނިޔާޒް ވިދާޅުވިއެވެ.

މިއަހަރު ރާއްޖެއިން ކަނޑައަޅާފައިވަނީ، 2.5 މިލިޔަން ފަތުރުވެރިން ގެނައުމަށެވެ. މިހާތަނަށް 1.5 މިލިޔަން ފަތުރުވެރިން ގެނެސްފައިވެއެވެ. ދިމާވި ދަތިތަކުން އަރައިގަނެ، ރާއްޖެއިން މިހާރު ދަނީ ފަތުރުވެރިން ގެނައުމަށް އިތުރު މާކެޓުތައް ހޯދުމާއި އިޝްތިހާރު ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.