ކުޅިވަރު

މެސީ ގައުމީ ޓީމަށް ނަގައިފި


ގައުމީ ޓީމަށް ކުޅުން ހުއްޓާލައިގެން ހުރި ނަމަވެސް ކެޕްޓަން ލަޔޮނަލް މެސީ އާޖެންޓީނާގެ ޓީމަށް ނަގައިފި އެވެ.

އަންނަ އޮކްޓޫބަރު މަހުގެ ހަ ވަނަ ބެނިންއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް މެސީ ޓީމުގައި ހިމެނީ އޭނާގެ ވަދާއީ މެޗަށް އެ މެޗު ހެދުމަށެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް ކްލައުޑިއާ ޓަޕިއާ ވިދާޅުވީ މި މެޗު ކުޅެނީ އާޖެންޓީނާގެ ވެރިރަށް ބޮއިނަސް އައިރިސްގައި ކަމަށްވުމުން މިއީ ސަޕޯޓަރުންނަށް ވަދާއީ ސަލާމް ކުރުމަށް މެސީ އަށް އެންމެ ރަނގަޅު ވަގުތު ކަމަށެވެ.

"އަހަރުމެން މިވަނީ އަހަރުމެންގެ ކެޕްޓަނަށް ދައުވަތު ދީފައި. އޭނާ ޓީމުގައި ހިމަނާފައި. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ސަޕޯޓަރުންނަށް އަލްވަދާއު ކިއުން ކުލަގަދަވާނެ،" ޓަޕިއާ ވިދާޅުވި އެވެ.

އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ މެސީ ގައުމީ ޓީމަށް ކުޅުން ހުއްޓާލުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަށް ނިންމައިފަ އެވެ. މި ގޮތުން މި މެޗުގައި ކުރާނެ ގިނަ ކަންތައްތަކެއް ވަނީ އެކުލަވާލައިފަ އެވެ. މި ގޮތުން އެންމެ މުހިންމު ކަމަކީ ހަނދާނުން ފޮހެ ނުލެވޭވަރުގެ ވަދާއީ ހަދިޔާ އެއް މެސީ އަށް ދިނުންކަމަށް އާޖެންޓީނާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ އެކްސްކޯގެ ގިނަ ބަޔަކު ވަނީ ލަފާދީފަ އެވެ.

އުމުރުން 39 އަހަރުގެ މެސީ އަކީ އާޖެންޓީނާގެ އިތުރުން ގިނަ ބައެއްގެ ނަޒަރުގައި ފުޓްބޯޅައިގެ އެންމެ އަލިގަދަ ތަރި އެވެ. އޭނާ ފަދަ އެހެން ކުޅުންތެރިއަކު ދުނިޔެއިން ފެނިފައިވާ ނުވާ ކަމަށް އެއްބަސްވާ މީހުން ގިނަ އެވެ. 21 އަހަރު ގައުމީ ޓީމަށް ކުޅެ އޭނާ ވަނީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕާއި އެންމެ ފަހުގެ ދެ ކޮޕާ އެމެރިކާ އާއި ފައިނަލިސިމާ ކަޕާއި އޮލިމްޕިކް ގޯލްޑް މެޑަލް އާޖެންޓީނާ އަށް ހޯދައިދީފަ އެވެ.

އޭނާ ކުޅުން ހުއްޓާލުމުން އެކަން ފާހަގަ ކުރުމަށް އާޖެންޓީނާގައި އެ ހަފުތާގައި ކުޅުނު ކޮންމެ މެޗެއްގެ 10 ވަނަ މިނިޓް ވަނީ މެޗު މެދުކަނޑާލައި މެސީ އަށް ހާއްސަ ކޮށްފަ އެވެ.