މެޗު ބޯނަސް މަދުކޮށް، 11 ޕޮއިންޓް އުނިކޮށް އައިސީސީ ޓެސްޓް ކްރިކެޓް ރޭންކިންގެ ފުލަށް ޕާކިސްތާން ވަށްޓާލައިފި އެވެ.
އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލް (އައިސީސީ) އިން މި ގޮތަށް ނިންމީ އިނގިރޭސިވިލާތާ ދެކޮޅަށް ޕާކިސްތާން ކުޅުނު ޓެސްޓް ސިލްސިލާގައި އެ ގައުމުގެ އަމަލުތައް ބެލުމަށްފަހު އެވެ.
އައިސިސީ މެޗު ރެފްރީންގެ އެލީޓް ޕެނަލުން ނިންމީ އިނގިރޭސިވިލާތާއެކު ޕާކިސްތާން ކުޅުނު ތިން މެޗުގައި ވެސް މެޗު ވަރަށް ބޮޑަށް ދިގުދަންމާފައިވާ ކަމަށެވެ. ޕާކިސްތާނަށް ފިޔަވަޅު އެޅި އައިސީސީގެ ގަވާއިދުގެ ދެ މާއްދާއަކާ ހަވާލާދީ އެވެ.
އައިސީސީގެ ގަވާއިދު 2.22 ވަނަ މާއްދާ ބުނަނީ ހަ ބޯޅައިގެ އޯވަރެއް ނިންމަން ކަނޑައަޅާފައިވާ ވަގުތުގެ ތެރޭގައި އުކައި ނުނިންމައިފިނަމަ ކުޅުންތެރިންގެ މެޗު ފީގެ ފަސް ޕަސެންޓް އުނިކުރެވިދާނެ ކަމަށެވެ. އަދި މި ގޮތުން ވަގުތަށް ނުނިންމައިދާ ކޮންމެ އޯވަރަކަށް މެޗު ފީ އުނިކުރެވިދާނެ ކަމަށެވެ. އިނގިރޭސިންގެ މެޗުގައި ޕާކިސްތާނަށް ލަސްކުރީ ކަމަށް ބަލައި އައިސީސީން ނިންމީ މޗު ފީގެ 50 ޕަސެންޓް އުނިކުރުމަށެވެ. މިއީ މެޗު ލަސްކޮށްގެން އައިސީސީގެ ގަވާއިދުގައިވާ ދެވެން އޮންނަ އެންމެ މަތީ އަދަބެވެ.
މީގެ އިތުރުން ގަވާއިދުގެ 16.11.2 ވަނަ މާއްދާފައިވަނީ ލަސްކޮށް ނިންމާ ކޮންމެ އޯވަރަކަށް ޕޮއިންޓެއް މަދު ކުރެވިދާނެ ކަމަށެވެ. މި ގޮތުން މި މެޗުން ޕާކިސްތާނުގެ އަތުން ވަނީ 11 ޕޮއިންޓް އުނިކޮށްފަ އެވެ.
މިއާއެކު އެ ގައުމު މިހާރު ހިމެނިފައިވަނީ އައިސީސީ ރޭންކިންގެ އެންމެ ފުލުގަ އެވެ. އެއީ އެންމެ ހަތަރު ޕޮއިންޓާއެކުގަ އެވެ. ޕާކިސްތާނަށް ވުރެ ކުރގައިވާ ވެސްޓް އިންޑީޒަށް ވެސް 20 ޕޮއިންޓް ލިބިފައިވެ އެވެ. ރޭންކިންގެ އެއްވަނާގައިވާ އޮސްޓްރޭލިޔާ އަށް ލިބިފައިވަނީ 80 ޕޮއިންޓެވެ.
އިނގިރޭސިންނާ ދެކޮޅަށް ކުޅުނު ތިން މެޗުން ވެސް ޕާކިސްތާން ބަލިވީ އެވެ. މިއީ 2024ގެ ފަހުން އިނގިރޭސިން ޓެސްޓް ސިލްސިލާއަކުން މޮޅުވި ފުރަތަމަ ފަހަރެވެ. އަދި ޕާކިސްތާން އެންމެ ފަހުން ކުޅުނު 21 ޓެސްޓް މެޗުގެ ތެރެއިން ވަނީ 16 މެޗުން ބަލިވެފަ އެވެ.
އިންގްލޭންޑް އަތުން ބަލިވި މެޗަށް ފަހު ޕާކިސްތާނުގެ ކެރިކެޓް ބޯޑުން ވަނީ ހަތް ކުޅުންތެރިކާއި ޓީމުގެ ކޯޗިން ސްޓާފުން މަގާމުން ވަކިކޮށްފަ އެވެ. މިކަމާ ގުޅިގެން ކުރީގެ ބައެއް ކުޅުންތެރިން ފާޑުކިއުން އަމާޒުވެ، ޕާކިސްތާނުގެ ކްރިކެޓް ބޯޑުގެ ރައީސް އަދި އެ ގައުމުގެ އިންޓީރިއާ މިނިސްޓަރު ވަނީ ރައްދު ވެސް ދީފަ އެވެ.