އަހަރުގެ ފަހު ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަންގެ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލުގައި އެންމެ ފަހު ދެ އަހަރުގެ ޗެމްޕިއަން އަދި މިފަހަރު އެއްވަނައަށް ސީޑު ކުރެވިފައިވާ އަރީނާ ސަބަލެންކާ ބަލިކޮށް ދެވަނައަށް ސީޑު ކުރެވިފައިވާ އެލޭނާ ރިބާކިނާ ޗެމްޕިއަންކަން ހޯދައިފިއެވެ.
ކަޒަކިސްތާނަށް ނިސްބަތްވާ ރިބާކިނާ ފައިނަލް މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ސެޓުންނެވެ. މިއީ މިސީޒަންގައި ރިބާކިނާ ކާމިޔާބު ކުރި ގްރޭންޑް ސްލޭމް ދެވަނަ މުބާރާތެވެ. އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަންގެ ޗެމްޕިއަންކަންވެސް ރިބާކިނާ ކާމިޔާބު ކޮށްފައިވަނީ ފައިނަލުގައި ސަބަލެންކާ ބަލިކޮށްގެންނެވެ. އަދި މިއީ އޭނާގެ ކެރިއަރުގައި ކާމިޔާބު ކުރި ގްރޭންޑް ސްލޭމް ތިންވަނަ މުބާރާތެވެ. އޭނާ އެންމެ ފުރަތަމަ ކާމިޔާބު ކޮށްފައިވަނީ 2022 ވަނަ އަހަރުގެ ވިމްބަލްޑަން މުބާރާތެވެ.
މިފަހަރުގެ ފައިނަލްގައި ސަބަލެންކާއަށް ވުރެ ރިބާކިނާ ފެނުނީ މާހަމަޖެހިގެން އިތުބާރާއެކު ކުޅެމުންދިޔަ ތަނެވެ. މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރުމާއެކު ދުނިޔޭގެ އައު ރޭންކިންގ މާދަމާ އިއުލާން ކުރާއިރު އެއްވަނަ އަންހެން ކުޅުންތެރިޔާގެ މަގާމް ލިބޭނެކަން ކަށަވަރުވެފައިވާ ރިބާކިނާ މިމެޗުގެ ފުރަތަމަ ސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ. 2014 ވަނަ އަހަރަށްފަހު ޖެހިޖެހިގެން ތިންވަނަ ފަހަރަށް މިމުބާރާތުގެ ތަށި އުފުލާލާ ފުރަތަމަ ކުޅުންތެރިޔާއަށް ވުމަށް މަސައްކަތް ކުރަމުންދިޔަ ސަބަލެންކާވަނީ ދެވަނަ ސެޓު ފަހެއް ހަތަކުން ކާމިޔާބު ކޮށް މިމެޗު ތިންވަނަ ސެޓަކަށް ގެންގޮސްފައެވެ. ނަމަވެސް އޭނާއަށް މިމެޗުގެ ފަހު ސެޓުގައި އެކުޅުން ތަކުރާރު ކުރެވޭގޮތެއް ނުވިއެވެ. ފަހު ސެޓު ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހައެއް ދެއަކުން ކާމިޔާބު ކޮށް ޔޫއެސް އޯޕަންގެ ތަށި ފުރަތަމަ ފަހަރަށް ރިބާކިނާ ކާމިޔާބު ކުރިއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ރިބާކިނާ ބުނީ އޭނާ މިމުބާރާތުގައި ވޭތުވެދިޔަ 10 އަހަރު މިދިޔައީ ވާދަކުރަމުން ކަމަށާއި ނަމަވެސް އެއިން އެއްވެސް ފަހަރަކު އޭނާގެ މަސައްކަތް ކާމިޔާބު ވެފައިނުވާކަމަށެވެ. މީގެކުރިން އޭނާ ކުޅުނު ކޮންމެ މުބާރާތެއްގައި ރިބާކިނާ ވަނީ ހަތަރު ވަނަ ބުރުން ބަލިވެފައެވެ. އަދި ޔޫއެސް އޯޕަންގެ ކުރިން ބޭއްވި ސިންސިނާޓީ އޯޕަންގެ ކުއާޓަރ ފައިނަލުގައި ފަޔަށް ލިބުނު އަނިޔާއަކާއި ގުޅިގެން ޔޫއެސް އޯޕަންގައި ކުޅެވޭނެކަމާމެދު ސުވާލު އުފެދުމުން މިކާމިޔާބީ އިތުރަށް ހާއްސަ ވިއެވެ.
މިފަހަރުގެ ޔޫއެސް އޯޕަންގައި 99 ހަފްތާ ވަންދެން ދުނިޔޭގެ ރޭންކިންގގެ އެއްވަނައިގައި އޮތް ސަބަލެންކާއަށް އެއްވަނަ މަގާމް ގެންލުމުގެ އިތުރުން އޭނާ ވޭތުވެދިޔަ ދެ ފަހަރު ކާމިޔާބު ކުރި ތަށިވެސް މިވަނީ ގެއްލިފައެވެ. އަދި މިސީޒަނަކީ ސަބަލެންކާއަށް ނާކާމިޔާބު ސީޒަނެއްގެގޮތުގައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ސަބަލެންކާ ބުނީ މިމެޗުގައި މިއައްވުރެ ތަންކޮޅެއް ރަނގަޅަށް ކުޅެވުނު ނަމައޭ ހިތަށް އަރާ ކަމަށާއި ނަމަވެސް އެކަން ވާގޮތް ނުވީ ކަމަށެވެ. އެހެން ކަމުން މިއަންނަ އަހަރު އެކަން ކުރެވޭތޯ މަސައްކަތް ކުރާނީ ކަމަށް ސަބަލެންކާ ހާމަކުރިއެވެ.