ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ އަތޮޅުގެ 60 ގެއަކަށް ފެންވަދެ ގެއްލުން ލިބިފައިވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ދެކުނުން ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ދަނީ ރިޕޯޓް ކުރަމުންނެވެ. މިކަމުގެ އަދާހަމަ ހިއްސާކޮށްދެއްވާ އެންޑީއެމްއޭއިން ވިދާޅުވީ މަސަރަހައްދުތަކުގެ ހާލަތު ގާތުން ބަލަމުންދާ ކަމަށެވެ.
ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ އެންމެ ބޮޑަށް ގެއްލުން ލިބިފައިވަނީ، އައްޑޫސިޓީ ފޭދޫއަށެވެ. އެގޮތުން މިއަދު ހަވީރާ ހަމައަށް ފޭދޫގެ 58 ގެއަކަށް ފެންވަދެފައިވާ ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއްވިއެވެ. މީގެ ތެރެއިން އެއް ގެއެއްގައި މީހުން ދިރިނޫޅެވޭ ހާލަތައް ގޮސްފައިވުމުން އެގޭގައި ދިރިއުޅެމުންދިޔަ ޚާއްޞަ އެހީއަށް ބޭނުންވާ 2 މީހުން ހިމެނޭހެން، ޖުމްލަ 8 މީހުންނަށް ސަރުކާރުންވަނީ 3 ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން، އައްޑޫ އަތޮޅު މަރަދޫގެ ދެ ގެއަކަށް ފެންވަދެ، ގެއްލުންތަކެއް ލިބިގެން ރިޕޯޓުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
ފޭދޫގެ މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން ޤައުމީ ދިފާޢީ ބާރުގެ ސަދަން އޭރިއާ އަދި އައްޑޫސިޓީ ކައުންސިލާއި ކަމާއި ގުޅޭ އެކި މުޢައްސާސާތަކުން ދަނީ ފެން ހިނދުމާއި ވެލި ބަސްތާ ޖެހުމުގައި ހަރަކާތްތެރިވަމުންނެވެ.
މި ވިއްސާރައާ ގުޅިގެން އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ބަލަމުންދާ ކަމަށެވެ. އަދި މިހާތަނަށް 100 އަށްވުރެ ގިނަ ގެއަށް ފެނުގެ އަސަރު ކޮށްގެން ރިޕޯޓް ކޮށްފައިވާ ކަމަށާއި، ބައެއް ގެތަކުން ކަރަންޓުވެސް ކެނޑުނު ކަމަށް ސިޓީ ކައުންސިލުން ވަނީ މަޢުލޫމާތު ދީފައެވެ.
އެންޑީއެމްއޭއިން މައުލޫމާތުދެއްވާ ގޮތުގައި ގއ، ގދ، ފުވައްމުލަކަށް ބޯކޮށް ވާރޭވެހި ގެއަކަށް ފެންވަދެ ގެއްލުން ލިބުންކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
އައްޑޫސިޓީއަށް ކުރި ވިއްސާރާއިގައި ފޭދޫ އަވަށަށް ގެއްލުން ވެފައިވާއިރު، މިއަދު މެންދުރުފަހު 11:45 އިން 13:00އާ ހަމައަށް ފުވައްމުލައް އަދި އައްޑޫސިޓީ ހިމެނޭ ސަރަަހައްދަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ އޮރެންޖު އިންޒާރު ނެރެފައެވެ. އަދި މިވަގުތުވެސް މި އަތޮޅުތައް ހިމެނޭ ސަރަހައްދަށް މިރޭގެ 22:00އާ ހަމައަށް ވަނީ ރީނދޫ ސަމާލު ނެރެފައެވެ.