މަދު ވަސީލަތްތަކަކާއެކު ރާއްޖެ ކުރިއަށް ގެންގޮސް، ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އިންޖިނޭރުންގެ ދައުރު ބޮޑުކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި އިންޖިނޭރުންގެ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާބެހޭ ވަޒީރު ވިދާޅުވީ، ދިވެހި އިންޖިނޭރުންނަކީ ބައިނަލްއަޤުވާމީގޮތުން ބަލައިގަންނަ، ފެންވަރު ރަނގަޅު ބައެއްކަމަށެވެ.
ވަޒީރު ވިދާޅުވީ ރާއްޖެއަށް އަންނަ ބޭރުގެ ތަޖުރިބާކާރުންވެސް ދިވެހި އިންޖިނޭރުންގެ ހުނަރުވެރިކަން ފާހަގަކޮށް އެކަމަށް ތަޢުރީފުކުރައްވާކަމަށެވެ. ދިވެހި އިންޖިނިއަރުންނަކީ ކުޅަދާނަ، ހުނަރުވެރި ބައެއްކަމަށާއި، އިންޖިނޭރުންގެ މަސައްކަތް ގާތުންބަލާ ކޮންމެ މީހަކަށްވެސް ސާފުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގެ ރަށްތަކަކީ ބިންތިރި، މުރަކައިގެ ރަށްތަކެއްކަމަށްވުމާއެކު ރާއްޖޭގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގަންޖެހެނީ ރާއްޖޭގެ ތިމާވެއްޓާއި އެކަށޭނެ ގޮތަށް ބައްޓަންކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަސައްކަތްތައް ފަރުމާކުރުމުގައި ދިވެހި އިންޖިނޭރުން އަދާކޮށްފައިވާ ފުރިހަމަ ދައުރު ފާހަގަކުރައްވާ ވަޒީރު ވަނީ އިންޖިނިއަރުންނަށް ހިތްވަރުދެއްވާފައެވެ.
"އިންޖިނިއަރުންނަކީ ތިއީ މި ޤައުމު ބިނާކުރުމަށް ބުރަ މަސައްކަތްކުރާ ފަހުލަވާނުންނޭ. މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ފަރުދާގެ ފުރަގަހުގައި ތިޔަ ކުރައްވާ މަސައްކަތް ބަލައިގަތުން." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އިންޖިނޭރުންގެ ދުވަހެއް ފާހަގަކުރުމާއި، އިންޖިނިއަރުންނަށް ޚާއްސަ އެވޯޑެއް ދިނުމުގެ މަޤްސަދަކީ އިންޖިނިއަރުންގެ އަގުވަޒަންކުރެއްވުންކަމަށެވެ. އެގޮތުން ފުރަތަމަ ފަހަރަށް އިންޖިނޭރުންގެ ދުވަހެއް ފާހަަކުރަން ފެށީ މިދިޔަ އަހަރުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އިންޖިނޭރުންނާއި ގުޅުންހުރި މަޢުލޫމާތުތައް ސްކޫލްކުދިންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދެވިފައިނުވާކަމަށާއި، ފަންނީ މަސައްކަތްތަކަށް ދަރިވަރުން ޝައުގުވެރިކުރުވުމަށް އެ މަސައްކަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުން މުހިންމުކަމަށެވެ. ނަމަވެސް ނިމިދިޔަ އަހަރުގެ އިންޖިނޭރުންގެ ދުވަހުން ފެށިގެން ސްކޫލްދަރިވަރުންނަށް ރަށްރަށުގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ފޯރުކޮށްދެމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކޮންމެ ބަނދަރަކާ، އެއާޕޯޓަކާ، ކޯޒްވޭއަކާ، ހިއްކާ ކޮންމެ ބިމަކީ ދިވެހިރާއްޖޭގެ ތިމާވެއްޓާއި އެއްގޮތަށް ކޮށްފައިވާ މަސައްކަތެއް. މިކަމުގައި ދިވެހި އިންޖިނިއަރުންގެ ދައުރެއް ނެތްކަމަށް ބުނެ ހުނަރުވެރިންގެ އަގު ވަޒަންކުރަން ނޭނގޭ ބަޔަކު އެހެން ބުނިޔަސް، ދިވެހި އިންޖިނިއަރުންނަކީ ކުޅަދާނަ ޤާބިލް ބައެއް." ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.
އިންޖިނިއަރސް އެވޯޑު ދިނުމަކީ އިންޖިނޭރުންގެ ދުވަހުގެ އެންމެ ޚާއްސަ ހަރަކާތްކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން އެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި 10 އެވޯޑަކަށް 26 އެޕްލިކޭޝަން ލިބުނުކަމަށާ، އެވޯޑު ލިބޭ މީހުން ކަނޑައެޅީ ޚާއްސަ ކޮމިޓީއަކުންކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އިންޖިނޭރުންގެ އަގުވަޒަންކުރުމަށް ކުރާ މަސައްކަތް ފުޅާކުރައްވާނެކަމަށެވެ.