ޚަބަރު

އަހަރުގެ އެންމެ މޮޅު އިންޖިނޭރަކަށް ޑރ. ފުރުޤާން


  • ޑރ. ފުރުޤާނަކީ 20 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް

  • އިންޖިނިއަރސް އެވޯޑު 8 ފަރާތަކަށް އެރުވި

ރާއްޖޭގެ މި އަހަރުގެ އެންމެ މޮޅު އިންޖިނޭރުގެ އެވޯޑު ޑރ. ފުރުޤާން އިބްރާހިމަށް ލިބިއްޖެއެވެ.

އެންމެ މޮޅު އިންޖިނޭރަށް އެވޯޑް އަރުވާފައިވަނީ ރާއްޖޭގެ ތަރައްޤީގައި އިންޖިނިއަރުންގެ ދައުރު ފާހަގަކޮށް އެކަމަށް ދޭ "އިންޖިނިއަރސް އެވޯޑް" ދިނުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މިއީ އިންޖިނިއަރިންގ ދާއިރާއަށް ޚާއްސަކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑެވެ.

އެންމެ މޮޅު އިންޖިނޭރުގެ އެވޯޑު ލިބިވަޑައިގެންނެވި ޑރ. ފުރުޤާން އިބްރާހިމަކީ އިންޖިނިއަރިންއާއި ދިރާސާކުރުމާއި ހަކަތައިގެ ދާއިރާ އަދި ހިންގުމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާ މިވަގުތު ވަޒީފާ އަދާކުރައްވަމުންދަނީ އެމްޑަބްލިޔުއެސްސީގައެވެ.

އެންމެ މޮޅު އިންޖިނޭރުގެ އިތުރުން 8 އެވޯޑެއް މި ހަފްލާގައި ވަނީ ދީފައެވެ. މީގެ ތެރޭގައި ލައިފްޓައިމް އެޗީވްމަންޓް އެވޯޑާއި ޔަންގް އިންޖިނިއަރ ނުވަތަ އެންމެ ޒުވާން އިންޖިނޭރުގެ އެވޯޑާއި އަންހެން އިންޖިނޭރުގެ އެވޯޑު ހިމެނެއެވެ.

ސަރުކާރުން ދެއްވާ މި އެވޯޑަކީ ދިވެހި އިންޖިނޭންނާއި އިންޖިނިއަރިން ދާއިރާގެ އުފެއްދުންތެރިކަމާއި ފަންނުވެރިން ހޯދާ ކާމީޔާބީ ފާހަގަކުރުމަށް މިއަހަރު ދޭން ފައްޓަވާފައިވާ އެވޯޑެކެވެ. ޤައުމީ ތަރައްޤީގައި އިންޖިނިއަރުންގެ އުފެއްދުންތެރިކަން ފާހަގަކުރުމާއި މި ދާއިރާއަށް ޒުވާނުން ޝައުގުވެރިކޮށް، ދާއިރާއިން ތައުލީމު ހާސިލުކުރުމަށް ހިތްވަރުދިނުމާއި މޫސުމީ ބަދަލުތަކާ ގުޅޭ ދެމެހެއްޓެނިވި އިޖާދީ އިންޖިނިއަރިންގގެ އުފެއްދުންތެރިކަން ކުރިއެރުވުމަށް ހިތްވަރު ދިނުމަކީ މި އެވޯޑު ދިނުމުގެ މަގުސަދެކެވެ.

މި ރަސްމިއްޔާތުގައި ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑު ލިބިފައިވަނީ އެމްޑަބްލިޔުއެސްސީއަށެވެ. އެ ކުންފުންޏަށް މި އެވޯޑު ލިބުނީ އިރުގެ ހަކަތައާއި އެންއޭއެސް ބެޓަރި ބޭނުންކޮށްގެން "ޑީކާބަނައިޒްޑް ސީވޯޓާ ޑީސެލިނޭޝަން ސިސްޓަމް" ޤާއިމުކުރުމަށް ހިންގި މަޝްރޫޢަށެވެ.

އެމްޑަބްލިޔުއެސްސީން ރ. ދުވާފަރުގައި ކުރިއަށްގެންދިޔަ "އިންޓަގްރޭޓަޑް ޔުޓިލިޓީ ސަރވިސަސް" މަޝްރޫޢަށްވެސް ވަނީ އެވޯޑު ލިބިފައެވެ. މި މަޝްރޫޢަށް ލިބިފައިވަނީ ކޮމިއުނިޓީ އިމްޕެކްޓް އެވޯޑެވެ.

އިންޖިނޭރުންގެ އެވޯޑު ލިބުނު ފަރާތްތައް:

• އިންޖިނިއަރ އޮފް ދަ އިޔަރ: ޑރ. ފުރުޤާން އިބްރާހިމް
• ޔަންގް އިންޖިނިއަރ: މުޙައްމަދު ޒިދާން ހަސަން
• ވިމެން އިން އިންޖިނިއަރިންގ: އަސްރާރު
• އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސަރޗް އެވޯޑު: ޑރ. ފުރުޤާން އިބްރާހިމް
• ސަސްޓެއިނަބިލިޓީ ޗެމްޕިއަން: އެމްޑަބްލިޔުއެސްސީ
• އިންޖިނިއަރިންގ ކޮންސަލްޓަންޓް / ކޮންސަލްޓަންސީ ފަރމް އޮފް ދަ އިޔަރ
• ސްޓޫޑަންޓް އިނޮވޭޓަރ: ހުސައިން ޖައުޝަން
• ކޮމިއުނިޓީ އިމްޕެކްޓް އެވޯޑު: އެމްޑަބްލިޔުއެސްސީ

މި އެވޯޑަށް ކުރިމަތިލުމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުޅުވާލި ފުރުޞަތުގައި އެކި ދާއިރާތަކުން 77 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. މި ހުށަހެޅުންތައް އިވަލުއޭޓްކޮށްފައިވަނީ އެކަމަށް ކަނޑައަޅާފައިވާ 7 މެންބަރުންގެ ކޮމިޓީއަކުންނެވެ.