ޚަބަރު

އިސްލާމީ ޝިޢާރުތައް ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް!


  • ކީރިތި ޤުރުއާން ހިތުދަސްކުރާ ޒުވާނުންގެ ޢަދަދު އިތުރުވެއްޖެ

  • ޚަޠީބުންގެ ގޮތުގައި އެތައް ޒުވާނުންނެއް

  • ވަޤުފް އިމާރާތްތަކާއި މިސްކިތްތައް ބިނާކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށް

އިސްލާމްދީނުގެ މަތިވެރި ހުޅުކޮޅު ރާއްޖޭގެ ބިމުގައި މީގެ 900 އަހަރުކުރިން ދިއްލާލެވުނު ފަހުން މިވޭތުވެދިޔަ 9 ޤަރުނުގެ ތެރޭގައި އިސްލާމީ ޢިލްމު ފެތުރުމަށް އެކި ދުވަސްވަރު އެކި މިންވަރަށް މަސައްކަތް ކުރެވިފައިވެއެވެ.

ދީނީ ސައްޙަ މަޢުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގެ މަސައްކަތުން ފެށިގެން ދީނީ ޝިޢާރުތައް ރާއްޖޭގެ މީސްކޮޅު ދިރިއުޅެމުންދިޔަ ކޮންމެ ރަށެއްގައިވެސް އުނގަންނައިދިނުމުގެ މަސައްކަތްވަނީ ކުރެވިފައެވެ.

މިވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި ދީނީ އެކި ޝިޢާރުތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ދިވެހީންވަނީ ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތައް ޙާސިލްކޮށްފައެވެ. މިކަންކަމުގައި ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަމާއި ދެއްވަމުންގެންދަވާ ފުރުސަތުތައްވެސް ފާހަގަކޮށްލެވެއެވެ.

ޒަކާތުގެ ނިޒާމު ވަރުގަދަކުރުން

ޒަކާތުގެ ދާއިރާއަކީ ރާއްޖޭގައި އެދާއިރާއަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް މުހިއްމު މަސައްކަތްތަކެއް އަބަދުވެސް ކުރަމުން އައިސްފައިވާ ދާއިރާއެކެވެ. މިމަސައްކަތް ސަރުކާރުންވަނީ އިތުރު ހަރުފަތަކަށް ޖައްސަވާ ޤާނޫނީ އިމުގެ ތެރެއިން އެކަންކުރެވޭކަން ކަށަވަރުކުރުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ޒަކާތުގެ ޤާނޫނެއް އެކުލަވާލާފައެވެ.

ފަހުގެ އިސްލާމީ ދިރާސާތަކުގެ މައްޗަށް ބިނާވެފައި އޮތް، ދެފުށް ފެންނަ ގޮތެއްގައި، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބޭނެ ނިޒާމަކަށް ޒަކާތް ބަލައިގަނެ ހައްގުވެރިންނަށް ބެހުމުގެ ނިޒާމު ހަމަޖެހިފައިވާ ނިޒާމެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި ޤާނޫނުގެ ދަށުން، ޒަކާތުގެ ފައިސާ ޖަމާކުރުމަށް ހަމަޖެހިފައިވަނީ އެމްއެމްއޭގައި ވަކި އެކައުންޓަކަށެވެ.

ޒަކާތުގެ ކަންކަން މަތިވެރިކޮށް، ޒަކާތުގެ ހައްޤުވެރިންނަށް ޒަކާތުގެ މަންފާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އުފައްދަވާފައެވެ.

އިމާމުންނާއި ޙާފިޡުން ތަމްރީނުކުރުން

ކީރިތި ޤުރުއާނަށް ލޯބިކުރާ އެފޮތުގެ މޫރިތި އާޔަތްތައް ހިތުދަސްވެފައިވާ ޒުވާނުން ތިބި ޤައުމަކީ ކާމިޔާބީއާއި ދިމާއަށް ދަތުރުކުރާ ޤައުމެއްކަން ޔަޤީނެވެ. މިކަން ކަށަވަރުކުރުމަށް ސަރުކާރުންވަނީ ޤުރުއާން ހިތުދަސް ޙާފިޡުން އިތުރުކުރުމަށް ޚާއްސަ ޕްރޮގްރާމެއް ފައްޓަވާފައެވެ.

ޤުރުއާން ހިތުދަސް ޙާފިޡުންނަށް ދޭ ސަނަދަކީ ރާއްޖޭގެ ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ސަނަދަކަށްވަނީ ބަދަލުކޮށްފައެވެ. އަދި ކޮންމެ ދަރަޖައެއްގައި ފާސްވިނަމަވެސް، ޤުރުއާން ހިތުދަސްކުރާ ޙާފިޡުންނަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މެޑަލް ދިނުމަށްވެސް ސަރުކާރުންވަނީ ނިންމަވާފައެވެ. ޤުރުއާން ހިތުދަސްކުރާ ޖީލެއް ބިނާކުރުމަށްޓަކައި ކުދިން ޝައުގުވެރިކުރުވުމަށްޓަކައި ސަރުކާރުންވަނީ ޙާފިޡުންނަށް ޚާއްސަ ޢުމްރާ ދަތުރެއް ދެއްވުމަށް ނިންމަވާފައެވެ.

ސަރުކާރުންވަނީ ޙާފިޡުން ދަސްވެނިވުމަށް ބާއްވާ ރަސްމިއްޔާތުގައި ބޭނުންކުރުމަށް ޚާއްސަ ގައުންއެއް ތައާރަފްކޮށްފައެވެ. ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިތްވަރު ދިނުމުގެގޮތުން ރައީސުލްޖުމުހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޒުންގެ އެލަވަންސް 2000 ރުފިޔާއިން 4000 ރުފިޔާއަށްވަނީ ބޮޑުކޮށްފައެވެ.

ކީރިތި ޤުރުއާން ހިތުދަސްކޮށްފައިވާ ޙާފިޡުންގެ ޢަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިދައުރުގެ ތެރޭގައި 500 ޙާފިޡުން ބިނާކުރުމަކީ ސަރުކާރުގެ އަމާޒެވެ. މިހާތަނަށް 310 ޙާފިޡުން ބިނާކުރެވިފައިވާއިރު މިހާރުވެސް 2000 އެއްހާ ދަރިވަރުން ދަނީ ޤުރުއާން ހިތުދަސްކުރަމުންނެވެ.

އިމާމުންނާއި ޚާޠީބުން ތަމްރީނުކުރުން

އިމާމުންނާއި ޚަޠީބުން ތަމްރީނުކުރުމަށްވެސް ސަރުކާރުން މުހިންމު މަސައްކަތްތަކެއްދަނީ ކުރަމުންނެވެ. ރާއްޖޭގެ އެކި ރަށްރަށުގައި އިމާމުންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދެމުންދާއިރު ރަށްރަށަށް ކުރިމަތިވެފައިވާ ޚާޠީބުން ނެތުމުގެ މައްސަލަ ހައްލުކުރުމަށްވެސް އަންނަނީ ބޮޑު މަޝްރޫޢެއް ހިންގަމުންނެވެ.

އިމާމުން ތަމްރީނުކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކި އިސްލާމީ ޤައުމުތަކުގައި އިމާމުން ތަމްރީނުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ސްކޫލް ކުދިންގެ ތެރެއިން ޚަޠީބުކަމަށް ޝައުގުވެރިވާ ކުދިންނަށް އެފުރުސަތު ފަހިކޮށް މިހާތަނަށް 4 ބުރެއްގެ މަތިން 600 އެއްހާ ކުދިންވަނީ ސަނަދު ޙާސިލުކޮށްފައެވެ. މާލެއާއި އަތޮޅުތަކުގެ ރަށްރަށުގައި ހުކުރު ދުވަހު، ޚުޠުބާ ކިޔުމުގެ ފުރުޞަތު އަންނަނީ ކުދިންނަށް ދެމުންނެވެ. ސަރުކާރުގެ އަމާޒަކީ މިދައުރުގެ ތެރޭގައި 1000 ޒުވާން ޚަޠީބުން ބިނާކުރުމެވެ.

ވަޤުފް ޢިމާރާތް ތަރައްޤީކުރުން

ވަޤުފްގެ ދާއިރާފުޅާކޮށް ރާއްޖޭގެ އިސްލާމީ ކަންކަމަށް ޚަރަދުކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްވެސް ފާހަގަކޮށްލެވޭ މުހިއްމު މަސައްކަތްތަކެއް ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައިވަނީ ކޮށްފައެވެ.

ވަޤުފްއަށް ޚާއްސަ ފަންޑެއް އުފައްދަވާ އިސްލާމީ ދަޢުވަތު ފެތުރުމާއި އިސްލާމީ ތަޢުލީމު ދިނުމާއި އިސްލާމީ ޙަޟާރަތު ކުރިއެރުވުމާއި އިސްލާމީ ޝިޢާރު ފާޅުކުރުމާއި ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށް ދެމެހެއްޓުމަށް އެހީވުމަށާއި މިސްކިތްތަކާއި ނަމާދުކުރާ ތަންތަން ބިނާކުރުމަށާއި މަރާމާތުކުރުމަށާއި މިސްކިތްތަކާ ގުޅުން ހުރި އެންމެހައި ކަންކަމަށް ހޭދަކުރުމަށް މިފަންޑު މެދުވެރިކޮށްވަނީ ހަމަޖެހިފައެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަޤުފް ޢިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް އެކި މަރުޙަލާގައިވަނީ ފެށިފައެވެ.

މާލޭގައި ތަރައްޤީކުރާ ދެވަނަ ވަޤުފް ޢިމާރާތް "ދާރުލް އަރުޤަމް" 12 ފަންގިފިލައަށް، އެން.ސީ.އައި.ޓީއާ ޖެހިގެން އޮތް ބިމުގައި ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ހުޅުމާލޭގައި ތަރައްޤީކުރާ "ދާރުއްސަލާމް"ވެސް 12 ފަންގިފިލާއަށް ތަރައްޤީކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

ކީރިތި ޤުރުއާނާ ބެހޭ ޚާއްސަ ވަޤުފު އިމާރާތް، ކުރިން ކޮރެލް ބޮލެވާޑް މަޝްރޫޢު ހިންގަން ހަމަޖެއްސި ބިމުގައި ތަރައްޤީކުރަންވެސް ސަރުކާރުންވަނީ މިހާރު ނިންމަވާފައެވެ. މާލެ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައިވެސް ވަޤުފު ޢިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އެގޮތުން ތިނަދޫ ސިޓީއާއި ކުޅުދުއްފުށި ސިޓީއާއި އައްޑޫސިޓީ ހިތަދޫގެ އިތުރުން ގއ. ވިލިނގިލީގައިދަނީ މަސައްކަތް ކުރަމުންނެވެ.

ދީނީގޮތުން މުހިއްމު ގިނަ ދާއިރާތަކުން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް މިވޭތުވެދިޔަ 2 އަހަރުގެ ތެރޭގައިވަނީކޮށްފައެވެ. ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި ދީނީކަންކަމުގައި ވަރުގަދަ ޤައުމެއްގެ ގޮތުގައި ރާއްޖެއިންދަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ގިނަ ކާމިޔާބީތައް ހޯދަމުންނެވެ.