ޚަބަރު

އޭޝިއަން ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ޝަރަފު މުންސިފާއި އީޝަލްއަށް


  • މުންސިފް ރާއްޖެ ތަމްސީލުކުރާނީ ޓީޓީން

  • އީޝަލް ރާއްޖެ ތަމްސީލުކުރާނީ ޝޫޓިންއިން

  • ދިވެހި ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަންއަކީ ނާސިފް

ކުރިއަށް އޮތް އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ކޮންޓިންޖެންޓުގެ ފަރާތުން ދިދަ އުފުލާލުމުގެ ޝަރަފު ޓޭބަލް ޓެނިސް ތަރި މޫސާ މުންސިފް އަހްމަދާއި ޝޫޓިންގައި ރާއްޖެއަށް ބައިނަލްއަގްވާމީ ރިހި މެޑައްޔެއް ހޯދައިދިން ތަރި މަރިޔަމް އީޝަލް މިސްބާހުއަށް ދީފިއެވެ.

އާންމު ގޮތެއްގައި މިފަދަ ގޭމްސްތަކުގައި "ފްލެގް ބެއަރަރސް" ނުވަތަ ދިދަ އުފުލާލާ އެތުލީޓުން އިއުލާނުކޮށް، އެ އެތުލީޓުންނާ ދިދަ ހަވާލުކުރުން އޮންނަނީ އެ ގޭމްސްއެއް ހޯސްޓުކުރާ ގައުމުގައި، އެ އެތުލީޓުން މަޑުކޮށްގެން ތިބޭ ތަނެއްގައެވެ.

އެހެންނަމަވެސް މިފަހަރުގެ ގޭމްސް އޮތް ޖަޕާނުގައި، އެކި ކުޅިވަރުތަކުގެ އެތުލީޓުން އެކި ސަރަހައްދުތަކުގައި ތިބެން ހަމަޖެހިފައިވުމާއިއެކު، މި ގޭމްސްގައި ދިވެހި ދިދަ އުފުލާލާނެ ކުޅުންތެރިން އިއުލާނުކޮށް ދިދަ ހަވާލުކުރުމަށް، މިއަދު ހަވީރު މީރުމާގައި ވަނީ ޙާއްސަ ހަފްލާއެއް ބާއްވާފައެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. މި ޙަފްލާގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝީގާމީ ރުމީކޯގެ އިތުރުން ޖަޕާން އެމްބަސީގެ އިސް އޮފިޝަލުންނާއި ކުޅިވަރު ވުޒާރާގެ އިސް ބޭފުޅުންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު އަބްދުލް ސައްތާރު (ޗަމްޕީ) އާއި ކޮމިޝަނަރ އޮފް ސްޕޯޓްސް އަދި އެސޯސިއޭޝަންތަކުގެ ވެރިންނާއި އެތުލީޓުން ބައިވެރިވެވަޑައިގަތެވެ.

މި ލިބުނު ބޮޑު ފަހުރާއި ޝަރަފާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މުންސިފް ބުނީ، މިއީ ފަޚުރެއްގެ އިތުރުން ބޮޑު ޒިންމާއެއް ކަމަށެވެ. އަދި އެކަން ދަނެ، ރާއްޖެއަށް ރީތި ނަން ހޯދައިދެން މަސައްކަތްކުރާނެކަމަށް އޭނާ ބުންޏެވެ.

"ވަރަށް އަންއެކްސްޕެކްޓެޑް. ހަމަ ވަރަށް ބޮޑު ރެސްޕޮންސިބިލިޓީއެއް ކޮނޑުގައި މި އެޅުނީ. ކޮންޓިންޖެންޓު ލީޑުކުރަން، ފްލެގް ބެއަރަރ އެއްގެ ގޮތުގައި. އޭޝިއަން ގޭމްސްގައި ޓީޓީގައި ވީހާވެސް ދުރަށް ދިއުން ޓާގެޓަކީ. ކުރިއަށް އޮތް މެޑަލް ޓާގެޓް މުބާރާތްތަކަށް ރެޑީވާން އަސްލުގައި. އޭޝިއާ އަކީ ޓީޓީގައި ދުނިޔޭގެ އެންމެ ވަރުގަދަ ޓީމުތައް އޮތް ގައުމުތައް. ވީހާވެސް ރަނގަޅު މެޗުތަކެއް ކުޅެ، ގިނަ މެޗުތަކަކުން މޮޅުވުން ޓާގެޓަކީ". މުންސިފް ބުންޏެވެ.

ގޭމްސްގައި ދިދަ އުފުލާލަން ލިބުނު ޝަރަފާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން އީޝަލް ބުނީ، މިކަމާ މެދު ވަރަށް ބޮޑަށް ފަހުރުވެރިވާ ކަމަށެވެ.

"ވަރަށް ޕްރައުޑްވޭ. ދެން ވަރަށް ބޮޑު ޒިންމާއެއް. ދެން އިރާދަކުރެއްވިއްޔާ ދިވެހިން ފަޚުރުވެރިވާފަދަ ކާމިޔާބީއެއް ލިބޭނެކަމަށް ވަރަށް ބޮޑަށް އުއްމީދުކުރަން". އީޝަލް ބުންޏެވެ.

މިފަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖެއިން ވާދަކުރަނީ ޖުމްލަ ހަތް ކުޅިވަރެއްގައެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ޓޭބަލް ޓެނިސް، ސްވިމިން އަދި ޝޫޓިންގެ އިތުރުން ސާފިންގެވެ.

މީގެތެރެއިން ސާފިންގައި ރާއްޖެއަށް ލިބިފައިވަނީ ކޮލިފައިވެގެން ލިބުނު ދެ ޖާގައެވެ.

އޭޝިއަން ގޭމްސްގައި ދިވެހި ދިދަ އުފުލާލާނެ ކުޅުންތެރިން އިއުލާނުކުރުމަށް ބޭއްވި މި ހަފްލާގައި، ކުރިއަށް އޮތް ޔޫތު އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލުކުރާ ދެ ފެތުންތެރިންކަމުގައިވާ އަމްނާ ތަޒްކިޔާ މިރުސާދު (ތަޒްކީ) އަދި ލޫތު މުހައްމަދު ހުސެއިނަކީ އެ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ އުފުލާލާނެ ދެ އެތުލީޓުންކަން ވެސް އިއުލާނުކޮށްފައިވެއެވެ.

ޔޫތު އޮލިމްޕިކްސްގައި ރާއްޖެއިން ބައިވެރިވީ ހަމައެކަނި ސްވިމިންގައެވެ.