ޚަބަރު

ބަންގްލަދޭޝްގައި ރެކޯޑް މިންވަރަކަށް ހިމަބިހި ފެތުރެނީ


އެއްއިރެއްގައި ހިމަބިހި ނައްތާލުމާ ގާތުގައި އޮތް ބަންގްލަދޭޝްގައި، އެ ޤައުމުގެ ތާރީޚުގައި ވެސް މިހާތަނަށް ފެނިފައިނުވާ މިންވަރަށް ހިމަބިހި ފެތުރި، މިއަހަރުގެ މާރިޗު މަހުން ފެށިގެން މިހާތަނަށް 999 މީހުން މަރުވެއްޖެއެވެ.

އެމެރިކާގެ ސެންޓަރސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ހާމަކުރާ ގޮތުގައި، މިވަގުތު ދުނިޔޭގައި ވެސް މި ބަލި އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ ބަންގްލަދޭޝްގައެވެ.

ބަންގްލަދޭޝްގެ ސިއްޙީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން، މާރިޗު މަހުން ފެށިގެން މިހާތަނަށް ހިމަބިހި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 166,000 އަށް ވުރެ ގިނަ ކޭސް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރެއިން 19,835 ކޭސްއަކީ ލެބޯޓްރީ ތަޙުލީލުތަކުން ކަށަވަރުކުރެވިފައިވާ ކޭސްތަކެވެ. އަދި ބަލިޖެހުނު ކަމަށް ލަފާކުރެވޭ 146,000 އަށް ވުރެ ގިނަ މީހުންނަށް އެކި ހޮސްޕިޓަލްތަކުގައި ފަރުވާދީފައިވާއިރު، މަރުވި މީހުންގެ ތެރެއިން 100 މީހުން މަރުވީ މި ބަލީގައިކަން ވަނީ ޔަޤީންކުރެވިފައެވެ.

މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ކުޑަކުދިންނަށެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔުނިސެފުން ބަޔާންކުރާ ގޮތުގައި، ބަލި ފެތުރެން ފެށި ދުވަސްވަރު ބަލިޖެހުނު މީހުންގެ 80 އިންސައްތައަކީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނެވެ.

ޞިއްޙީ މާހިރުން ފާހަގަކުރައްވާ ގޮތުގައި، މި ޙާލަތު ކުރިމަތިވުމުގެ މައިގަނޑު ސަބަބަކީ، 2024 އަދި 2025 ވަނަ އަހަރު ބަންގްލަދޭޝްގައި ހިނގައިދިޔަ ސިޔާސީ ހަމަނުޖެހުންތަކާ ގުޅިގެން، ޤަވާޢިދުން ވެކްސިން ދިނުމުގެ ނިޒާމަށް ބުރޫއެރުމެވެ. އަދި ވެކްސިން ފޯރުކޮށްދިނުމުގެ ސިޔާސަތުތަކަށް އައި ބަދަލުތަކުގެ ސަބަބުން، ޚާއްސަކޮށް 9 މަހުން ދަށުގެ ގިނަ ތުއްތުކުދިންނަށް ވެކްސިން ނުލިބި، ބައްޔަށް ހުށަހެޅިގެންދިޔައެވެ.

ހިމަބިހީގެ އިތުރުން ޑެންގީ ހުން ވެސް އެ ޤައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާތީ، ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ވަނީ ނުކަތާވަރަށް ބާރުބޮޑުވެފައެވެ. މިއަހަރުގެ މިހާތަނަށް 45,000 އަށް ވުރެ ގިނަ މީހުން ޑެންގީ ޖެހިގެން ހަސްފަތާލުތަކުގައި އެނދުމަތިކޮށްފައިވެއެވެ.

ވެރިރަށް ޑާކާގެ ޝަހީދު ސުހްރަވަރުދީ މެޑިކަލް ކޮލެޖް ހޮސްޕިޓަލް ފަދަ މައި މަރުކަޒުތަކުގެ ޖާގަ ފުރިގެން، ގިނަ ޢަދަދެއްގެ ކުދިންނަށް ފަރުވާ ދެމުންދަނީ ތަޅުންގަނޑުމަތީގައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ދޭ ސޭލައިން ފަދަ ކޮންމެހެން ބޭނުންވާ އަސާސީ ބޭސްފަރުވާގެ ސާމާނު ލިބުމުގައި ވެސް ވަނީ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައެވެ.

މި ޙާލަތު ކޮންޓްރޯލް ކުރުމަށްޓަކައި ހިންގި ކުއްލި ވެކްސިން ކެމްޕޭނުގެ ދަށުން 19.7 މިލިއަނަށް ވުރެ ގިނަ ކުދިންނަށް ވެކްސިން ދެވިފައިވީ ނަމަވެސް، ބަލިމަޑުކަން އެއްކޮށް ކޮންޓްރޯލް ކުރެވެންދެން، އާންމު ވެކްސިން ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކޮށް، ހޭލުންތެރިކަން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރިއަށް ގެންދިއުމަށް ޞިއްޙީ މާހިރުން ވަނީ ލަފާދެއްވައިފައެވެ.