ޚަބަރު

ފަލަސްތީނުގެ ހައްގުގައި ހުޅަނގުން ތެދުވުމުން ރާއްޖެއިން މަރުހަބާ ކިޔައިފި


  • - ހުޅަނގުގެ 12 ގައުމަކުން ވަނީ ޔަހޫދީންނާއި ދެކޮޅަށް ފިޔަވަޅުތައް އެޅުމަށް ނިންމާފައި

  • - ޔަހޫދީންނާއި ދެކޮޅަށް ފިޔަވަޅު އަޅަން ނިންމި ގައުމުތަކަކީ ކެނެޑާ، އިނގިރޭސިވިލާތް، ފްރާންސް، ޑެންމާކް، ފިންލެންޑް، އައިސްލެންޑް، އަޔަރލެންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން

ފަލަސްތީނު ރައްޔިތުންގެ ހައްގުގައި ހުޅަނގުގެ ބޮޑެތި ގައުމުތަކަކުން ޔަހޫދީ ދައުލަތާއި ދެކޮޅަށް އެޅި ފިޔަވަޅުތަކަށް ދިވެހި ސަރުކާރުން މަރުޙަބާ ވިދާޅުވެއްޖެއްވެ.

މި ބަޔާން ނެރެފައިވަނީ އިނގިރޭސިވިލޭތުން އިސްވެ، ކެނެޑާ، ޑެންމާކް، ފިންލޭންޑް، ފްރާންސް، އައިސްލޭންޑް، އަޔަލޭންޑް، ނޯވޭ، ޕޮލެންޑް، ޕޯޗުގަލް، ސްޕެއިން އަދި ސްވިޑަން ގުޅިގެންނެވެ.

ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފަލަސްޠީނުގެ ބިންތައް ފޭރިގަތުމާއި ފަލަސްޠީނުގެ ރައްޔިތުން ގަދަކަމުން ގެދޮރުން ބޭރުކުރުމަށް ޔަހޫދީން ހިންގާ އަމަލުތަކާ ދެކޮޅަށް އެ ގައުމުތަކުން ނިންމި ނިންމުމަށް ރާއްޖެއިން ވަކިން ހާއްސަކޮށް މަރުހަބާ ކިޔާކަމަށެވެ. އަދި މިއީ ސަރަހައްދުގެ ސުލްހައާއި ހަމަޖެހުމަށް އަދި ފަލަސްޠީނުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއި ކަރާމާތް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވުނު މުހިންމުކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެއިތުރުން، ޔަހޫދީން ފަލަސްޠީނުގެ ބިންތަކުގައި ޔަހޫދީ އާބާދީތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ދެކޮޅަށް ރާއްޖެއިން ގެންގުޅޭ ސިޔާސަތު އަލުން ވަނީ ތަކުރާރުކޮށްފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންގެ އަމިއްލަ އިހުތިޔާރުގެ ހައްގު ހިމެނޭހެން، އެ ރައްޔިތުންގެ ހައްގުތައް ހޯދައިދިނުމުގައި ރާއްޖެ ދެމިއޮންނާނެ ކަމަށްވެސް ސަރުކާރުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ދިވެހިރާއްޖެއިން އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް، ޚާއްޞަކޮށް އަމިއްލަ އިޚްތިޔާރުގައި ކަންކަން ނިންމުމުގެ ޙައްޤާއި، 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ކަނޑައެޅިގެން އުފެދޭ މިނިވަން، މުސްތަޤިއްލު އަދި ދެމެހެއްޓެނިވި ފަލަސްޠީނު ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކުގައި ކަމަށްވެސް ވިދާޅުވިއެވެ.

‏ޔަހޫދީން އިސްތިއުމާރުކޮށްފައިވާ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގައި ޔަހޫދީން ޤާއިމްކޮށްފައިވާ އަވަށްތަކުގައި އުފައްދާ އުފެއްދުންތައް އިނގިރޭސިވިލާތަށާއި ފަރަންސޭސިވިލާތަށާއި ކެނެޑާއަށް އެތެރެނުކުރެވޭނެ ކަމަށް އެ ތިން ޤައުމުން ވަނީ ނިންމާފައެވެ. އެގޮތުން ތިން ޤައުމުންވެސް ޔަހޫދީންނާއެކު ފަލަސްޠީނުގެވެސް މިނިވަން ދައުލަތެއް އޮތުމަށް ބާރުއަޅާއިރު، އެ ކަމަށް ހިތްވަރުދީ ތިން ޤައުމުން ބަޔާނެއް ދީފައިވެއެވެ. އެ ޤައުމުތަކާ އެކުގައި އިތުރު 11 ޤައުމެެއްގެ ޚާރިޖީ ވަޒީރުންވެސް ބަޔާން ދިނުމުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

ފާއިތުވި އަހަރުތަކުގައި ޔަހޫދީންނާއި އިނގިރޭސިވިލާތާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. އޭގެ މައިގަނޑު ސަބަބަކީ ޣައްޒާގައި ޔަހޫދީންގެ ޢަމަލުތައް ހުންނަ ގޮތާއި، ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުވާ މިންވަރު އިތުރުވުމާއި ޔަހޫދީ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންދާ އަނިޔާތަކާ މެދު އިނގިރޭސިވިލާތުން ފާޅުގައި ފާޑުކިޔުމެވެ. 2025ވަނަ އަހަރު އިނގިރޭސިވިލާތުން ވަނީ ފަލަސްޠީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގެންފައެވެ. ހުޅަނގު އައްސޭރީގައި ޔަހޫދީން އާބާދުވުމާ ގުޅިގެން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް އިނގިރޭސިިވިލާތުން ފިޔަވަޅުތަކެއް އަޅާފައިވެއެވެ.