ޚަބަރު

އައްޑޫ މަގުހެދުމުގެ މަޝްރޫއަށް ބޭރު ފަރާތެއްގެ ޕްރޮޕޯސަލް


  • މިމަޝްރޫއު މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށްދަނީ މަސައްކަތްކުރަމުން

  • ރަށްތައް ގުޅުވައިދޭ ލިންކްރޯޑުގެ މަސައްކަތާއި ކުރިން ސިމެންތިން ހެދި މަގުތަކުގައި ތާރުއަޅާނެ

އައްޑޫ ލިންކްރޯޑް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އައްޑޫގެ މަގު މަޝްރޫޢަކީ އައްޑޫ ރައްޔިތުންގެ އޮތް ދުވަސްވީ ކަންބޮޑުވުމެކެވެ.

އައްޑޫ ލިންކް ރޯޑްގެ މަޝްރޫޢަކީ ގުޅިފައިވާ ސިޓީގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ކަންބޮޑުވުމާއި ގުޅިފައިވާ ޒަމާންވީ މައްސަލައެކެވެ. 2003 ވަނަ އަހަރު މަގު ހަދާ ނިމުނުފަހުން ވޭތުވެދިޔަ 23 އަހަރުގެ ތެރޭގައި މަގު މަރާމާތުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވުމުގެ ސަބަބުން ލިންކް ރޯޑުގެ އެކި ސަރަޙައްދުތަކުގައި ބޮޑެތި ވަޅުގަނޑުތައް ހެދި، އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވާފަދަ އެތައްކަމެއް ހުރިކަމުގެ ކަންބޮޑުވުން އައްޑޫ ރައްޔިތުންގެ އެބައޮތެވެ.

މިމައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް ސަރުކާރުން އައްޑޫ ލިންކް ރޯޑު ތަރައްޤީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައިވަނީ 2025 ވަނަ އަހަރުގެ އެޕްރީލް މަހުގެ 25 ވަނަ ދުވަހުގައެވެ.

މި މަސައްކަތް ކުރުމަށްޓަކައި މިދިޔަ އަހަރުގެ މޭ މަހު ވެހިކަލްތައް އައްޑޫއަށް ގެންގޮސް، ލިންކް ރޯޑްގެ ހައިވޭއާއި ދިމާލުން 4 ލޭނަށް ތަރައްޤީކުރާ ސަރަޙައްދުގެ ގަސްތައް އެހެން ދިމާތަކަށް ބަދަލުކޮށް މަސައްކަތް ކުރިއަށްގެންދިޔުމަށް ބޭނުންވާ ސަރަޙައްދުތައް އާރްޑީސީންވަނީ ސާފުކޮށްފައެވެ. އެހެންނަމަވެސް އަދިވެސް މަސައްކަތް ނުފެށެއެވެ.

މިކަމުގެ ކަންބޮޑުވުން ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރެއްވުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ މިމަޝްރޫޢު ބޮޑުތަނުން ލަސްވެފައިވާކަން ފާހަގަކުރައްވާފައެވެ. އާރްޑީސީ މެދުވެރިކޮށް ކުރުމަށް މަސައްކަތް ކުރިނަމަވެސް ކުންފުނީގެ ހާލަތު އޮތީ ވަރަށް ދަށުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތް އެހެން ގޮތަކަށް ކުރެވޭތޯ ބަލަމުންދާކަމަށެވެ.

"މަސައްކަތް ބާރު ސްޕީޑުގައި ކުރުމަށް ރާއްޖެއިން ބޭރުގެ ފަރާތަކުން މިހާރު ޕްރޮޕޯސަލްވެސް ހުށައަޅާފައި އެބައޮތް. އެކަން އެބަހިނގާ މިހާރު. ކުރިއަށް އޮތް ދެތިން ހަފްތާ ނުވަތަ މަހެއްހާ ދުވަހުގެ ތެރޭގައި އައްޑޫ މަގުގެ މަސައްކަތް ފެށި ނުނިމި އޮތްބައި ނިންމަދޭނަން." ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 3 މަގެއްގެ މަސައްކަތް ކުރިއަށްގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި 67.58 ކިލޯމީޓަރުގެ މަގު ހެދުމާއި، ފެންހިންދާ ނިޒާމު ޤާއިމުކުރުން ހިމެނެއެވެ. އަދި ކުރިން ސީޓީބީ ނުވަތަ ސިމެންތި ފަށަލަ އަޅައިގެން ތަރައްޤީކޮށްފައިވާ، މަގުތައް ތާރު އަޅައިގެން އަލުން ތަރައްޤީ ކުރުމާއި، މިހާރު ހުރި ތާރު މަގުތަކުގެ މަތީގައި އިތުރު ފަށަލައެއް އެޅުމާއި، ގައު އަތުރާފައިވާ މަގުތަކުގައި ތާރު އެޅުމަށްވަނީ ނިންމާފައެވެ.

އައްޑޫ ލިންކްރޯޑަކީ ރާއްޖޭގައި އެންމެ ފުރަތަމަ ތާރުއަޅައިގެން، ރަށްތަށް ގުޅުވާލަދޭގޮތަށް ތަރައްޤީކޮށްފައިވާ މައިމަގެކެވެ. 2003 ވަނަ އަހަރު މިމަގު ތަރައްޤީކުރިފަހުން މަގުގެ މަރާމާތަށް އެއްވެސް ދުވަސްވަރެއްގައި މަސައްކަތެއްކޮށްފައިނުވެއެވެ.