ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމާފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، މުޅި ސަރުކާރު ގުޅިގެން ޓްރެފިކްގެ މައްސަލައަށް ހައްލު ހޯދަދޭނެ ވިޝަންއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އެބައޮތްކަމަށެވެ. އެ ވިޝަންގެ ދަށުން މާލޭގެ މަގުތައް ޒަމާނީ ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އޭގެ ހެއްކެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ މާލޭގެ ބޭރު މަގެވެ. ޒަމާނީ ރީތި މަގެއްގެ ގޮތުގައި މާލޭގެ ބޭރުމަގު ތަރައްޤީކޮށްފައިވާއިރު މާލޭގެ އެހެން މަގުތައްވެސް ތަރައްޤީކުރުމުގެ ވިސްނުން މި ސަރުކާރުގައި އެބައޮތްކަމަށް ވިދާޅުވިއެވެ.
"މާލޭގެ ހުރިހައި މަގެއް އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ހަދަން އެ ފަށަނީ ޗައިނާ ސަރުކާރުގެ އެހީގައި. ޒަމާނީ ފެންވަރަށް ހެދިގެން އަންނަ އިރުގައި ޓްރެފިކް މައްސަލަވެސް ޖެހޭނެއޭ ޒަމާނީ ފެންވަރަށް ތަރައްޤީކުރަން މަސައްކަތްކުރަން. އެއީ ވިޝަންއަކީ. އެ ވިޝަން ހަޤީގަތަކަށް ހެދުމަށްޓަކައި އަޅުގަނޑުމެން މި ޤާނޫނުން މި ޖާގަ ހޯދީ މުޅި މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯންއަކަށް ހަދައިގެން ނޫންގޮތަކަށް ދެން މި މައްސަލައަށް ހައްލު ހޯދަން ދަތިވާނެއޭ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ސައީދު ވިދާޅުވީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯން ހެދުމުގެ ޤާނޫނާ ގުޅޭގޮތުން ގިނަ ފަރާތްތަކާއި މަޝްވަރާކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ވިޔަފާރިވެރިންނާއި، އާންމު ރައްޔިތުންނާއި އަދި ސަރުކާރުގެ މުވައްސަސާތައް ހިމެނޭކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ކައުންސިލްތަކަށް ހުށައަޅާފައިވާ މައްސަލަތައްވެސް މިކަމާއި ގުޅޭގޮތުން ބަލައި ދިރާސާކޮށްފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޤާނޫނުގެ ސަބަބުން އަންނާނެ އެންމެ ބޮޑު ބަދަލަކީ އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް މަގުކޮށިގެން ދިއުންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
"މުޅި ޤާނޫނުގެ ޑިޒައިން މިއޮތީ އާންމު ފަރުދެއްގެ ރައްކާތެރިކަމަށް. އެއީ ވިޝަންއަކީ. އެހިސާބުން އަޅުގަނޑުމެން މިކަން ފަށަންވާނީ. ފަށާއިރުގައި މާލެ ސަރަހައްދަކީ ރެޖިސްޓްރޭޝަން ކޮންޓްރޯލްޑް ޒޯންއަކަށް މިވަނީ. އޭގެ މާނައަކީ ރެޖިސްޓަރ ނުކުރެވޭނެ ޒޯންއެކޭ ނޫން. އޭގެ މާނައަކީ ރެޖިސްޓަރ ކުރެވޭނެއޭ އެހެންނަމަވެސް ވަކި މިންގަނޑުތަކެއްގައި ވަކި ގޮތަކަށް އިންތިޒާމްކުރެވިގެން ކަންކަން ކުރުމުގެ ރޫހު ހުރިހައި ބޭފުޅުންގެވެސް ހުންނަންވާނެއޭ. މިއީ އަސްލުގައި މިކަން ކުރުމުގެ މަޤްސަދަކީ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރެޖިސްޓްރޭޝަން ކޮންޓްރޯލް ޒޯންއަކަށް އެހެން ޒޯންއެއްވެސް ހެދިދާނެކަމަށެވެ. އެކަމަށް ޤާނޫނުގައި ހުރަހެއް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.