ނޭޕާލަށް ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމުގެ ކާރިސާގައި 1,300 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެން، އެ ޤައުމުގައި ރަސްމީކޮށް ގައުމީ ހިތާމަފާޅުކުރުމުގެ ދުވަސް އިޢުލާންކޮށް، ސަރުކާރުގެ ހުރިހާ އިދާރާތަކެއްގައި ޤައުމީ ދިދަ ބައިދަނޑިއަށް ތިރިކޮށްފިއެވެ.
މި ހިތާމަވެރި ކާރިސާ ހިނގަން މެދުވެރިވީ މިދިޔަ އޮގަސްޓު މަހުގެ 26 ވަނަ ދުވަހު، ނޭޕާލާއި ޗައިނާގެ ގުޅޭ ހިމާލަޔާ ސަރަޙައްދުގެ ގްލޭޝިއަރއެއް (ގަނޑުފެންގަނޑެއް) ފަޅައިގެން ގޮސް، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ. ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި މި ހާދިސާގައި މިހާތަނަށް 1,380 މީހުން މަރުވެފައިވާއިރު، 5,500 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށްދާތީ، ސަރުކާރުން މިވަގުތު އެއްވެސް ރަސްމީ އެއްވުމެއް ނުބާއްވައެވެ.
މި ހާދިސާއާ ގުޅިގެން ކަތަމަންޑޫގައި ހުންނަ ބޮޑުވަޒީރުގެ އޮފީސް ދޮށަށް ޢާންމުން އެއްވެ، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް މިހާރަށްވުރެ އަވަސްކުރުމަށް ވަނީ އަޑުއުފުލާފައެވެ. ކަމާބެހޭ އިދާރާތަކުން ހާމަކުރާ ގޮތުގައި، 12 ހައިޑްރޯޕަވަރ ސްޓޭޝަނަކުން އެކަނިވެސް 900 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ގެއްލިފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 500 މީހުން ތިބީ ވެއްޓިފައިވާ ޢިމާރާތްތަކުގެ ދަށުގައި ތާށިވެފައި ކަމަށް ލަފާކުރެވެއެވެ.
މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ވަނީ ފާއިތުވި ދުވަސްތަކުގައި ކުނިބުނީގެ ދަށުން 4 މީހަކު ދިރިތިއްބާ ސަލާމަތްކޮށްފައެވެ. އޭގެ ތެރޭގައި ހައިޑްރޯޕަވަރ ސްޓޭޝަނެއްގެ ވެއްޓިފައިވާ ފުރާޅެއްގެ ދަށުން ސަލާމަތްކުރި ޗައިނާގެ ރައްޔިތަކާއި ދެ މުވައްޒަފުންގެ އިތުރުން، ވެއްޓިފައިވާ ޢިމާރާތެއްގެ ދަށުން ސަލާމަތްކުރި ނޭޕާލްގެ އަންހެނަކު ހިމެނެއެވެ. ޙާލަތު ވަޒަންކުރެއްވުމުގެ ގޮތުން ނޭޕާލްގެ ރައީސް ރާމް ޗަންދްރާ ޕޯޑޭލް ވަނީ ގެއްލުން ލިބުނު ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވާފައެވެ.
މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މި ބޮޑު އޮޕަރޭޝަންގައި އިންޑިއާ، ޗައިނާ، ދެކުނު ކޮރެއާ އަދި އެމެރިކާގެ ޚާއްޞަ ސަލާމތްކުރުމުގެ ޓީމުތަކުން ދަނީ ނޭޕާލްގެ ސިފައިންނާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދެމުންނެވެ.