ޚަބަރު

ޔަހޫދީންގެ ހަމަލާއެއްގައި ލުބްނާނުގެ 11 މީހުން ޝަހީދުކޮށްލައިފި


ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިން، ލުބްނާނުގެ ދެކުނުގައި މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކެއްގައި، މަދުވެގެން 11 މީހުން ޝަހީދުވެފައިވާ ކަމަށް އެ ޤައުމުގެ ދައުލަތުގެ މީޑިއާއިން ހާމަކޮށްފިއެވެ.

ލެބަނޯންގެ ނޭޝަނަލް ނިއުސް އެޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޝަހީދުވި މީހުންގެ ތެރޭގައި ދެ ކުޑަކުދިންނާއި ސިއްހީ ޚިދުމަތްތެރިންގެ ދެ މީހަކު ހިމެނެއެވެ.

އެންއެންއޭއިން ބުނީ، ހޯމަ ދުވަހުގެ ހެނދުނުގެ ބަގުތެއްގައި ޔަހޫދީންގެ ނިރުބަވެރި އަސްކަރިއްޔާގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ލުބްނާނުގެ ދެކުނުގެ އަވަށެއް ކަމަށްވާ ކަފަރް ރައްމާންގެ އާންމުން ދިރިއުޅޭ އިމާރާތަކަށް ބޮންއަޅައިފައެވެ.

މި ހަމަލާތަކުގައި ދެ ކުޑަކުދިން ހިމެނޭހެން ނުވަ މީހުން ޝަހީދުވެ، އިތުރު ފަސް މީހަކު ވަނީ ޒަޚަމްވެފައެވެ. މީގެއިތުރުން، އެ އަވަށުގައި ދަތުރުކުރަމުންދިޔަ އުޅަނދަކަށް ޔަހޫދީން ދިން ޑްރޯން ހަމަލާއެއްގައި އޭގައި ތިބި ދެ ސިއްހީ ޚިދުމަތްތެރިންވެސް ވަނީ ޝަހީދުވެފައެވެ.

މީގެއިތުރުން، އާންމުންނަށް ތަން ހުސްކުރުމަށް މަޖުބޫރުކުރުމަށްފަހު، ރޭގަނޑުގެ ވަގުތެއްގައި ދެކުނު ލުބްނާންގެ ދޭރު އަލް-ޒަހްރާނީ އަވަށުގެ މީހުން ދިރިއުޅޭ ސަރަޙައްދަކަށްވެސް ޔަހޫދީން ވަނީ ވަރުގަދަ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތައް ދީފައި މިވަނީ، ނަބަޠާ ޑިސްޓްރިކްޓްގެ އަރަބް ޞާލިމް އަވަށަށް ޔަހޫދީން ދިން ހަމަލާތަކެއްގައި ހަތް މީހުން ޝަހީދުވެ، 20 މީހުން ޒަޚަމްވިތާ އެންމެ ދުވަހެއް ފަހުންނެވެ.

އެމެރިކާ އިސްވެ އޮވެ ޖޫން މަހު އެކުލަވާލި ސުލްޙައިގެ އެއްބަސްވުމުގައި ހިމެނޭ ޕްލޭނުގެ ދަށުން ހަމަލާތައް މަދުކުރުމަށް މަސައްކަތް ކުރި ނަމަވެސް، ޔަހޫދީންގެ ދައުލަތުން ދަނީ އެއްވެސް ހުއްޓުމެއްނެތި މި ޢުދުވާން ކުރިއަށް ގެންދަމުންނެވެ. މި ޕްލޭނަކީ ލުބްނާންގެ ސިފައިން ޙިޒްބުﷲ ގެ ހަތިޔާރު އަތުލުމަށާއި، ޔަހޫދީ ސިފައިން ލުބްނާންގެ ސަރަޙައްދުތަކުން ފަހަތަށް ޖެހުމަށް އެކުލަވާލި އެއްބަސްވުމެކެވެ.

ނަމަވެސް، ލުބްނާންގެ ދެކުނުގެ ގިނަ އަވަށްތަކެއް ހިޞާރުކޮށްގެން ތިބި ޔަހޫދީ ސިފައިން ފަހަތަށް ޖެހުމަށް އިންކާރުކުރުމާ ގުޅިގެން، ސިޔާސީ މަޝްވަރާތައް މިހާރު ވަނީ ކުރިއަށް ނުގޮސް ހުއްޓިފައެވެ.

ލުބްނާންގެ ސިއްޙީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މާޗް މަހުން ފެށިގެން ޔަހޫދީން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 4,350 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި 12,300 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. މީގެއިތުރުން، އެމްބިއުލަންސްތަކަށް އަމާޒުކޮށް ޔަހޫދީން ދިން 179 ހަމަލާއެއްގައި ސިއްހީ ދާއިރާގެ 135 މުވައްޒަފަކު ވަނީ ޝަހީދުކޮށްލައިފައެވެ.

ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، ޔަހޫދީ ސިފައިން ދަނީ އެއްވެސް އިންޒާރަކާ ނުލައި، ލުބްނާންގެ ދެކުނުގައި އާންމުން ދިރިއުޅޭ އަވަށްތަކަށް ބޮންއަޅައި އެ ސަރަޙައްދުތައް ސުންނާފަތިކުރަމުންނެވެ.