ސޫރިޔާގެ ދެކުނުގައިވާ ޤުނައިޠުރާ ޕްރޮވިންސްގެ ރަށްފުށުގައި އޮންނަ އަލް-ރަފީދު އަވަށަށް، ޔަހޫދީ ދައުލަތުގެ ނިރުބަވެރި ސިފައިން ބަރުހަތިޔާރު ބޭނުންކޮށްގެން ވަރުގަދަ ހަމަލާތަކެއް ދީފައިވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ސޫރިޔާގެ ޓީވީއަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހޮނިހިރު ދުވަހު ޔަހޫދީ ސިފައިން ވަނީ އެ ސަރަހައްދަށް އަމާޒުކޮށް ޖުމްލަ ހަ ހަމަލާއެއް ދީފައެވެ.
ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނު ކަމުގެ ނުވަތަ އުމްރާނީ ވަޞީލަތަކަށް ބޮޑު ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.
މި ހަމަލާތައް ދިނުމުގެ ކުރިން ޔަހޫދީންގެ އަސްކަރީ ފަސް އުޅަނދު ހިމެނޭ ފައުޖެއް އަލް-ރަފީދުގެ ބޭރު ސަރަޙައްދަށް ވަދެގަތުމަށްފަހު، އެއްވެސް މީހަކު ހައްޔަރުކުރުމަކާ ނުލައި އެނބުރި ގޮސްފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މި ހަމަލާއަކީ އެ ސަރަޙައްދުގައި ޔަހޫދީ ދައުލަތުން ހިންގަމުންދާ ޢުދުވާނީ އަދި އިސްތިޢުމާރީ އަމަލުތަކުގެ ސިލްސިލާއަށް އިތުރުވި ބޮޅެކެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުވެސް، ދެކުނު ޤުނައިޠުރާގެ ތަލް އަލް-އަޙްމަރު ކައިރިއަށް ޔަހޫދީން ވަނީ އާޓިލަރީގެ ދެ ހަމަލާއެއް ދީފައެވެ. އަދި ސޫރިޔާގެ ރަސްމީ ސާނާ ނޫހުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަންގާރަ ދުވަހު ޔަހޫދީ ސިފައިން ވަނީ އަލް-ރަފީދުގެ ހުޅަނގު ސަރަހައްދުން ކަންބަޅި ހުއިހައްޕަން އުޅުނު މީހަކު ހައްޔަރުކޮށް، ގިނަ އިރުތަކެއް ވަންދެން ބަންދުގައި ބެހެއްޓުމަށްފަހު ދޫކޮށްލައިފައެވެ.
ޤުނަސޫރިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް، ޙާއްސަކޮށް އިޠުރާ އަދި ދަރްޢާ އަށް ޔަހޫދީންގެ ނިރުބަވެރި ސިފައިން ތަކުރާރުކޮށް ވަދެގަނެ، ގަދަކަމުން ބަލައި ފާސްކުރުމާއި، މީހުން ހައްޔަރުކުރުމުގެ އިތުރުން ޗެކްޕޮއިންޓްތައް ޤާއިމުކުރުން ފަދަ ޢަމަލުތައް ދަނީ ހިންގަމުންނެވެ.
މީގެ އިތުރުން، މިދިޔަ މަހު ޔަހޫދީންގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ސޫރިޔާގެ ހުޅަނގު އުތުރުގައި އޮންނަ އަބޫ އަލް-ޛުހޫރް އަސްކަރީ ވައިގެ ބަނދަރުގެ ރަންވޭއަށް އަށް ހަމަލާއެއްދީ، އެތަނުގެ އުމްރާނީ ވަޞީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ޔަހޫދީން ސޫރިޔާގެ ސަރަޙައްދުތަކަށް ދޭ ހަމަލާތަކާއި ހިންގާ ޢުދުވާނުތައް އިންތިހާއަށް އިތުރުވެފައިވަނީ، 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު ސޫރިޔާގެ އޭރުގެ ރައީސް ބައްޝާރު އަލް-އަސަދުގެ ވެރިކަން ވެއްޓުމާ ގުޅިގެންނެވެ.
އެ ބަދަލާއެކު ޔަހޫދީ ދައުލަތުން ވަނީ 1974ވަނަ އަހަރު ސޫރިޔާއާއެކު ވެފައިވާ ހަމަލާތައް ހުއްޓައިލުމުގެ އެއްބަސްވުން ބާތިލުވެއްޖެކަމަށް ކަނޑައަޅައި، ދެ ޤައުމުގެ ދެމެދުގައި އޮންނަ ސަރަޙައްދީ ރޮނގުގެ ކޮންޓްރޯލް ގަދަބާރުން އަތުލައިގެންފައެވެ.