ފާއިތުވި ތިން އަހަރުގެ ތެރޭގައި ޔަހޫދީ ފައުޖުން ލުބްނާނަށް ދީފައިވާ ޢުދުވާނީ ހަމަލާތަކުގައި 8،920 މީހުން ޝަހީދުކޮށްލައި، 30،595 މީހުން ޒަޚަމުކޮށްލާފައިވާ ކަމުގައި އެ ޤައުމުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މި ޢަދަދުތަކުގެ ތެރޭގައި މި އަހަރުގެ މާރިޗު 2 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޝަހީދުކޮށްލާފައިވާ 4،358 މީހުންނާއި، ޒަޚަމުކޮށްލާފައިވާ 12،359 މީހުން ހިމެނެއެވެ. އެ ދުވަހަށް ފަހު، ލުބްނާންގައި އެމްބިޔުލާންސްގެ ޚިދުމަތް ފޯރުކޮށްދޭ މީހުންނަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ތަފާތު 179 ހަމަލާއެއް ދީފައިވާ ކަމަށާއި، އެ ހަމަލާތަކުގައި 135 ޞިއްޚީ ޚިދުމަތްތެރިން ޝަހީދު ކޮށްލާފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ހާމަކުރިއެވެ.
މާރިޗު 2 ވަނަ ދުވަހަށްފަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޖަރީމާތައް އިތުރުކޮށް، ފުޅާކޮށްފައެވެ. އެ ދުވަހު ލުބްނާންގެ ވެރިރަށް ބައިރޫތަށް ދިން ނިރުބަވެރި ހަމަލާތަކުގައި ވެސް 31 މީހުން ޝަހީދުކޮށްލިއެވެ. އެ ދުވަހު، ލުބްނާންގެ މުޖާހިދުންގެ ޙިޒްބުالله ޖަމާޢަތުން ވެސް ވަނީ ޔަހޫދީ ދައުލަތުގެ ރަށްތަކަށް އަމާޒުކޮށް ވަރުގަދަ ރޮކެޓު ހަމަލާތަކެއް ދީފައެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ރެފިއުޖީންނާ ބެހޭ އިދާރާއިން ބުނީ، ހުސްވި އޮގަސްޓު މަހުގެ ތެރޭގައި އެކަނިވެސް ޔަހޫދީންގެ ޢުދުވާނީ ހަމަލާތަކުގެ ސަބަބުން ލުބްނާންގެ 360,000 އަށްވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިފައިވާ ކަމުގައެވެ. މީގެ ތެރެއިން 22,000 އަށްވުރެ ގިނަ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކުގައި ކަމުގައި އެ އިދާރާއިން ހާމަކުރިއެވެ. އެމެރިކާއިން މެދުވެރިވެގެން ލުބްނާން ސަރުކާރާއި ޔަހޫދީންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލި ނަމަވެސް، ޔަހޫދީ ފައުޖުގެ ޢުދުވާނީ ހަމަލާތައް ހުއްޓައިލާފައެއް ނުވެއެވެ.
ލުބްނާންގެ ދެކުނުގެ ސަރަޙައްދުތަކުގައި ސަލާމަތީ "ބަފަރ" ޒޯނެއްގެ ގޮތުގައި ސަލާމަތީ ސަރަޙައްދެއް ކަނޑައަޅާފައިވާ ކަމުގައި ބުނެ، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދަނީ އެ ސަރަޙައްދުގައި ހަރަކާތްތެރިވަމުންނެވެ. ޖޫން މަހު ޔަހޫދީންނާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން، ޙިޒްބުالله އިން ހަތިޔާރު ބެހެއްޓުމަށް ޝަރުޠުކޮށްފައިވެއެވެ. ނަމަވެސް، ލުބްނާންގެ ދެކުނަށް އަރައިގަނެފައިވާ ޔަހޫދީ ސިފައިން އެ ސަރަޙައްދުން ނުފައިބާހާ ހިނދަކު، ހަތިޔާރު ބެހެއްޓުމަށް ޙިޒްބުالله އިން ދަނީ އިންކާރު ކުރަމުންނެވެ. އަދި، އެއީ ބާޠިލު އެއްބަސްވުމެއް ކަމުގައި ވިދާޅުވެ، ޙިޒްބުالله ގެ ވެރިޔާ ނަޢީމް ޤާސިމް ވަނީ، އެއްބަސްވުން ތަންފީޒުކުރަން ފެށުމުގެ ފުރަތަމަ ފިޔަވަޅުގެ ގޮތުގައި ޔަހޫދީ ސިފައިން ލުބްނާނުން ފޭބުމަށް ގޮވައިލައްވާފައެވެ.
ފާއިތުވި ހަފުތާ ބަންދުގެ ތެރޭގައި ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ބައެއް ރަށްތަކަށް ނިރުބަވެރި ހަމަލާތަކެއް ދީފައެވެ. މީގެ ތެރެއިން، ކަފަރް ރިމާނަށް ދީފައިވާ ހަމަލާތަކެއްގައި ތިން މީހުން ޝަހީދުކޮށްލައި، 23 މީހުން ޒަޚަމުކޮށްލިއެވެ. އެއީ، އަލް-ޠާހިރު ބުރިޖުގެ ދަށުގައި ހުރި ޙިޒްބުالله ގެ ބިންގަރާސްތަކަށް އަމާޒުކޮށް ދީފައިވާ ހަމަލާތަކެއް ކަމުގައި ޔަހޫދީ ފައުޖުން ބުނެއެވެ. މީގެ އިތުރުން، ޞޫރު އަދި ނަބަޠިއްޔާގެ ހަތް ރަށަކަށް ވެސް ޔަހޫދީ ފައުޖުން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ. ނަމަވެސް، އެ ހަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައި ނުވާ ކަމުގައި ލުބްނާންގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ. މީގެއިތުރުން، ސެޕްޓެންބަރު 6 ވަނަ ދުވަހުގެ ޔަހޫދީ ފައުޖުން ޒައުތަރު އަލް-ޝަރްޤިއްޔާއަށް ވެސް ވައިގެ ހަމަލާތަކެއް ދީފައިވެއެވެ.