ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ހުރި ސްޓޭޓް ފާމާގެ ފާމަސީތަކުގެ ސްޓޮކް ވަގުތުން ބަލާލެވޭނެ ނިޒާމު ދައުލަތުގެ ބޭސް ކުންފުނީގައި ޤާއިމުކުރެވިއްޖެކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހް މާހިރު ވިދާޅުވެއްޖެއެވެ.
އެކުންފުނިން މިހާރުދަނީ ދެމެހެއްޓެނިވި ގޮތެއްގައި ބޭހުގެ ކަންކަން ކުރިއަށްގެންދިޔުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހުގެ މައްސަލަ ހައްލުކުރުމަށް ދިމާވެފައިވާ އެންމެ ބޮޑު ހުރަހަކީ މާލެއާއި ރަށްރަށުގެ ފާމަސީތަކުގައި ބޭސް ހުރި މިންވަރު ނުވަތަ ސްޓޮކް ނޭނގުންކަމަށް އެކުންފުނިވަނީ މިދިޔަ އަހަރު ފާހަގަކޮށްފައެވެ. ކުންފުންޏަށް އަހަރެއްވުމާއި ގާތްވެފައިވާއިރު އެކުންފުނިން ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައިވަނީ ބޭހުގެ މައްސަލަ ހައްލުކުރުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފައެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ސްޓޭޓް ފާމާގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދެމެހެއްޓެނިވިގޮތަކަށް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.
އޭގެދަށުން މިހާރު ހުރިހާ ރަށެއްގައި ހުރި އެކުންފުނީގެ ބޭސް ފިހާރަތަކުގައި ހުރި ބޭހުގެ ސްޓޮކް ވަގުތުން ބެލޭނެ ޑިޖިޓަލް ނިޒާމެއް ޤާއިމުކުރެވިފައިވާކަމަށް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށްވެސް ބޭހުގެ ސްޓޮކް ފެންނާނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.
ދެމެހެއްޓެނިވިގޮތެއްގައި މެދުނުކެނޑި ބޭސް ލިބޭނެ ގޮތްހެދުމަށްޓަކައި އަހަރަކަށް ބޭނުންވާ ބޭހުގެ އޯޑަރު ދުރާލާ ޖެހުމަށްޓަކައި ބޭސްތަކުގެ ސްޓޮކް ދެނެގަނެ ކުންފުނިތަކާއި ގުޅިގެން ބޭސް އެތެރެކުރުމަށް ބޭނުންވާ އެހެނިހެން މަސައްކަތްތައް އެކުންފުނިން މިހާރުދަނީ ކުރަމުންނެވެ.
މިހާތަނަށް 3 ކުންފުންޏަކާއެކު ބޭސް އެތެރެކުރުމަށްޓަކައި އެއްބަސްވުންވަނީ ޤާއިމުކޮށްފައެވެ. އަދި އިތުރު ކުންފުނިތަކާއެކުވެސް މިއެއްބަސްވުން ޤާއިމުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ބޭސް ރައްކާކުރުމަށް ބޭނުންވާ ސްޓޯރޭޖްތައް ޤާއިމުކުރުމާއި، ހޮސްޕިޓަލުތަކުގައި ފާމަސީތައް ޤާއިމުކުރުމާއި، ރާއްޖެއަށް ބޭނުންވާ ބޭސްތައް ގެނައުމަށް އޯޑަރުތައް ޖެހުމުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ. މިހާރު ދިމާވެފައިވާ ބޭހުގެ މައްސަލައަށް އެދެވޭ ހެޔޮ ބަދަލެއް އަންނަ އަހަރުގެ މެދުތެރޭ އަންނާނެކަމަށް އެކުންފުނިން ވަނީ އަންދާޒާކޮށްފައެވެ.
ބޭސްތައް ރާއްޖެއަށް ގެނައުމަށް މަސައްކަތްކުރަމުންދާއިރު އެކުންފުނީގެ މުވައްޒަފުން ތަމްރީނުކުރުމަށްވެސްވަނީ ނިންމާފައެވެ. ބޭސް ކުންފުނިން ވިދާޅުވީ ބޭސް ސިޓީއެއްގައި ހިމެނޭ ބޭހެއް އެފާމަސީއެއްގައި ނެތްނަމަ، ލިބެން ހުންނާނެ އެހެން ފާމަސީއެއް ބަލި މީހުންނާއި މިހާރު ހިއްސާކުރާނެކަމަށެވެ. އަދި އެއީ މިވަގުތު ރާއްޖެއިން ހުސްވެފައިވާ ބޭހެއްނަމަ ވީއެންމެ އަވަހަކަށް ބޭސް ސިޓީއަށް އޯޑަރު ޖެހުމުގެ ކަންކަން އެފާމަސީއަކުން ކޮށްދޭނެކަމަށް ބޭސް ކުންފުނިން ވިދާޅުވެއެވެ. ބޭހާއި ގުޅޭގޮތުން ރާއްޖޭގެ ކޮންމެ ހިސާބަކުންވެސް ގުޅޭނެހެން 24 ގަޑިއިރު ޚިދުމަތްދޭ 1505 ހޮޓްލައިނެން އެކުންފުނިންވަނީ ޤާއިމުކޮށްފައެވެ.